މި އިސްލާހު ޕެންޝަން ގާނޫނަށް ގެންނަން ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެންބަރު ހުސައިން މުފީދު އަބްދުލްގާދިރު އެވެ. މިި ބިލުގައިވަނީ ރިޓަޔާމެންޓް ޕެންޝަން އެކައުންޓްގައި ހުންނަ ފައިސާ ނެގޭނީ 65 އަހަރުވުމުން ކަމަށްވީ ނަމަވެސް މި އިސްލާހާއި އެކު ޓާމިނަލް އިލްނަސްގެ ހާލަތުގައި ތިބޭ މީހުންނަށް އެ އުމުރު ހަމަނުވިޔަސް އެ ފައިސާ ނެގިދާނެ ކަމަށް ވެ އެވެ.
އެ މާއްދާގައިވާ ގޮތުން "ޓާމިނަލް އިލްނަސްގެ ހާލަތް" ކަމަށް ބުނެފައި އެވަނީ އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިން ކަމުގައި ވިޔަސް 12 މަސްދުވަހަށް ވުރެ ދިގު މުއްދަތަކަށް އެމީހަކު ދިރިހުރުމަކީ ނާދިރު ކަމެއް ކަމަށް ސްޕެޝަލިސްޓް ޑޮކްޓަރަކު ކަނޑައަޅާފައިވާ ހާލަތު ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައި ވެ އެވެ.
އެ ބިލްގައިވާ ގޮތުން އެފަދަ ހާލަތެއްގައިވާ މީހަކު ޕެންޝަން ސޭވިންގްސް އެކައުންޓްގައިވާ ފައިސާ ދޫކުރަން ހުށަހަޅާ ހާލަތުގައި އެމީހަކު ކަނޑައަޅާ އަދަދެއްގެ ނުވަތަ އެ އެކައުންޓްގައި ހުންނަ ހުރިހާ ފައިސާއެއް އެކި ފަހަރުމަތިން ނުވަތަ އެއްފަހަރާ ވެސް ދޫކުރެވިދާނެ ކަމަށް ފާހަގަ ކޮށްފައި ވެ އެވެ.
ޕެންޝަން ގާނޫނަށް އިސްލާހު ގެންނަން މުފީދު ހުށަހެޅުއްވި ބިލުގައި އެ ގާނޫނަށް އިތުރު ގިނަ ބަދަލުތަކެއް ގެންނަން ވެސް ހުށަހަޅާފައިވެ އެވެ.
ޕެންޝަން ފަންޑުގައިވާ ފައިސާ، ގެދޮރު ގަތުމުގެ އިތުރުން ގެދޮރު އިމާރާތް ކުރުމާއި މަރާމާތުކުރަން ދައްކަން ޖެހޭ ޑައުންޕޭމަންޓް ދައްކަން ކޮލެޓްރަލައިޒް ކުރެވޭ ގޮތަށް ބަދަލުކުރުން އޭގެ ތެރޭގައި ހިމެނެ އެވެ.
ޕެންޝަން ގާނޫނުގެ މިހާރު އޮތްގޮތުން ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ކޮލެޓްރަލައިޒް ކުރެވެނީ އިމާރާތްކޮށް ނިންމައި އަދި އާއްމުކޮށް ހުޅުވާލައިގެން ވިއްކާ ފްލެޓްތައް ގަތުމަށް ޑައުންޕޭމަންޓް ދެއްކުމަށެވެ.