އެމްޓީސީސީން ބުނީ މިހާރު ކުރިޔަށް ދަނީ ސީޓް ޕައިލިންގެ މަސައްކަތް ކަމަށާއި އެ މަސައްކަތުގެ 48 މީޓަރުގެ މަސައްކަތް މިހާރުވެސް ނިންމާލެވިފައިވާ ކަމުގައި އެވެ.
މީގެ އިތުރުން ބިންހިއްކުމުގެ މަސައްކަތްވެސް މިހާރު ދާކަމަށް އެ ކުންފުނިން ބުނެ އެެވެ.
އެ ކުންފުނިން ބުނާގޮތުގައި ހިންގާ މީހުންނަށް ހާއްސަ ކޮށްގެން ހަދާ ލޭން ޕޭވް ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް އެބަދާ ކަމަށާއި ފަހަނާ ހޮޅި އާއި ފެން ހޮޅި އެޅުމުގެ މަސައްކަތް މިހާރު 50 އިންސައްތަ ނިމިފައިވާ ކަމުގައި އެވެ.
ބޮޑުތަކުރުފާނުމަގުގެ ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބާޒަރުމަތީމަގު ފުޅާކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.
ބޮޑު މަގުގެ ދެވަނަ ސެގްމަންޓު މަރާމާތު ކުރުމުގެ ތެރެއިން
ބޮޑުތަކުރުފާނުމަގުގެ ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ފިޔަވަހީގެ ހެދި ބައި ތާރު އަޅާ ނިންމާ އާއްމުކޮށް ހުޅުވާލާފައިވަ ވަނީ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު އެވެ. އެއީ ޖުމްހޫރީ މައުދާނު ކުރިމަތިން އޮން ސަރަހައްދެވެ.
މި މަޝްރޫއޫގެ ދެވަނަ ފިޔަވަހީގައި ހިމެނެނީ މަސްމާރުކޭޓް ސަރަހައްދުން ފެށިގެން ނޯތް ހަބާރާއި ދެމެދު ހިމެނޭ ސަރަހައްދެވެ.
މާލޭގެ އެންމެ ހަލަބޮލި އެއް ސަރަހައްދުކަމަށްވާ ބާޒާރުމަތީ ސަރަހައްދު ފުޅާކުރުމުގެ މަސައްކަތް މިއަދު ފަށާނެކަމަށް މީޑިއާގައި ވާހަކަ ދައްކަވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފަ އެވެ. އަދި އެ ސަރަހައްދުގެ މަސައްކަތް ނިންމާ އަންނަ ރޯދަމަހުގެ ކުރިން ހުޅުވާލާނެކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި އެވެ. އަންނަ ރޯދަ މަސް ފެށޭނީ އަންނަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ.