އެމެރިކާ އިން ވެނެޒުއޭލާއަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށްފަހު ވަނީ އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށްގެން ގޮސްފަ އެވެ.
އެމެރިކާގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި މަދޫރޯ މިހާރު ވަނީ ބްރޫކްލިންގައި ހުންނަ މެޓްރޮޕޮލިޓަން ޑިޓެންޝަން ސެންޓަރަށް ގެންގޮސްފައެވެ.
މަސްތުވާތަކެއްޗާއި ހަތިޔާރުގެ ވަގު ވިޔަފާރީގެ ދައުވާ ދެކަނބަލުންގެ މައްޗަށް އުފުލާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ.
މި ދައުވާތަކުގެ ތެރޭގައި ހިމެނެނީ، މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުންހުރި ޓެރަރިޒަމްގެ އަމަލުތައް ހިންގަން ރޭވުމާއި، ކޮކެއިން އެތެރެކުރުމަށް ރޭވުމާއި، މެޝިން ބަޑި އާއި ބޮންފަދަ ނުރައްކާތެރި އާލާތްތައް ގެންގުޅުމުގެ އިތުރުން، އެމެރިކާއާ ދެކޮޅަށް މިފަދަ ހަތިޔާރާއި އާލާތްތައް ގެންގުޅުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް މަދޫރޯ ގެންދިޔަ ކަމުގެ ކަންބޮޑުވުން ގައުމުތަކުން ފާޅުކުރަމުން ދިޔަ ނަމަވެސް ޓްރަމްޕު ވިދާޅުވަމުން ގެންދަނީ މިއީ މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް މުހިންމު ނިންމުމެއް ކަމަށެވެ.
ވައިޓް ހައުސް އިން ވަނީ މަދޫރޯގެ ކަނުބަނދެ ބިޑި އަޅުވާފައި ބަހައްޓައިގެން އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަންގެ އޮފީހަކަށް ހާޒިރުކުރަނިކޮށް ނަގާފައިވާ މަންޒަރުތަކެއް އާންމުކޮށްފަ އެވެ.
އެމެރިކާއިން ވެނެޒުއެލާއަށް ދިން ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރީ އަސްކަރީ ތަންތަނަށެވެ. މި ހަމަލާތަކާ ގުޅިގެން ވެނެޒުއޭލާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;