ސިފައިންގެ ރިޓަޔަމަންޓް ގަވައިދު އަށް މިދިޔަ ޑިސެމްބަރު މަހުގެ 21 ގައި ގެނައި އިސްލާހުގައި ބުނީ ރިޓަޔަމަންޓް އިނާޔަތް ލިބޭ ގޮތަށް ވަޒީފާ އިން ވަކިވެފައިވާ މީހަކު އަލުން ދައުލަތުގެ މަގާމަކަށް އިންތިހާބުވެއްޖެ ނަމަ ނުވަތަ ދައުލަތް ނޫނީ ސަރުކާރު ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާނަމަ އާ ވަޒީފާގައި ދެމިހުންނަ މުއްދަތުގައި އެ މީހަކަށް އިނާޔަތެއް ނުލިބޭނެ ކަމަށެވެ.
އެ އިނާޔަތް އަލުން ލިބެން ފަށާނީ އެ ވަޒީފާއިން ވަކިކުރި/ވަކިވި މަސް ނިންމުމަށްފަހު، ދެން ފެށޭ މަހުގައި ކަމަށް ވެސް އިސްލާހުގައިވެ އެވެ.
ފުލުހުންގެ ރިޓަޔަމަންޓް އެލަވަންސަށް އިސްލާހު ގެނެސްފައި ވަނީ ސަރުކާރުގެ ހަރަދުތައް ބޮޑުވާތީ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާތީ އެވެ. އޭގެ ދަށުން ފުލުހުންގެ އުސޫލަށް ވެސް މިދިޔަ މަހުގެ 25 ގައި ވަނީ ބަދަލު ގެނެސްފަ އެވެ.
ސިފައިންގެ އުސޫލުގައި ބުނީ، ރިޓަޔާވެފައިވާ މީހަކު އިންތިހާބީ މަގާމަކަށް ނުވަތަ ދައުލަތުގެ މަގާމަކަށް ނޫނީ ސަރުކާރު ކުންފުންޏެއްގެ ވަޒީފާއަކާ ހަވާލުވުމަށް ފަހު، އެކަން ޕެންޝަން އޮފީހަށް ނުވަތަ އެ އިނާޔަތް ދޭ އިދާރާއަކަށް ނާންގާ އޮތުމުން މަހުން މަހަށް އެ އިނާޔަތް ލިބެމުން ދިޔަނަމަ އެ ފައިސާ އަނބުރާ ދައްކަން ޖެހޭނެ ކަމަށް ބުންޏެވެ.
އެ މާއްދާ އަށް އަމަލުކުރަން ފެށުމުގެ ކުރިން ސިފައިންގެ ވަޒީފާ އިން ރިޓަޔާ ކޮށްފައިވާ އެންމެންނަށް ވެސް، މި އާ ބަދަލު ހިނގާނެ ކަމަށް ގަވައިދުގައިވެ އެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ ބައެއް މަގާމުތަކުގައި ރިޓަޔާޑް ބޭފުޅުން ތިއްބަވާއިރު، އެ ބޭފުޅުންނަށް މަގާމުގެ މުސާރައިގެ އިތުރުން ރިޓަޔާމަންޓު އެލަވަންސް ވެސް ލިބޭތީ އާންމުންގެ ކަންބޮޑުވުން އެބަހުއްޓެވެ.