ވެރިކަންކުރާ ޕީއެންސީގެ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ލޯކަލް ޓޫރިޒަމަކީ މި ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ މަސައްކަތެއް ކަމަށެވެ. އަދި، ލޯކަލް ޓޫރިޒަމް ކުރިއަރުވަން މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ކައުންސިލްތަކަށް ދީނާ އިދިކޮޅު ފިކުރުގެ ވިސްނުން ހުންނަ ބަޔަކު ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހޮވައިފި ނަމަ، އެކަންކަން ނުބަލާނެ ކަމުގެ ބިރު އޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ލޯކަލް ޓުއަރިޒަމް ރަށްތަކާ ގުޅޭ ގޮތުން މި ޖަލްސާގައި ރައީސް ދެން ފާހަގަ ކުރެއްވި ކަަމަކީ އެ ރަށްތަކުގައި ޓުއަރިސްޓުން އިޖުތިމާއީ މިންގަނޑާ ހިލާފަށް ހެދުން އަޅަމުންދާ ކަމެވެ.
މި ގަވާއިދުތައް ތަންފީޒު ކުރުމުގައި ކައުންސިލްތަކުގެ ދައުރު ވަރަށް މުހިންމު ކަމަށާއި އެގޮތުން ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ކުރި ނަމަވެސް، ދުވަހުން ދުވަހަށް އެއްބާރުލުން ދޭންޖެހޭ ފަރާތަކީ ކައުންސިލްތައް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމް ހިނގާ ކޮންމެ ރަށެއްގައި އެކަމަށް ހާއްސަ އޮފީހެއް ހެދުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. އަދި އެ އޮފީސްތައް ހިންގުން ހަވާލުކުރާނީ ކައުންސިލްތަކާ ކަމަށްވެސް ވިދާޅުވި އެވެ.