ads
މިނިސްޓަރު ޝަހީމާއި ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް
ހައްޖު ކޯޕަރޭޝަންގެ ހައުސިން މަޝްރޫއުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަނީ
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭގައި ހިންގަން ނިންމާފައިވާ ހައުސިން މަޝްރޫއުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން މިއަދު ހުޅުވާލައިފި އެވެ.
Advertisement

ހައްޖު ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ބުނީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުގެ ދަށުން ހުޅުމާލެ 2 ގައި ރެސިޑެންޝިއަލް އިމާރާތެއް އަޅަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. 

ބީލަމުގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހު ހެނދުނު 11:00 ގައި ހައްޖު ކޯޕަރޭޝަންގެ އިދާރާގައި ކަމަށް އެ އިއުލާނުގައި ބުންޏެވެ. 

އެ އިއުލާނުގައި ބުނި ގޮތުގައި؛ބީލަމުގައި ރަޖިސްޓްރީކުރުމަށް ފީއެއްގެ ގޮތުގައި 30،000ރ. ނުވަތަ 2،000 ޑޮލަރު ދައްކަން ޖެހޭނެ ކަމަށާއި ބިޑް ސެކިއުރިޓީގެ ގޮތުގައި ދެ މިލިއަން ރުފިޔާ ނުވަތަ އެ އަދަދަށް ވާ ޑޮލަރު ދައްކަން ޖެހޭ ކަމަށް ވެ އެވެ.

 ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭގައި "ނިއަމް ރެސިޑެންސް"ގެ ނަމުގައި ހައުސިން މަޝްރޫއެއް ހިންގަން ނިންމައި، އެ އިމާރާތުގެ ޑިޒައިންގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ހަވާލުކުރީ ސެޕްޓެމްބަރު 24، 2024 ގަ އެވެ.

އެ އެއްބަސްވުމުގެ ދަށުން އެ މަޝްރޫއަށް ބޭނުންވާ އާކިޓެކްޗަރަލް އާއި އިންޖިނިއަރިން އަދި ކުރެހުންތައް ފޯރުކޮށްދިނުމާއި ކޮންސަލްޓެންސީގެ ހިދުމަތް އެފްޑީސީން ދޭނެ އެވެ.

ހައްޖު ކޯޕަރޭޝަނުން މެއި، 2024 ގައި ވަނީ ހުޅުމާލެއިން ދެ ބިމެއް ގަނެފަ އެވެ. އޭގެ ތެރެއިން އެއް ބިމުގައި ނުވަ ފްލޯގެ އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް ސެޕްޓެމްބަރު 2024 ގައި ވަނީ ފަށައިފަ އެވެ. އެއީ 5،000 އަކަފޫޓުގެ ބިމެއްގަ އެވެ.

އޮފީސް އިމާރާތުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 79.1 މިލިއަން ރުފިޔާއަށް މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަސައްކަތް ހަވާލުކުރީ ދޮޅު އަހަރު ދުވަސް ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް