މިއަދު މީރުމާ ހޯލްގައި ބޭއްވި މި ފޯރަމްގައި އެމްޑަބްލިޔުއެސްސީގެ ބޯޑު ޑިރެކްޓަރުންނާއި މެނޭޖްމަންޓް ޓީމް އަދި ޑިޕާޓްމަންޓްތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
މިފޯރަމްގައި މި އަހަރުގެ ބިޒްނަސް ޕްލޭން ތައާރަފުކޮށް ބިޒްނަސް ޕްލޭން ތަންފީޒު ކުރުމާއި ނަތީޖާ ހާސިލް ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.
މި ފޯރަމްގައި 2025 ވަނަ އަހަރު ކުންފުނީގެ ލަނޑުދަނޑިތައް ހާސިލްކުރެވިފައިވާ މިންވަރާގުޅޭ ގޮތުން މަޝްވަރާކުރުމުގެ އިތުރުން މި އަހަރުގެ ބިޒްނަސް ޕްލޭނުގައި ހާސިލްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކޮށް ނަތީޖާ ނެރުމަށް ކުރަންޖެހޭ ކަންކަމާމެދުވެސް މަޝްވަރާކޮށްފައިވެ އެވެ.
އެމްޑަބްލިޔުއެސްސީ އިން ބުނި ގޮތުގައި މި އަހަރަށް އެކުންފުނިން ކަނޑައަޅާފައިވާ ސްޓްރެޓީޖިކް މިސްރާބު ބިނާކޮށްފައި ވަނީ ހަރަދު ކުޑަކުރުމާއި ފެނުގެ ހިދުމަތް ނޫން އެހެން ދާއިރާތަކުން އާމްދަނީ އިތުރުކުރުމާއި ނަތީޖާ ނެރުމަށް މުވައްޒަފުން އެކުގައި މަސައްކަތް ކުރުމުގެ އިތުރުން ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު ހިފެހެއްޓުން ހިމެނޭހެން މައިގަނޑު ހަތަރު އަސާސެއްގެ މައްޗަށެވެ.
މި ދާއިރާތަކަށް އިސްކަން ދިނުމުގެ މަގުސަދަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަން އާލާކޮށް، އިތުބާރުހުރި ހިދުމަތްތަކެއް މެދުނުކެނޑި ފޯރުކޮށްދިނުން ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެފައިވެ އެވެ.
ސްޓްރެޓީޖިކް ހޮރައިޒަން ފޯރަމްގެ ސަބަބުން އެމްޑަބްލިޔުއެސްސީ ގެ ރޭވުންތަކާއި މަސައްކަތުގެ ފެންވަރު ބެލެހެއްޓުމުގައި ގެންގުޅޭ ދުރާލާ ރޭވުމުގެ ސިޔާސަތު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.