ރާއްޖޭގެ އެއާ ކޮލިޓީ ބަލަހައްޓާ ވިލިމާލޭގައި ހުންނަ ސިސްޓަމުން ދައްކާގޮތުން މާލެ ސަރަޙައްދުގެ ވައިގެ ނުސާފުކަން ހުރި މިންވަރު ވަނީ، 193 އަށް އަރާފަ އެވެ. އަދި ދ.ކުޑަހުވަދޫގައި ހުންނަ މޮނީޓަރިންގ ސިސްޓަމުން ދައްކާގޮތުން އެސަރަހައްދުގެ ވައިގެ ކޮލިޓި ހުރީ 162 ގައެވެ.
ރާއްޖެ ސަރަޙައްދުގެ ވައިނުސާފު ވެފައިވަނީ، އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަހައްދުން އަންނަ ފުސްދުމާ އެކުގަ އެވެ. ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުމުގައި މިމައްސަލަ ރާއްޖެއަށް ދަނީ ކުރިމަތިވަމުންނެވެ.
މިހާރު އާންމުކޮށް ކޮންމެ އަހަރަކު ވެސް، އިރުވައި މޫސުމުގައި ރާއްޖެއަށް ޖައްވު ތަގައްޔަރުވުމުގެ ސަބަބުން ހޭޒް ނުވަތަ ފުސްކަމުގެ އަސަރު ކުރެ އެވެ. ރާއްޖޭގެ ޖައްވު ތަގައްޔަރު ވަނީ އުތުރު އިންޑިއާގެ ސަރަހައްދުތަކުގައި އަންނަ ނުސާފު ވައިގެ ސަބަބުންނެވެ.
ވައި ނުސާފުވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ސިއްހީ އިދާރާތަކުން އަބަދު ވެސް އިލްތިމާސްކުރެއެވެ. އެގޮތުން، ނުރައްކާތެރި ވަރަކަށް ވައި ނުސާފުވުމުން ނާޒުކު ހާލަތުގައިވާ މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ފާހަގަކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ނާޒުކު ހާލަތްތަކުގައިވާ މީހުން ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމާއި، ވައި ނުވަންނަހެން ދޮރުތައް ލައްޕާފައި ބެހެއްޓުމާއި، އެއާ ޕިއުރިފަޔާ ބޭނުންކުރުން ހިމެނެ އެވެ.
އެޗްޕީއޭއިން ވަނީ ވައި ނުސާފު ވަގުތުތަކުގައި ނާޒުކު ހާލަތުގައިވާ މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލަން ވެސް އިލްތިމާސްކޮށްފަ އެވެ.