އެ ކޮމިޝަނުން މިއަދު ބުނީ ޝަމާހްގެ މައްޗަށް ތުހުމަތުވާ ގޮތަށް މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.
ޝަމާހު ސްޓެލްކޯގެ އެމްޑީއަކަށް ހަމަޖައްސާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު، އޭރު އެ މަގާމުގައި ހުންނެވި ހުސައިން ފަހުމީ ވަކިކުރުމަށް ފަހު އެވެ. މަގާމަށް އައްޔަންކުރިތާ ފަސް މަހެއްހާ ދުވަސް ފަހުން ޝަމާހު ކުއްލި ގޮތަކަށް މަގާމުން ވަކިކުރި ސަބަބެއް ސާފެއް ނޫނެވެ.
ޝަމާހު ވަކިކޮށްފައިވަނިކޮށް އިއްޔެ ވަނީ ސޯޝަލް މީޑިއާގައި އޭނާ ވާހަކަދައްކާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެފަ އެވެ. ލީކުވެފައިވާ އޯޑިއޯގައި ޝަމާހު ކުންފުނީގެ އެތެރޭގައި "ކުރަން އުޅުނު ކަންތައްތައް" އެނގޭނީ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު އަޒްހަދާއި އިތުރު އެހެން މީހަކަށް ކަމަށް ބުނެއެވެ. ނަމަވެސް އެއީ ޝަމާހު ކަމެއް ޔަގީނެއް ނޫނެވެ.
ނަމަވެސް އެއީ "ފޭކް އޯޑިއޯއެއް" ކަމަށް ޝަމާހު ރޭ ވިދާޅުވި އެވެ. އަދި އޭނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތު ވެސް ދޮގު ކުރެއްވި އެވެ.