އަގުބޮޑު މަރާމާތަކަށްފަހު ޕީއެންސީގެ ޖަގަހަ ހިންގަމުންދިޔަ އިމާރާތުގައި އެ ޕާޓީގެ އޮފީސް ރަސްމީކޮށް ހުޅުވައިފި އެވެ.

Advertisement
ޕީއެންސީގެ މައި އޮފީސް ހުޅުވައިދެއްވީ އެކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ޕީއެންސީގެ އޮޮފީސް މީގެ ކުރިން ހިންގީ ހ. ސީޓްރެކްގެ ހަތްވަނަ ފްލޯގަ އެވެ. ނަމަވެސް މިހާރު އަލަށް ހުޅުވާފައި ވަނީ ހ. ވެޔޮވެލާ (އާޓިފިޝަލް ބީޗު ކުރިމަތީގަ) އެވެ.
ޕީއެންސީގެ އޮފީސް ހުޅުވުމުގެ ޖަލްސާގައި ވަޒީރުންނާއި މަޖިލިސް މެންބަރުން އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއި ޕީއެންސީގެ އާންމު މެންބަރުން ވެސް ބައިވެރިވި އެވެ.
މި އޮފީހުގެ ބޭރުގައި ބޮޑު ލެޑް ޓީވީއަކާ އެކު ޒަމާނީ ފެންވަރަށް ހަދާފައިވެ އެވެ. ބޭރުން ބަލާއިރު، މިކަމަށް ބޮޑު ހޭދައެއްކޮށްފައިވާ ކަމަށް ބެލެވެ އެވެ. އެ ތަން ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ އެ އޮފީސް ގާއިމްކުރުމުގައި މަސައްކަތްކޮށްދެއްވި އެންމެންނަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން ވޭތުވެދިޔަ ހަ މަހުގެ ތެރޭ ޕީއެންސީއަށް ފަސްހާހަށްވުރެ މެންބަރުން ވަނީ އިތުރުވެފަ އެވެ. މިވަގުތު އެ ޕާޓީގައި 74،048 މެންބަރުން އެބަތިއްބެވެ. ދެވަނައަށް އެންމެ މެމްބަރުން ގިނައީ އިދިކޮޅު އެމްޑީޕީގަ އެވެ. އެ ޕާޓީގައި ތިބީ 43،784 މެމްބަރުންނެވެ.