އެކަން ހާމަވީ ސަރުކާރު ކުންފުނިތަކުން ޕެންޝަނަށް ފައިސާ ދެއްކި ތާރީހާއި އަދަދު ހޯދުމަށް އަމިއްލަ ފަރާތަކުން ހުށައެޅި އާރުޓީއައި އަށް ޕެންޝަން އޮފީހުން ދިން މައުލޫމާތުންނެވެ.
ޕެންޝަން އޮފީހުން ހާމަކުރި މައުލޫމާތުން އެނގޭ ގޮތުގައި ވެމްކޯއިން ޕެންޝަނަށް އެންމެފަހުން ފައިސާ ދައްކާފައި ވަނީ އޮކްޓޫބަރު 16، 2024 ގަ އެވެ. އޭގެފަހުން މި ފާއިތުވި 14 މަސްދުވަހުވެސް ވެމްކޯއިން ޕެންޝަނަށް ފައިސާ ދައްކައިފައެއް ނުވެއެވެ. އެހެންނަމަވެސް މުވައްޒަފުންގެ މުސާރައިން ކޮންމެ މަހަކު ވެސް ޕެންޝަނަށްވާ ފައިސާ ވަނީ އުނިކޮށްފައެވެ.
ވެމްކޯގެ އިތުރުން މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް ކޯޕަރޭޝަނާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ން ވެސް ވަނީ މުވައްޒަފުންގެ ޕެންޝަން ފައިސާ ނުދައްކާތާ އެތައް ދުވަހެއްވެފައެވެ.
ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ން ވެސް މުވައްޒަފުންގެ ޕެންޝަން ފައިސާ ނުދައްކާތާ ތިން މަސް ދުވަސް ވެއްޖެއެވެ. އެ ކުންފުނިން އެންމެ ފަހުން ޕެންޝަން ފަންޑަށް ފައިސާ ޖަމާކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހެވެ.
މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް ކޯޕަރޭޝަނުން އެންމެ ފަހުން ޕެންޝަނަށް ފައިސާ ދައްކާފައިވަނީ ޖުލައި 2021 ގައެވެ. އެ މަހުވެސް އެ ކުންފުނިން ދައްކާފައިވަނީ 4،995 ރުފިޔާއެވެ.
ޕެންޝަނަކީ ގާނޫނުއަސާސީން ކޮންމެ މުވައްޒަފަކަށް ވެސް ކަށަވަރުކޮށްދޭ އަސާސީ ހައްގެކެވެ.
ޕެންޝަނާ ބެހޭ ގާނޫނު ބުނާ ގޮތުން ކޮންމެ މުވައްޒަފެއްގެ ވެސް އަސާސީ މުސާރައިގެ ހަތް އިންސައްތަ މުވައްޒަފުގެ މުސާރައިން ޕެންޝަނަށް އުނި ކުރެއެވެ. އަދި ހަމަ އެ އަދަދަށްވާ ފައިސާ ވަޒީފާ ދޭ ފަރާތުން ޕެންޝަނަށް ދައްކަން ޖެހެ އެވެ.