މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރާ އަޅާބަލާއިރު 2025 ވަނަ އަހަރު މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނު ޑޮލަރު އާމްދަނީ ވަނީ 37.8 ޕަސެންޓް އިތުރުވެފަ އެވެ.
ޑޮލަރު އާމްދަނީގެ ގޮތުގައި 2024 ވަނަ އަހަރު ދައުލަތަށް 1.06 ބިލިއަން ޑޮލަރު ލިބުނެވެ.
މީގެ އިތުރުން، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މީރާއަށް 347 މިލިއަން ޑޮލަރު ލިބިފައިވާއިރު، އޭގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ލިބުނު 124 މިލިއަން ޑޮލަރު ހިމެނުނެވެ. އެއާ އަޅައިބަލާއިރު، 2024ގައި އެއާޕޯޓް ޑިވެލޮޕްމެންޓް ފީއަށް ލިބުނީ 75.2 މިލިއަން ރުފިޔާ އެވެ.
އިންކަމް ޓެކްސްގެ ގޮތުގައި 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ލިބުނުއިރު ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 134 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ލިބުނެވެ.
ޑޮލަރު އާމްދަނީ އިތުރުވި ނަމަވެސް، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އަންނަނީ އުފުލެމުން ނެވެ. ރާއްޖޭގައި ޑޮލަރު ވިއްކާ ރަސްމީ ބޭންކް ރޭޓަކީ 15.42 ރުފިޔާ އެވެ. އެކަމަކު، ބޭންކުން އެކަށިގެންވާ މިންވަރަށް ޑޮލަރު ނުލިބޭ މައްސަލަ ބޮޑުވެ، އާންމުން ޒަރޫރީ ކަންކަމަށް ވެސް ޑޮލަރު ހޯދަން ޖެހެނީ މަގުމަތީ ބާޒާރުންނެވެ.
މިއަދު ކަޅު ބާޒާރުން ޑޮލަރު ގަންނަން ލިބެނީ 20.15 ރުފިޔާ އަށެވެ. މިއީ، މި ފަހުގެ ތާރީހެއްގައި ޑޮލަރުގެ އަގު އެރި އެންމެ މައްޗެވެ.