ads
ނޭނގި ހިތް ގެއްލުނީ - 60 ވަނަ ބައި
އެޕިސޯޑް 60
Advertisement

ޝައްޔާންގެ މޫނުމަތީން ހިމޭންކަން ފެނުނު ހިނދުކޮޅެކެވެ. ނަމަވެސް ހަމަ އެ ސިކުންތުގައި އޭނާގެ ހަށިގަނޑު ހަރު ހިލައަށް ބަދަލުވެއްޖެ އެވެ. 

"ފަލަކް މަސައްކަތްކުރީ، އޭނާގެ ފުރާނަ ދުއްވާލަން..! ނުވަތަ އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލަން...! އަމާރާ އަންދާޒާ ކޮށްލިންތަ، އޭނާ އެހާލުގައި އޮއްވައި ފެންނަ ވަގުތު އަހަންނަށް ވާނެ ގޮތް..؟" ޝައްޔާން މަސައްކަތްކުރީ އަމިއްލަ ނޭވާ ހަމަޔަކަށް އަޅުވަންކަން، އަމާރާއަށް އެނގުނެވެ. 

އިރުކޮޅަކަށްފަހު ދެންވެސް ވާހަކަދެއްކީ، ޝައްޔާން އެވެ.

"ވިންދެން ނެތް މަސްގަނޑެއް ފަދައިން، އަހަރެންގެ ކޮއްކޮ، ހޮސްޕިޓަލު އެނދުގައި އޮތީ، އަމިއްލަ އިހްސާސްގެ މަތީގައި ކޮޅަށް ހުންނާން ނުކެރޭ ވަރުގެ ފިނޑި ފިރިހެނެއްގެ ސަބަބުން..!" ނުރުހުމާއި ނަފްރަތުގެ އަލިފާން ކަނި ބުރުވާލާފައި ޝައްޔާން ކުރިމަތިލި އެވެ.

"ތިޔަބުނާ، ފިނޑި ފިރިހެނަކީ އަހަރެންގެ ކޮއްކޮ! ތިޔަބުނާ ވިންދެއް ނެތް މަސްގަނޑަކީ، ޝައްޔާންގެ ކޮއްކޮ! އެހެންވީމަ، ބުއްދި ބޭނުން ކޮށްގެން އަމިއްލަ ސިކުނޑިން ވިސްނަބަލަ..! ތިމާ މީހާގެ ދިގު އިސްކޮޅައް ވުރެން ތިޔަ ގެންގުޅޭ އީގޯ ދުރަށް ލާފައި، މި ހާލަތަށް ނަޒަރު ހިނގާލަބަލަ..!" އަމާރާގެ އަޑުވެސް ގަދަވި އެވެ. މިފަދަ ގޮތަކަށް ޝައްޔާންއާއި ކުރިމަތިލުމަކީ އަމާރާއަށް ފަސޭހަކަމެއް ނޫނެވެ. 

މުޅި ޓެރަސްގައި ވެރިވީ، ހިމޭންކަމެވެ. ނޭވާއެއްގެ އަޑުވެސް ކާއިނާތުގައި އެވަގުތު ނެތެވެ. ހިމޭންކަމުގެ ދިގު ވަތުގު ފޫއަޅުވާލީ އަމާރާ އެވެ.

"ފަލަކް ދެކެ، ރާފީ ވަރަށް ލޯބިވޭ.." އިހްތިރަމާއެކު މަޑުމަޑުން އަމާރާ ބުނެލި އެވެ. 

"އަހަންނަށް ޔާގީންކަމެއް ނެތި، މި ވަރަށް ދިފާއުގައި ތެދުވާނެހެން ޝައްޔާންއަށް ހީވޭތަ؟" އެއްބާސްވާން ބޭނުންވިޔަސް، އަމާރާއާއި ޝައްޔާން އާއި ދެމެދުގެ ރާސްތާގައި އަޑިގުޑަންތައް އިންތިހާ އެވެ. އަމާރާއަށް ފުރަގަސްދެމުން ޝައްޔާން އެނބުރު ސަބަބަކީ އެއީ އެވެ.

"އަމާރާ އަހަރެން ދޫކޮށްލާފައި ފިލައިގެން ދިޔަ ސަބަބަކާއިމެދު ހައިރާންވެ، ވިސްނާއި ފިކުރު ކުރުމުގައި އެތަށް އަހަރެއް ހޭދަކުރެވިއްޖެ..!" 

ހަތަރުކަޅި ހަމަކުރާނެ ހިތްވަރެއް ނެތި، މާދުރުން ފެންނާން އޮތް ވާދީތަކަށް ބަލަމުން، ޝައްޔާން ބުނެލި ޖުމުލައިގެ އަޑުމަޑެވެ.

އަމާރާގެ ކަނދުރާގައި އެ އިލްޒާމް އުފުލާނެ ބާރެއް ނެތަސް، ކަންފަތުގައި އެ ޖުމުލަ ހަރުލައިފި އެވެ.

އޮކްސިޖަން ހޮޅިތެރޭގައި ނޭވާ ތާށިވެއްޖެ އެވެ. ހުއްޓުނު ނޭވާ ލުމަށް، ހަކަތަ ބޭނުންވި އެވެ. ހިތްވަރަކީ  ﷲ ތައާލާ މިދުނިޔޭގައި ލެއްވި ނިއުމަތަކަށްވީތީ، މިވަގުތުވެސް އަމާރާ ޝުކުރުވެރިވި އެވެ. 

"މިހުރިހައި ކަމެއްގެ އަސްލަކީ ތިއީ ތަ؟" ހިމޭންކަމާއެކު ސުވާލުކުރެވޭތޯ އަމާރާ މަސައްކަތްކުރި އެވެ.

"ރިވެންޖް..؟" ކިތަންމެ ސުވާލެއް ދޫ މަތީގައި އޮތަސް، މިއީ އެކަމުގެ ވަގުތު ނޫންކަން އަމާރާ ގަބޫލުކުރި އެވެ.

"އަހަރުމެން ދެމީހުންގެ ދެމެދު ހިނގާދިޔަ ކަންކަމަށް އަހަރެން ފަރާތުން ބަދަލު ހިފުމަށް ޝައްޔާންއަށް ފެނުނު ހައްލަކީ އަހަރެންގެ ކޮއްކޮ ޖަލަށް ލުން ތަ؟" ކެއްތެރިކަމާއެކު އަމާރާ ސުވާލުކުރި އެވެ. ދެ ލޮލުގެ ރަތްކަމާހުރެ، ނަގާ ދިލައިން ކެއްވަނީ އެއް ނޫނެވެ.

"ނޯ!" ވަގުތުން ޝައްޔާން ޖަވާބު ދިނެވެ.

"މިއީ ފަލަކްގެ ދިރިއުޅުން" އަސަރެއް ނެތި ޝައްޔާން ބުނެލި އެވެ.

"އެހެންވީމަ، ޝައްޔާންގެ ފަހުރާއި ޝަރަފަށްޓަކައި ފަލަކް، އިތުރު ވޭންތަކެއް ތަހަންމަލްކުރަން ނުޖައްސަބަލަ!" އަމާރާ ކުރީ އާދޭހެވެ.

ކުއްލިޔަކަށް އަމާރާ އާއި ދިމާއަށް ޝައްޔާން އެނބުރުނެވެ. ގައިން ހީބިހި ނަގައިގެން ދިއުމުން، އަމާރާގެ ހަށިގަނޑަށް ލޮޅުމެއް އެރި އެވެ. ދެ އަތް ދެއަތަށް ކާއްތާލެވުނީ، ނަގާފައިވާ ހީބިހި މައިތިރިކުރެވޭތޯ އެވެ.

އަމާރާގެ ކުރިމަތީން ކުއްލިޔަކަށް ފެނުނީ، މީގެ ހަތް އަހަރުކުރީން އޭނާއާއި ބައްދަލުވި، ޝައްޔާން އެވެ. އަރައިގެން އަންނަ ހަނދާއި ދުނިޔެއާއި ސަމާސާކުރަމުންދާ ތަރިތަކުގެ ރިހި ހަނދުވަރުގައި އޭނާގެ އަތުގައި ހިފަހައްޓައިލައިގެން އެތަށް އިރަކު ލޯބި ދިން، ޝައްޔާން އެވެ. ލޯބީގެ އެތަށް ވައުދަކާއި އުއްމީދުގެ އަހުދުތަކުން އަމާރާގެ ދުނިޔެ ބަދަލުކޮށްލި ޝައްޔާން އެވެ. 

"ރާފީއާއި ... ނުލައި... ދިރިހުންނާން.. ފަލަކްއަށްވެސް ... ފަސޭހައެއް ... ނޫން" ކުރެހިފައިވާ އަޑަކުން ޝައްޔާން ބުނެލި އެވެ.

ހިފަހައްޓައިގެން ހުރި ކަރުނަ އަމާރާގެ ކޯތާފަތް ހުރަސްކޮށްފި އެވެ. އެއީ އުފަލުގެ ކަރުނަ ކަމެއް، ހަތް އަހަރު ދުވަހުގެ ވޭނާއި އުދާސްކަމެއް އޭނާއަކަށް ނޭގެ އެވެ. 

"އެ ސަބަބަށްޓަކައިވެސް، އެ ލޯބިން އެ ދެ މީހުން މަހުރޫމް ނުކުރޭ.. ޕްލީޒް.." އިންތިހާއަށް ކެތްކުރަމުން ކަރުނަ ފޮހެލާފައި އަމާރާ ބުންޏެވެ.

ކުއްލިޔަކަށް ފުރަގަސްދީ، ދެއަތުންގެ ނާރުތަށް ފުފޭވަރަށް ބާރަށް، ރެއިލިންގައި ޝައްޔާން ހިފަހައްޓާލި އެވެ.

"ދުވަހަކުވެސް އޭނާއަށް އަހަރެންގެ ހިތުން މައާފު ދެވޭނެކަމެއް ނޭގެ" މަޑުމަޑުން ޝައްޔާން ބުނެލި އަޑު އިވުނެވެ.

"ރާފީއަށް، ޝައްޔާން މައާފު ނުކުރުމަކީ މައްސަލައެއް ނޫން... އަހަރުމެންނަށް ހާސިލްނުކުރެވުނު ދިރިއުޅުން އެމީހުންނަށް ހޯދައިދީ" ކަރުނަ ފޮހެލަމުން އަމާރާ ބުންޏެވެ.

ގަދަ އެތަށް އަޑަކަށްވުރެން، ގެތެމުންދާ އެތަށް ލަފްޒަކަން ވުރެން ބާރު ނިންމުމެއްގެ އާދޭސް އަމާރާ އިއްވާލި އެވެ. ޝައްޔާންގެ ދުލުން ބަސް ހުސްވި އެވެ. ސިކުނޑިއާއި ހިތް ގަނޑުވި އެވެ. ދެމީހުންކުރެ އެކަކުވެސް، އެ މަންޒިލް ދޫކޮށް ދިއުމަށް ފިޔަވަޅެއް ނުނެގި އެވެ. ދެމީހުންގެ އެއް ނޭވާ ދައުރުވަމުންދާ ފިނި ވައިރޯޅީގެ އަސަރުވެސް ފަރުވާއެއް ކަމުގައި މިވަގުތު ފުދެ އެވެ.

...............

ޝައްޔާން ހުރީ އޭނާގެ މަންމަމެންގެ ގޭގެ ސިޓިންގރޫމްގަ އެވެ. އަންނާނެ ހުރިހާއި ހަމަލާއަކަށް ތައްޔާރުވެގެން އައްޑަނައެއްގެ ގޮތުގައި ފަލަކްގެ ދިފާއުގައި ވާންޖެހުނު ކޮންމެ ގުރުބާނީއަކަށް މިއަދު ޝައްޔާން ތައްޔާރެވެ. މަންމަގެ ނުފޫޒުން ބޭރުން، ދަރިޔަކު 'އެހެން މީހަކާ' ދިމާއަށް ބަލައިލުމަކީވެސް އާއިލާގައި ހުއްދަ ލިބޭނެކަމެއް ނޫނެވެ. 

ހަގީގަތް އެނގިހުރެ، 'ނިކަމެއްޗަކާއި' ކޮއްކޮ ކައިވެނިކުރުމުގެ ހުއްދައަށް އެދި މަންމަ އެއްބަސް ކުރުވުމަކީ 'ނާދިރު' ކަމެއްކަން އެންމެ ރަގަޅަށް އެނގޭނެ މީހަކީވެސް ޝައްޔާން އެވެ. 

"ޝައްޔާން މޮޔަވީތަ..؟ ހުރިހައި ކަމެއް އެނގިހުރެ، އެ ވަރުގެ ފިރިހެނަކާ އަހަރުމެންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ކައިވެނިކުރުވަން ވީތަ؟ ތިކަމެއް ނުވާނެ؟ އަހަރުމެންގެ ފެންވަރާއި އެމީހުންގެ ފެންވަރުގެ ފަރަގު ޝައްޔާންއަށް ނުފެންނަނީތަ؟" އެއީ މަންމަގެ އަޑެއް ނޫނެވެ. 

އެއީ މުހައްމަދު އަފްރީދީ ރައިޒާދު، ޝައްޔާން ބައްޕަގެ އަޑެވެ. ބައްޕަގެ ހިތުގައި މުއްސަނދިކަމަށް މިވަރުގެ، ދަހިވެތިކަމެއް އުފެދުނު އިރެއް ޝައްޔާންއަށް އެނގިފައެއް ނެތެވެ. 

"މުއްސަނދިކަމާއި ގަދަރާއި ހައިބަތާއި މަޝްހޫރުކަމާއި މޮޅުކަމާއި ނަސަބާއި ހަސަބުގެ ސަބަބުން އުފަލެއް ލިބޭނެ ނަމަ، މިއަދު ދުނިޔޭގައި އެންމެ އުފަލުގައި އުޅޭނެ މީހަކީ މަންމައާއި ބައްޕަގެ އެންމެ ދޮށީ ދަރިފުޅު..! އެކަމަކު މިއަދު  ދައްކަން މިއުޅެނީ އަހަރެންގެ ދިރިއުޅުމުގެ ވާހަކައެއް ނޫން..! މިއީ ފަލަކްގެ ދިރިއުޅުން.. މިތާގައި މިދައްކަނީ، އޭނާގެ މުސްތަގުބަލް ބިނާކުރުމުގެ ވާހަކަ.. އެއީ ކިތަންމެ ނިކަމެތި އާއިލާއެއްގެ ކުއްޖަކަށްވިޔަސް، ފަލަކް ލޯބިވީ އޭނާ ދެކެ.. އެކަން ދޮގުކުރެވޭކަށް ނެތް..!  އެކަމާ ދެކޮޅު ހެދޭކަށްވެސް ނެތް..! ހަމައެކަނި ފަލަކް އެއް ނޫން.. ރާފީވެސް ފަލަކް ދެކެ ލޯބިވޭ.." ޝައްޔާންގެ ދެ ލޯ ރަތްވެފައި ހުއްޓަސް ގޮތްދޫކުރުމުގެ ހިޔާލެއްވެސް ނެތެވެ. 

"އެކަމަކު، ފަލަކުއަކީ ކާކުކަން އެނގުމާއެކު އޭނާ ފަލަކް ދޫކޮށްލީ..! އެއީ ބޮޑު ފިނޑިއެއް..! އެކަން ދޮގުކުރެވެން އެބައޮތްތަ؟" ހިތްހަމަ ނުޖެހުމާއެކު މިސްޓަރ ރައިޒާދް ބުނެލި އެވެ. 

"އަހަރެންގެ ސަބަބުން.. އެކަން އެވީ، އަހަރެންގެ ސަބަބުން..!" މޭގައި އަތް ޖަހާފައި ޝައްޔާން ބުނެލި އެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް