އުމުރުން 70 އަހަރުގެ އިލެއިން ރިޗްމަންޑް އާއި އޭނާގެ ފިރިމީހާ އުމުރުން 71 އަހަރުގެ މެލްކަމް ރިޗްމަންޑް މަރުވީ އދ. އެއްލައިދޫއަށް ޗުއްޓީ ހޭދަކުރަން އައިސް އުޅެނިކޮށެވެ.
އިނގިރޭސި ވިލާތުގެ ނޫހެއް ކަމަށްވާ 'ޑެއިލީ މެއިލް' އިން އިއްޔެ ކުރި ރިޕޯޓެއްގައި ބުނީ މި ދެ މަފިރިން އެމީހުން ރާއްޖެއަށް ކުރި 60 ވަނަ ޒިޔާރަތުގައި މަރުވީ މިދިޔަ މަހު އެއްލައިދޫ ބައި ސިނަމަވަން ރިސޯޓު ކައިރީގައި ހިނގި ހާދިސާއެއްގައެވެ. މި ދެމަފިރިންގެ ދަރިއަކު ނުލިބެއެވެ.
މެލްކަމް (ކ) އާއި އޭނާގެ އަނބިމީހާ އެލެއިން ޑައިވިންނަށް ދާން ތައްޔާރުވެގެން
'ޑެއިލީ މެއިލް' ގައި ރިޕޯޓްކޮށްފައިވާ ގޮތުން މި ދެމަފިރިން މަރުވާން ދިމާވި ހާދިސާ ހިނގަން މެދުވެރި ސަބަބެއް ނޭނގެއެވެ. ދެމަފިރިން މަރުވި ހާދިސާގައި އެ ދެމެފިރިން ފެނުނީ ކަނޑުގައި އޮޔާދަނިކޮށްކަމަށާއި އެ މީހުން ކަނޑުން ނެގިއިރުވެސް އަންހެން މީހާ މަރުވެފައިވާކަމަށް އެ ނޫހުގައިވެއެވެ. އަދި ފިރިހެން މީހާ މަރުވީ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އޭގެ ތިން ދުވަސް ފަހުންކަމަށްވެސް 'ޑެއިލީ މެއިލް' ގައިވެއެވެ.
މި ދެމެފިރިންގެ ޖަނާޒާގެ ކަންކަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29ގައި އިނގިރޭސިވިލާތުގައެވެ.
'ޑެއިލީ މެއިލް' ގައި ބުނީ މި ދެމެފިރިން މިދިޔަ 17 އަހަރު މެދުނުކެނޑި ކްރިސްމަސްގެ ޗުއްޓީ ހޭދަކުރީ ރާއްޖޭގައިކަމަށެވެ. އަދި މިދިޔަ އަހަރު އެކަނިވެސް ތިން ފަހަރު އެ މީހުން ރާއްޖެއައި ކަމަށާއި އެ ދެމެފިރުން 60 ފަހަރު އެއްލައިދޫ ރިސޯޓަށް އައިސްފައިވާކަމަށްވެސް 'ޑެއިލީ މެއިލް' ގައި ވަނީ ރިޕޯޓްކޮށްފައެވެ.