އޭސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ދުވަސްވަރަކީ ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުންނާއި ޕާޓީތަކުގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓުން ތާއީދު ހޯދުމުގެ މަސައްކަތް ފޯރިއާ އެކު ކުރަމުން އަންނަ ދުވަސްވަރެއް ކަމަށެވެ.
އެހެންވެ، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ހިންގާ ރިޝްވަތުގެ އަމަލުތަކުން ދުރުވެ، ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް އެންމެން ވެސް ތަބާވާންވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އޭސީސީން ބުނީ، މި އިންތިހާބުތަކުގެ ބޭނުމަކީ ރައްޔިތުންގެ ފަރާތުން ނިންމުންތައް ނިންމައި، ދާއިރާއާއި ރަށުގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަން ކުރުމުގެ ޒިންމާ ހަވާލުކުރާނެ ގާބިލު ބަޔަކު ކަނޑައެޅުން ކަމަށެވެ.
އެހެންވެ، ކޮރަޕްޝަން ހުއްޓުވަން ފަރުދީ ޒިންމާ އަދާކުރުމަކީ މުހިންމު ކަމެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އޭސީސީން ބުނީ ރިޕޯޓް ކުރުމުގައި މައްސަލަ ތަފްސީލުކޮށް ބަޔާން ކުރުމާއިއެކު މައްސަލަ ރައްދުވާ ފަރާތް ނުވަތަ އިދާރާ އަދި މައްސަލަ ހިނގި ނުވަތަ ހިނގަމުންދާ ދުސްވަރު ބަޔާން ކުރަންވާނެ ކަމަށެވެ.
އެފަދަ މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅައިފިނަމަ ނުވަތަ އެފަދަ ކަމެއް އެއްވެސް ގޮތަކުން އެ ކޮމިޝަނަށް ފާހަގަކުރެވިއްޖެނަމަ، އެކަމެއް ތަހުގީގު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށްވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުންޏެވެ.