ads
ޒަކާތް ހައުސްގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޒަކާތް ހައުސް
ޒަކާތު ކައުންސިލްގެ މަސައްކަތް ފަށައިފި
ޒަކާތުގެ ގާނޫނުގެ ދަށުން ރައީސް އުފައްދަވާފައިވާ ޒަކާތު ކައުންސިލުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި އެވެ.
Advertisement

މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޒަކާތު ކައުންސިލްގެ ރައީސް އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ޒަކާތާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން "މޯލްޑިވްސް ޒަކާތު ހައުސް" ގެ މަސައްކަތްތައް ހަރުދަނާކަމާއެކު އަމަލީ ގޮތުން ފެށުމާ ގުޅޭގޮތުންނެވެ. 

އަދި ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުއީ އަދި ގާނޫނީ އޮނިގަނޑުގެ ތެރެއިން ޒަކާތުގެ ނިޒާމު ފުރިހަމައަށް ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް މި ބައްދަލުވުމުގައި ވަނީ އަލިއަޅުވާލާފަ އެވެ.

ޒަކާތު ކައުންސިލަކީ ދީނީ އަދި މާލީ ދާއިރާތަކާ ގުޅުންހުރި އެކި މުއައްސަސާތައް ތަމްސީލުކުރާ 9 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ.

ޒަކާތުގެ ގާނޫނަކީ އިސްލާމްދީނުގައި ޒަކާތް ޝަރުއު ކޮށްފައިވާ މަގުޞަދުތައް ހާސިލު ކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި، ގާނޫނުގެ ދަށުން ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައެޅުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ގާނޫނެކެވެ.

މީގެ އިތުރުން، ދިރިއުޅުމުގެ ހަމަހަމަކަމާއި، އިޖުތިމާއީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނެ ގޮތެއްގައި މަތިން ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާއި، އެ ފައިސާ ބޭނުންކުރުމާ ގުޅޭ އާންމު އުސޫލުތައް ކަނޑައެޅުމަކީވެސް މި ގާނޫނުގެ މަގުސަދެކެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް