މިއީ އަރީކް މަންމަ ދުލުން އެންމެ ފުރަތަމަވެސް ބޭރުވި ބަހެވެ.
އަރީކް ދިރިއުޅެނީ ގްލޯބަލް ޑިވެލޮޕްމަންޓަލް ޑިލޭ އާއި ފޭޝަލް ޑިސްމޯރފިޒަމް އާއި އެކު ނަމަވެސް ހިތް އެންމެ ބޮޑަށް ފަޅައިގެން ދަނީ އޭނާގެ ސީރިއަސް އެޕިލެޕްސީ ކަމުގެ ސަބަބުން އަރީކްގެ މަންމަ އައިސަތު ތައުފީގު ބުނި އެވެ. ކުއްޔާއި، ކާބޯތަކެއްޗާއި، ދަތުރުފަތުރާއި، ހިނގަމުންދާ ސިއްހީ ބޭނުންތައް ދުވަހެއް ދުވަހަކަށް ދަނީ ބޮޑުވަމުން ކަމަށާއި އަންނަ މަހު އޭނާގެ ފުރާނަ ސަލާމަތްކުރުމަށް ފަރުވާއަށް އިންޑިއާއަށް ދަތުރުކުރަން ނިންމާފައިވާ އިރު އެއީ އެންމެ ފަހުގެ އުންމީދުކަމަށް އައިސާ ފާހަގަ ކުރި އެވެ.
އަރީކްގެ މެޑިކަލް ލެޓާރް
އެތަނުގައި ހަ މަސް ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު މަޑުކުރަން ޖެހިދާނެ ކަމަށް ޑޮކްޓަރު ފާހަގަ ކޮށްފައިވާ ކަމަށާއި މިދުވަސްވަރު އަރީކްގެ ބައްޕަ ވަނީ މަސައްކަތުން މުސާރަ ނުލިބި ޗުއްޓީ ނަގައިގެން ދަރިފުޅާއި އެކު މި ދަތުރުގައި ދާން މާލެ އައިސްފައި ކަމަށްވެސް އައިސާ ބުނި އެވެ.
މިކަމުގެ ސަބަބުން އާއިލާއަށް އެއްވަރެއްގެ އާމްދަނީއެއް ނުލިބޭ ކަމަށާއޮ ހަރަދުތައް އިތުރު ވަމުން އަންނަ ކަމަށްވެސް އޭނާ ސީއެންއެމް އަށް ކިޔާދިނެވެ.
އައިސާ ފާހަގަ ކުރި ގޮތުގައި އަރީކް އަކީ އުމުރުން އެންމެ އެއް އަހަރުން ފެށިގެން ވަރަށް ބޮޑަށް ބަލިވެ ރަށުން ފަރުވާ ނުކުރެވިގެން މާލެ އައިސްގެންވެސް އެކުއްޖާ ތަހަންމަލު ކުރާ ބައްޔެއް ޔަގީން ވެފައި ނުވާ ކުއްޖެ ކަމުގައި އެވެ.
އަދި މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލް އިން ފަރުވާ ހޯދަމުން އަންނަ ކަމަށާއި ނަމަވެސް އިންޑިޔާގައި އެހާ ދުވަހު ހުންނާނެހާ ފެންވަރު ނެތުމުން ޑޮކްޓަރުގެ ލަފަޔާ ދެކޮޅަށް ރާއްޖެ އެނބުރި އަންނަ މަޖުބޫރުވީކަމުގައި އޭނާ ފާހަގަ ކުރި އެވެ.
އަރީކްގެ މެޑިކަލް ލެޓާރް
އައިސާ އިތުރަށް ފާހަގަ ކުރިގޮތުގައި މާލެ އައީ ޖެނުވަރީ 5 ވަނަ ދުވަހު ފުރުމަށް ކަމަށާއި ނަމަވެސް މޯލްޑިވިއަން އިން ޓިކެޓް ލިބޭ ގޮތް ނުވުމުން އިންޑިގޯ އިން ދިއުމަށް ބަދަލުކުރި ކަމަށެވެ. ނަމަވެސް ފަހު ވަގުތު އެ އެއާ ލައިން އިން ވަނީ ޓިކެޓް އަގުބޮޑުކޮށްފައި ކަމަށްވެސް އޭނާ ފާހަގަ ކުރި އެވެ.
މިކަމާއި ގުޅިގެން އާސަންދައިން ޓިކެޓް ފުލީ ކަވަރު ނުކުރެވޭނެ ކަމަށް އަންގާފައިވާ ކަމަށާއި މިހާރު އޮތީ މޯލްޑިވިއަން އިން 17 ވަނަ ދުވަހު ފުރަން ތައްޔާރުވެފައި ކަމަށްވެސް އައިސާ ބުނި އެވެ.
އައިސާ ބުނީ މިކުޑަކުޑަ އަރީކް މުހައްމަދު ފަހުމީގެ ފުރާނަ ސަލާމަތް ކުރުމަށް އާންމުންގެ އެހީ އިންތިހާ އަށް ބޭނުން ވެފައިވާ ކަމުގައި އެވެ.
މައުލޫމާތު ހޯދުމަށް ގުޅާނެ ނަމްބަރަކީ 7372821 ނުވަތަ 7662821 ކަމަށް އައިސާ ބުނި އެވެ
އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކުން މި އެކައުންޓް ނަމްބަރު ތަކަށް ފައިސާ ފޮނުވޭނެ:
----------------------------------
އައިސަތު ތައުފީގް (ރުފިޔާ) : 7730000228471 (ބީއެމްއެލް)
އައިސަތު ތައުފީގް (ޑޮލަރު) : 7730000739258(ބީއެމްއެލް)