މިއަހަރުގެ ޖެނުއަރީ މަހުގެ ތިންވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަޑުރޯ ހައްޔަރުކޮށް އެމެރިކާއަށް ގެންދިޔައިރު، ފްލޯރެސް ހުންނެވީ އަމިއްލަ މިނިވަންކަމަށްވުރެ ފިރިމީހާގެ ހައްގުގައި ގުރުބާންވުމަށް ތައްޔާރަށެވެ.
ރިޕޯޓުތައް ބުނާގޮތުގައި މަޑުރޯ ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަނުގެ ތެރެއިން، ފްލޯރެސްއަށް ހިމާޔަތް ހޯދައިގެން ވެނުޒުއޭލާގައި ނުވަތަ އެހެން ގައުމެއްގައި ހުރުމުގެ ޗޮއިސް އޮތެވެ. ނަމަވެސް "ފަސްޓް ކޮމްބެޓަންޓް" ގެ ނަމުން މަޑުރޯ މުހާތަބު ކުރައްވާ ފްލޯރެސް ބޭނުންވީ އެންމެ ދަތި ވަގުތުގައިވެސް ފިރިމީހާއާ ވަކިނުވުމަށެވެ. މިއާއެކު އެމެރިކާގެ އޮފިޝަލުން ވަނީ އެ ދެކަނބަލުން އެކުގައި އެމެރިކާގެ ފެޑެރަލް ޖަލަކަށް ބަދަލުކޮށްފައެވެ.
މިހާރު އެމެރިކާގައި ބަންދުކޮށްފައިވާ މަޑުރޯއާއި އޭނާގެ އަނބިކަނބަލުންގެ މައްޗަށް ޑްރަގް ޓްރެފިކިން އާއި ކޮރަޕްޝަންގެ ދައުވާތައް އުފުލައި ޝަރީއަތް ވަނީ ފަށާފައެވެ. ސިޔާސީ މައިދާނުގައި ވެސް މަޑުރޯގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ހަރަކާތްތެރިވި ފްލޯރެސްގެ މި ނިންމުމަކީ، ވެރިކަން ގެއްލި ޖަލުގެ ތޭރިތަކުގެ ތެރެއަށް ދާންޖެހުނު ކަމުގައި ވިޔަސް މަޑުރޯއަށް އޮތް ވަފާތެރިކަން ހާމަވެގެންދިޔަ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.