ads
ނަރުދޫ---
ނަރުދޫއިން އިތުރު 15 މީހެއްގެ ސާމްޕަލް ނަގައިފި
ށ. ނަރުދޫއިން އިތުރު 15 މީހެއްގެ ސާމްޕަލް ނަގައިފި އެވެ.
Advertisement

ސީއެންއެމްއަށް މައުލޫމާތު ދެމުން ނަރުދޫ ޓާސްކް ފޯހުން ބުނީ ކޮވިޑް-19 އަށް އެރަށުން މިއަދު އިތުރު 15 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ.

މިހާތަނަށް ނަރުދޫ އިން 11 މީހަކު ޕޮޒިޓިވްވެފައިވާއިރު އެރަށުން ކޮވިޑަށް ޓެސްޓުކުރުމަށް 67 ސާމްޕަލް އެއް ވަނީ ނަގާފައެވެ. އަދި އޭގެ ތެރެއިން 41 ސާމްޕަލެއް ނެގަޓިވް ވެފައިވާއިރު 15 ސާމްޕަލްއެއްގެ ނަތީޖާ އަދި ނުލިބެ އެވެ.

ނަރުދޫގައި ބައްޔަށް ޕޮޒިޓިވްވި މީހުން އިތުުރު ވަމުން އަންނައިރު އެކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަރަންޓީނު ކުރަމުންނެވެ. އެގޮތުން އެރަށުގައި ހުރި ހަމައެކަނި ޑޮކްޓަރު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވުމާ ގުޅިގެން ކަރަންޓީނަށް ގެންގޮސްފައިވާކަމަށް ޓާސްކް ފޯހުން ބުނެ އެވެ.

އެކަމުގައި ރައްޔިތުންނަށް ދިމާވަމުންދާ ދަތިތައް ހައްލުކުރުމަށް ޑޮކްޓަރެއް ގެނައުމުގެ މަޝްވަރާތައް، ކަމާ ގުޅުން ހުރި ފަރާތްތަކާއެކު ކުރިއަށްދާ ކަމަށާއި ދެތިން ދުވަސް ތެރޭގައި ޑޮކްޓަރެއް ހަމަޖެހޭނެކަމުގެ އުންމީދު އެބަ އޮތް ކަމަށް ޓާސްކް ފޯހުން ވަނީ ބުނެފައެވެ.

އެރަށުގައި ހިދުމަތް ދެމުން އަންނަ ޑޮކްޓަރު ކަރަންޓީނަށް ގެންގޮސްފައިވާއިރު އެރަށުގައި ތިބި ދެ ނަރުހުންވެސް ވަނީ ކަރަންޓީނުކޮށްފަ އެވެ. ނަމަވެސް ސިއްހީ މަރުކަޒުގެ ހިދުމަތް ފޯރުކޮށްދިނުމަށް ފުނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލް އިން ނަރުހެއް ގެނެސް ދަނީ ހިދުމަތް ފޯރުކޮށްދެމުނުންނެވެ. 

ކޮވިޑް-19 އަށް އަތޮޅު ތެރެއިން އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާ ރަށަކީ ނަރުދޫ އެވެ. އެކަމާ ގުޅިގެން އެރަށުގެ ހާލަތު ބެއްލެވުމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އަދި ޑރ. އަލީ ލަތީފުގެ އިތުރުން އެމްއެންޑީއެފްއާއި ޕޮލިހުންގެ އިސް ބޭފުޅުން ވަނީ އެރަށަށް ވަޑައިގެންފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ވެލާ ރިސޯޓުން ހަދިޔާކުރި ތަކެތި އެރަށަށް މިއަދު ވަނީ ގެނެސްފަ އެވެ. އޭގެ ތެރޭގައި 3000 އަންގިއާއި މާސްކު ހިމެނެ އެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް