ސްޕެޝަލް އޮލިމްޕިކްސް އިންޓަނޭޝަނަލް އަކީ ކުޅިވަރުގެ ހަރަކާތްތައް މެދުވެރިކޮށް، ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މީހުން ބާރުވެރިކުރުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްކުރާ ޖަމްއިއްޔާއެކެވެ. އެގޮތުން، ދިވެހިރާއްޖޭގައި މި ހަރަކާތްތައް ގައުމީ ފެންވަރުގައި ހިންގާ އިދާރާއަކީ ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޖިސްމާނީ ދުޅަހެޔޮކަމާއި، ސިއްހަތައް ރަނގަޅު ކާނާގެ މުހިންމުކަމާއި، ކުޅިވަރުގެ ހުނަރުތަކުގެ އިތުރުން އާއިލީ ދުޅަހެޔޮކަމަށް ބާރުއަޅައި ހޭލުންތެރިކަން އިތުރުކުރުން ކަމަށް ދިރާގުން ބުންޏެވެ.
މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް، އެ ރަށުގެ ކޯޗުންނާއި ވޮލަންޓިއަރުން ތަމްރީނުކުރުމުގެ މަސައްކަތް ވެސް މި ޕްރޮގްރާމްގެ ތެރެއިން ކުރިއަށްދާނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ޗެއާޕާސަން އިބްރާހިމް ރަމީޒު ވިދާޅުވި ގޮތުގައި، ކުޅިވަރުގެ ތެރޭގައި އެންމެން ޝާމިލުކުރުވުމަށާއި ހަމަހަމަކަން ގާއިމުކުރުމަށް 'ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް'އަކީ މުހިންމު ދައުރެއް އަދާކުރާ ހަރަކާތެކެވެ. އެގޮތުން، މި ފެސްޓިވަލްތަކުން ބިންގާއެޅުނު ގިނަ އެތުލީޓުންތަކެއް ބައިނަލްއަގުވާމީ މައިދާންތަކުގައި ރާއްޖެ ތަމްސީލުކޮށް، ރަން ވަނަތައް ހާސިލް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މިރްޝާން ހަސަން ވިދާޅުވި ގޮތުގައި، މިއީ ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖެއްގެ ހެދިބޮޑުވުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ފުރުސަތުތައް ހަމަހަމަކަމާ އެކު ފޯރުކޮށްދިނުމަށް ދިރާގުން ދޭ އިސްކަން ރަމްޒުކޮށްދޭ ކަމެކެވެ.
ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަކީ، ކުޅިވަރުގެ ޒަރީއާއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަށް ދިރާގާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.
މި ޕްރޮގްރާމް ފާއިތުވެ ދިޔަ 8 އަހަރު ވަނީ މާލޭގައި ބާއްވައިފަ އެވެ. ދިރާގުން ދަނީ މުޖުތަމައުއަށް މަންފާކުރަނިވި މި ފަދަ ހަރަކާތްތަކަށް ހާއްސަ އިސްކަމެއް ދީގެން މި ފަދަ ހަރަކާތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.