ads
ޔަމަނުގެ އާ ބޮޑުވަޒީރު އަޙްމަދު އަވާދު ބިން މުބާރަކް
ސައުދީ ސަރުކާރުން ޔަމަނުގެ ބޮޑުވަޒީރު ބަދަލުކޮށްފި
ސައުދީ އަރަބިއްޔާގެ ފުރިހަމަ ތާއީދާއެކު ހިންގަމުން އަންނަ ޔަމަނުގެ ސަރުކާރުން، އެ ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ބޮޑު ބަދަލެއް ގެނެސް، އާ ބޮޑުވަޒީރަކު އައްޔަންކޮށްފި އެވެ.
Advertisement

ޔަމަނުގެ ޕްރެޒިޑެންޝަލް ލީޑަޝިޕް ކައުންސިލް (ރިޔާސީ ކައުންސިލް) އިން ނެރުނު ގަރާރެއްގައިވާ ގޮތުން، ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަންކޮށްފައި ވަނީ މިހާތަނަށް އެ ގައުމުގެ ޚާރިޖީ ވަޒީރުކަމުގެ މަގާމުގައި ހުންނެވި އަޙްމަދު އަވާދު ބިން މުބާރަކް އެވެ. މި ބަދަލާއެކު، ކުރިން ބޮޑުވަޒީރުކަމުގައި ހުންނެވި މައީން އަބްދުލްމަލިކް ސައީދު ވަނީ މަގާމުން ދުރުކޮށްފަ އެވެ. މައީން ދެން ހުންނަވާނީ ރިޔާސީ ކައުންސިލްގެ ޗެެއާމަންގެ މުޝީރެއްގެ ގޮތުގަ އެވެ.

މި ބަދަލު ގެނެސްފައި މިވަނީ ޔަމަނުގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ދަށަށްގޮސް، ސަރުކާރާ މެދު ރައްޔިތުންގެ ހިތްހަމަނުޖެހުން އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. ސައުދީން ވާގިވެރިވާ ޔަމަނުގެ ސަރުކާރުން ކޮންޓްރޯލްކުރާ ސަރަހައްދުތަކުގައި ކަރަންޓުގެ ޚިދުމަތް ކެނޑުމާއި، ފައިސާގެ އަގު ވެއްޓި ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވުމުގެ ސަބަބުން މިދިޔަ ދުވަސްތަކުގައި މުޒާހަރާތައް ވެސް ކޮށްފައިވެ އެވެ.

އާ ބޮޑުވަޒީރު ބިން މުބާރަކް އަކީ ޔަމަނުގެ ހަނގުރާމައިގައި އިދިކޮޅު ހޫތީ ޖަމާއަތާ ދެކޮޅަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވަކާލާތު ކުރައްވާ ބޭފުޅެކެވެ. އެމެރިކާއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ބިން މުބާރަކް ވަނީ މީގެ ކުރިން އެމެރިކާގައި ހުންނަވާ ޔަމަނުގެ ސަފީރުކަން ވެސް ކުރައްވާފަ އެވެ. އަދި 2015 ވަނަ އަހަރު ހޫތީން ސަންއާ ހިފި ދުވަސްވަރު، ހޫތީން ވަނީ ބިން މުބާރަކް ރަހީނުކޮށް، ދުވަސްތަކެއް ވަންދެން ހައްޔަރުކޮށްފައި ވެސް ގެންގުޅެފަ އެވެ.

ބިން މުބާރަކް ބޮޑުވަޒީރުކަމަށް ވަޑައިގަތުމުން ހޫތީންނާއި ސަރުކާރާ ދެމެދު އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވެދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެ އެވެ. ހާއްސަކޮށް، ރަތް ކަނޑުގައި ހޫތީން ދެމުންދާ ހަމަލާތަކާ ގުޅިގެން މުޅި ސަރަހައްދު ހަލަބޮލިވެފައިވާ ވަގުތެއްގައި، ހޫތީންނާ ދެކޮޅު ވިސްނުމުގެ ބޭފުޅަކު ސަރުކާރުގެ އެންމެ އިސް އެއް މަގާމަށް އައުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.

ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައަށް 10 އަހަރު ވެފައިވާއިރު، އެ ގައުމު އޮތީ އިންސާނީ ބޮޑު މުސީބާތެއްގެ ތެރޭގަ އެވެ. ގައުމުގެ އާބާދީގެ ބޮޑު ބައެއް ބިކަވެ، ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ވަނީ ޖެހިފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް