ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އަމިން ކޮންސްޓްރަކްޝަން ހިމެނޭ މުއާމަލާތާ ގުޅިގެން ބައްސާމްގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވާއިރު، އެ މުއާމަލާތާ ގުޅިގެން އަމިންގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ބެލެވޭ ކަމަށެވެ.
މި މައްސަލައިގައި ޝަރީއަތުގެ މަޖިލީހުގައި މި މައްސަލަ ބައްލަވާ، ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު ދިވެހި ރުފިޔާއަށް މާރުކުރަން އަމިންއަށް ޖަމާކޮށްފައިވާ ކަމަށާއި އެ ޑޮލަރަށްވާ ފައިސާ، ނަގުދު ފައިސާގެ ގޮތުގައި އެފްއޭއެމްގެ މުވައްޒަފެއް ކަމަށްވާ އަދި މި މައްސަލައިގައި ދައުވާ ލިބޭ ހަސަން ވަހީދާ ހަވާލުކޮށްފައިވާ ކަން ޝަރިއަތަށް ސާބިތުވާ ކަމަށެވެ.
އެކަމަކު އެ ފައިސާ، ބައްސާމް އެޕާޓްމެންޓް ގަންނަން ބޭނުން ކުރި ކަމަށް ދައުލަތުން ބުނާއިރު، އެކަމަށް ބާރުދޭ ހެއްކެއް ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ.
މި މައްސަލައިގައި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވިނަމަވެސް، ބައްސާމްގެ މައްޗަށް އޮތީ ކުށް ސާބިތުވެފައެވެ.
ބައްސާމްގެ މައްޗަށް މި މައްސަލަ ސާބިތުވެ، މިއަދުވަނީ 23 އަހަރުގެ ހުކުމް އިއްވާފައެވެ. އެއީ، އަށް އަހަރުގެ ހުކުމަކާ 15 އަހަރުގެ ހުކުމެކެވެ. ކުރިން ކުރި ދެ ހުކުމާއެކު ބައްސާމްގެ ޖުމްލަ ހުކުމް 32 އަހަރަށް އަރައެވެ.