ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ވަކި ކުންފުންޏެއް ސަރުކާރުން އުފެއްދީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 9ގައެވެ. ސަރުކާރުން %100 ހިއްސާވާ މި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ޑރ. ޝާހް މާހިރެވެ.
އެ ކުންފުނީގެ ދަށަށް އެސްޓީއޯގެ ހުރިހާ ބޭސް ފިހާރައެއް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން އެސްޓީއޯއިން ވަނީ ކަށަވަރުކޮށް ދީފަ އެވެ. އަދި އެ މަސައްކަތް އަންނަ ހަފުތާގައި ފަށައި ފެބުރުއަރީ މަހުގެ 15 އަށް ނިންމަން މަސައްކަތް ކުރާ ކަމަށް ވެ އެވެ.
މި މަސައްކަތުގެ ދަށުން މާލެ ސަރަހައްދުގައި ހިންގާ އެސްޓީއޯގެ ބޭސް ފިހާރަތަކާއި ބޭސް ކުންފުނިން ހަވާލުވުމުގެ މަސައްކަތް އަންނަ ހަފުތާގެ އަންގާރަ ދުވަހު ފަށާނެ ކަމަށް ވެ އެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯއިން ބޭސް ފިހާރަތައް ހިންގާތާ 10 ވަރަކަށް އަހަރު ވަނީ ވެފައެވެ. ރާއްޖޭގައި އެކި ސަރަހައްދުތައް ހިމެނޭގޮތަށް އެސްޓީއޯ އިން 196 ބޭސް ފިހާރަ އަންނަނީ ހިންގަމުންނެވެ.
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށް ދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަޤުސަދުގައި އުފެއްދި ކުންފުންޏެކެވެ.