މީރާގެ ތަފާސްހިސާބުތަކަށް ބަލާ އިރު މިދިޔަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތައް ލިބުނު އާމްދަނީ އޭގެ ކުރީ އަހަރާ ބަލާ އިރު، 108 ޕަސެންޓް އިތުރެވެ. އެގޮތުން ޖުމްލަ 2،251،452،004ރ. ލިބިފައިވެ އެވެ.
މިދިޔަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ލިބުނީ 1،080،712،329ރ. އެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ.
ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ގްރީން ޓެކްސް ނަގަމުން އަންނަ ރޭޓުތަކަށް ބަދަލު ގެނެސްފައިވެ އެވެ. އެގޮތުން ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 6-12 ޑޮލަރަށް ވަނީ މަތިކޮށްފައި ވެއެވެ. އަދި 3 ޑޮލަރުން ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 6 ޑޮލަރަށް އިތުރުކޮށްފައިވެ އެވެ.
އަދި އުމުރުން 2 އަހަރު ނުވާ ކުޑަކުދިންގެ އަތުން ގްރީން ޓެކްސް ނެގުން ވަނީ އިސްތިސްނާކޮށްފަ އެވެ.