މިދިޔަ އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައި ފެށި ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.
ރާއްޖޭގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އެފްކޮންސް ކުންފުނިން ބުނީ ތިލަމާލެ ބްރިޖުގެ 68 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.
ބްރިޖުގައި މިހާރު ކުރަމުން އަންނަނީ މާލެއާއި ވިލިމާލެއާ ދެމެދު ގުޅުވާލާ ބްރިޖުގެ ބައިތައް އެތުރުމުގެ މަސައްކަތްކަމަށާއި އެ މަސައްކަތް މިއަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް ނިންމައިލެވޭނެކަމަށް ލަފާކުރެވޭކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެފްކޮންސް ކުންފުނިން ބުނީ މިއަހަރު ނިމޭއިރު މާލެއިން ވިލިމާލެއަށް ދަތުރުކުރަން ފެށުމަކީ އެ ކުންފުނީގެ އުއްމީދެއްކަމަށެވެ.
ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށް ދަނީ ސަރުކާރުން އެދޭ ވަރަށް ވުރެ މާ ލަސްކޮށް ކަމަށާއި އެ މަަސައްކަތް އަވަސްކުރަން ކޮންޓްރެކްޓަރާއި އިންޑިއާގެ ސަރުކާރާ ވެސް ވާހަކަދައްކަމުން އަންނަ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފައެވެ.