ކެނެޑާގެ ފުލުހުންނާއި އެމެރިކާގެ އިދާރާތައް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، މި މައްސަލައިގައި ޝާމިލުވާ ކަމަށް ބެލެވޭ މީހުން ހޯދައި، އެ މީހުންގެ މައްޗަށް ދައުވާ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިއީ މީގެ އަހަރެއްހާ ދުވަސް ކުރިން ޓޮރޮންޓޯގެ ޕިއާސަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގި ވަރަށް ބޮޑު ޖަރީމާއެކެވެ.
މި ވައްކަމުގައި 20 މިލިއަން ކެނެޑާ ޑޮލަރަށްވުރެ އަގުބޮޑު ރަނާއި ފައިސާ ވަނީ ވަގަށް ނަގާފައެވެ. އޭގެ ތެރޭގައި 6600 ރަން ފޮތި ހިމެނެއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ވައްކަން ކޮށްފައިވަނީ ސައްހަ ނޫން ލިޔެކިޔުންތަކެއް ބޭނުންކޮށްގެން، އެއާ ކެނެޑާގެ ކާގޯ ފެސިލިޓީއަކުންނެވެ. މި ތަކެތި ވަގަށް ނަގާފައިވަނީ ސްވިޒަލޭންޑުން ގެނައި ކޮންޓެއިނަރެއް، އެއާޕޯޓުގެ ގުދަނުގައި ބަހައްޓާފައި ހުއްޓައި، ލިޔެކިޔުން އޮޅުވާލައިގެން ޓްރަކެއްގައި ގެންގޮސްގެންނެވެ.
މިކަމާ ގުޅިގެން ކެނެޑާ އާއި އެމެރިކާގެ ފުލުހުން ގުޅިގެން ހިންގި ތަހުގީގުގައި ނުވަ މީހަކު ހައްޔަރުކުރުމަށް ވަނީ އަމުރު ނެރެފައެވެ. މީގެ ތެރޭގައި އެއާ ކެނެޑާގެ ދެ މުވައްޒަފުން ހިމެނޭކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. ފުލުހުން ބުނާ ގޮތުގައި މިއީ އެތެރޭގެ ބަޔަކު ބައިވެރިވެގެން ވަރަށް ރޭވުންތެރިކަމާއެކު ހިންގި ކުށެކެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހަތިޔާރުގެ ވިޔަފާރިކުރާ މީހުންވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކެނެޑާގެ ރީޖަނަލް ޕޮލިސް ޗީފް ވިދާޅުވީ، މިއީ ފިލްމެއް ނުވަތަ ނެޓްފްލިކްސް ސީރީޒަކުން ފެންނަ ކަހަލަ ހާދިސާއެއް ކަމަށެވެ. ވަގަށް ނެގި ރަންތައް ވިރުވައިލުމަށްފަހު، އޭގެން ލިބުނު ފައިސާ ހަތިޔާރު ގަތުމަށާއި އެހެނިހެން ގާނޫނާ ހިލާފު ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިހާތަނަށް ކުރެވުނު މަސައްކަތުން ވަގަށް ނެގި ތަކެތީގެ ތެރެއިން ފެނިފައިވަނީ ވަރަށް ކުޑަ މިންވަރެކެވެ. އޭގެ ތެރޭގައި ރަން ވިރުވައިގެން ހަދާފައިވާ ބައެއް ގަހަނާ ހިމެނެއެވެ. ފުލުހުން ބުނި ގޮތުގައި ގެއްލުނު ރަންތައް އެއްކޮށް އަނބުރާ ލިބުމަކީ ނާދިރު ކަމެކެވެ. ނަމަވެސް މި މައްސަލައިގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށް އޮފިޝަލުން ބުންޏެވެ.