އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން 2024 އާއި 2025 ވަނަ އަހަރު ސްޓޫޑެންޓް ލޯނު ސްކީމުގެ ދަށުން 1.24 ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
އެ މުއްދަތުގައި 1،438 ދަރިވަރުންނަށް ލޯނު ދޫކޮށްފައިވާއިރު، ހިމެނެނީ 568 ފިރިހެން ދަރިވަރުންނާއި އަންހެން 749 ދަރިވަރުންނެވެ. ދަސްވެނިވެފައި ވަނީ 1،211 ދަރިވަރުންނެވެ. އެއީ 670 ފިރިހެނުންނާއި 541 އަންހެން ދަރިވަރުންނެވެ.
ސްޓޫޑެންޓް ލޯނަށް ދައުލަތުގެ ބަޖެޓުން މިހާތަނަށް ޖުމްލަ 1.24 ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
ސްކޮލާޝިޕްތަކަށް ބަލާއިރު ރާއްޖެއާއި ރާއްޖެއިން ބޭރުގެ 20 ގައުމެއްގައި މިވަގުތު 602 ދަރިވަރުން ދަނީ ތައުލީމް ހާސިލުކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 388 އަންހެން ދަރިވަރުންނާއި 214 ފިރިހެން ދަރިވަރުންނެވެ. އަދި ސްކޮލަޝިޕްތަކަށް 2024 އާއި 2025 ވަނަ އަހަރު 471 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައި އެވެ.
އަދި ހިލޭ ޑިގްރީގެދަށުން ކިވަމުންދިޔަ ދަރިވަރުންގެތެރެއިން 6640 ދަރިވަރުން ވަނީ ކޯސްތައް ނިންމާ ދަސްވެނިވެފަ އެވެ.
މި ޕްރޮގްރާމްގެ މަގުސަދުތަކުގެތެރޭގައި ރާއްޖޭގައި ވަޒީފާގެ ޑިމާންޑް އޮތް ދާއިރާތަކުން މީހުން ބިނާކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ހިމެނެ އެވެ. ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމަކީ، މަތީ ތަޢުލީމަށް ކިޔެވުމުގެ ރޫޙު އަށަގެންނެވުމަށާއި، އަދި މާލީ ދަތިކަން ކުރިމަތިނުވެ ތަޢުލީމު ޙާސިލުކުރުމަށް ފަހިކޮށްދީފައިވާ ޕްރޮގްރާމެކެވެ.