ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގެ ދަށުން، 2021ވަނަ އަހަރު ރާއްޖޭން ހުށަހެޅި ރިޕޯޓު، އދ. ގެ ކުޑަކުދިންނާ ބެހޭ ކޮމިޓީން މުރާޖައާކުރުމަށް މިދިޔަ ދެ ދުވަހު ބޭއްވި ސެޝަންގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، ކުޑަކުދިންނަކީ ރާއްޖޭގެ މުސްތަގުބަލު ކަމަށެވެ.
ކޮންމެ ކުއްޖަކުވެސް ބޮޑުވަނީ ރައްކާތެރިކަމާއި ކަރާމާތް ލިބިގެންކަމުގައި އެ ކުދިން ދެކޭ ގޮތް ބަލައިގަންނަ މާހައުލެއްގައިކަން ކަށަވަރުކުރަން ރާއްޖޭން އަބަދުވެސް އިސްކަން ދޭނެ ކަމަށާއި، ކުޑަކުދިންނަށް ރައްކާތެރި، އަދި އެ ކުދިންނަޑް އިހުތިރާމްކުރާ މާހައުލެއް ހޯދައިދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ރިވިއުގައި، މުއާހަދާ ތަންފީޛުކުރުމަށް 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ދިވެހިރާއްޖޭގެ ވަފުދުން ވަނީ ޖަވާބުދާރީވެފަ އެވެ.
މި ރިވިއު ސެޝަނަށްފަހު، ރާއްޖެއިން ހުށަހެޅި ރިޕޯޓާއި، ރިވިއު ސެޝަންގައި ރާއްޖެއިން ކޮމިޓީއާ ހިއްސާކުރި މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ކޮމިޓީގެ ކޮންކްލޫޑިންގ އޮބްސާވޭޝަންތަކާއި ރިކޮމެންޑޭޝަންތައް ހިއްސާކުރާނެ އެވެ.
މި ރިވިއުގައި ރާއްޖެ ތަމްސީލްކުރެއްވި ވަފްދުގައި އުޝާމްގެ އިތުރުން ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އާއި ޖެންޑާ މިނިސްޓްރީގެ ބޭފުޅުންނާއި އެޑިއުކޭޝަން މިނިސްޓްރީ ބޭފުޅުންނާއި ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.