ads
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް
ބޭސް ނުލިބޭ މައްސަލައަށް ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެ: ނާޒިމް
ބޭސް ނުލިބުމުގެ މައްސަލައަށް ބޮޑުތަނުން ހައްލު ލިބިގެން ގޮސްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
Advertisement

މުހިންމު ބައެއް ބޭސްތައް ރާއްޖެއިން ލިބުން ދަތިވެ، ބޮޑު އަގުގައި ގަންނަން ޖެހޭ މައްސަލަ ބޮޑުވެފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވިއިރުވެސް އާންމުން އެންމެ ގިނައިން ކުރި އެއް ޝަކުވާއަކީ އެކީއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެ މައްސަލައަށް 100 ޕަސެންޓް ހައްލު ލިބޭނެ ދުވަހެއް ނޭންގުނު ނަމަވެސް، މައްސަލަ ހައްލުކުރަން ގިނަ ފިޔަވަޅުތަކެއް އަޅައި، މިހާރުވެސް ބޮޑެތި ލުއިތަކެއް ލިބެމުންދާ ކަމަށެވެ. 

ނާޒިމް ވިދާޅުވީ ބޭހުގެ މައްސަލަ ހައްލު ކުރުމަށް ސަޕްލައިގެ އިތުރުން އާސަންދަ ނިޒާމާއި އެޑްމިނިސްޓްރޭޓިވް ޕްރޮސެސްގެ ތެރެއިން ރަނގަޅު ކުރަން ޖެހޭ ކަންކަން ކުރާމުންދާ ކަމަށެވެ.

"މީގައި ގަވަނަންސް ނިޒާމުގެ ތެރެއިން ކުރަންޖެހޭ ކަންތައްތަކާއި ބައެއް ސަޕްލައިގައި ކުރަންޖެހޭ މަސައްކަތްތަކާއި އާސަންދައިން ލިބެން މިއިންނަ ނިޒާމުގައި އެއިންނަ އެޑްމިނިސްޓްރޭޓިވް ޕްރޮސެސްގެ ތެރޭގައި ރަނގަޅު ކުރަން ޖެހޭ ކަންތައްތަކާއި މި ހުރިހާ ކަންތައްތަކަށް ރިޔާޔަތްކުރެވިގެން މި މަސައްކަތް މިކުރެވެމުންދަނީ،" ނާޒިމް ވިދާޅުވި އެވެ.

ބޭސް އެތެރެކުރުމުގެ އިތުރުން، އުސޫލުތައް ހަރުދަނާކުރުމުގެ ގޮތުން މިދިޔަ އަހަރު މުޅިން އަލަށް 40 ޓްރީޓްމަންޓް ގައިޑްލައިން އެކުލަވާލާފައިވާ ކަމަށާއި މި ގައިޑްލައިންތަކުގެ ސަބަބުން ޑޮކްޓަރުންނާއި ބަލިމީހުންނަށް އެންމެ އެކަށޭނެ ބޭސްތައް ކަނޑައެޅުމުގައި ފަސޭހަވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި، "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި" ގެ ނަމުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު 9 ގައި ސަރުކާރުން ވަނީ ހާއްސަ ކުންފުންޏެއްވެސް އުފައްދާފަ އެވެ.

ބޭސް ނުލިބޭ މައްސަލަ ބޮޑުވެ، އާންމުން ޝަކުވާ ކުރަމުންދާތާ ދުވަސްތަކެއް ވެފައިވާއިރު، ސަރުކާރުން ބުނަމުން އަންނަނީ އެކި ނިޒާމުތައް ތައާރަފު ކޮށްގެން ވެސް މައްސަލަ ހައްލު ކުރަން މަސައްކަތް ކުރާ ކަމަށެވެ. ބޭސް އެތެރެކުރަން ހާއްސަ ކުންފުންޏެއް އުފެއްދީ ވެސް އޭގެ ތެރެއިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް