މިއަދު ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ ފުޅާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ސިއްހީ ހިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި އަތޮޅުތެރޭގެ ހޮސްޕިޓަލްތައް ތަރައްގީކޮށް އެތަންތަނުން ލިބޭ ހިދުމަތްތައް ފުޅާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވެސް މިނިސްޓަރު ވަނީ މި ބައްދަލުވުމުގައި ހިއްސާ ކުރައްވާފައި އެވެ.
ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށްޓަކައި ރާއްޖޭގައި ފަހުގެ ތާރީހެއްގައި ނުހިންގޭ ވަރުގެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއެއް ފައްޓަވާފައިވާ ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފައި އެވެ.
އަތޮޅުތެރޭގެ އުމްރާނީ މަޝްރޫއުތަކަށް ބަލާއިރު އައު ހޮސްޕިޓަލްތައް އެޅުމުގެ 39 މަޝްރޫއު މިވަގުތުވެސް ދަނީ ކުރިއަށެވެ.
އަލަށް 19 ސިއްހީ މަރުކަޒެއް އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު 89 މަރުކަޒެއް އެކްސްޓެންޝަން އަދި އަޕްގްރޭޑްކުރުމުގެ މަސައްކަތް ދަނީ ކުރިއަށްގެންދަމުންނެވެ. 12 މަޝްރޫއެއް ނިމިފައިވާއިރު އިތުރު 22 މަޝްރޫއެއްގެ މަސައްކަތް ވަނީ ކުރިއަށް ރޭވިފައެވެ. މީގެތެރޭގައި 8 ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތާއި، 5 އައު ސިއްހީ މަރުކަޒު އެޅުމުގެ މަސައްކަތް ހިމެނެ އެވެ. އަދި މީގެއިތުރުން 9 އެކްސްޓެކްޝަން އަދި އަޕްގްރޭޑިންގެ މަސައްކަތް ވަނީ ރާވާފަ އެވެ.