ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ވޯޓްލުން އޮންނާނީ އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ ޖުމްލަ 294،937 މީހުންނަށްކަމަށް އީސީން ބުނެއެވެ. އޭގެތެރޭގައި ހިމެނެނީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ.
އީސީން ބުނީ ދިވެހިސަރުކާރުގެ ގެޒެޓު އަދި ކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން، (VR space IDNO Send to 1414) އެސް.އެމް.އެސް ކޮށްގެން ރަޖިސްޓަރީ ޗެކްކުރެވޭނެކަމަށެވެ.
އީސީން ބުނީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ޝަކުވާ ހުށައަޅާނީ އެ ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށްކަމަށެވެ. އަދި ޝަކުވާ ހުށައެޅުމުގެ ސުންގަޑިއަކީ މިމަހުގެ 18 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށް ކަމަށްވެސް އީސީން ބުނެއެވެ.
މި މުއްދަތުގައި ރަޖިސްޓަރީ ސައްހަކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލަކާ ނުވަތަ އުނިއިތުރަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅޭނެކަމަށްވެސް އީސީން ބުނެއެވެ.
ސިޔާސީ ޕާޓީތަކުން ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށްކަމަށް އީސީން ބުނެއެވެ.
ކައުންސިލް މި އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބު ކުރާނެއެވެ.