މިކަން ހިނގާފައިވަނީ، ސަންޖޭ އާއި ކަރިޝްމާގެ ވަރީގެ ސިއްރު ލިޔެކިޔުންތައް ހޯދުމަށް އެދި ޕްރިޔާ ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެންނެވެ. މި މައްސަލައިގެ އަޑުއެހުމުގައި ކަރިޝްމާގެ ވަކީލުން ވަނީ ވަރަށް ހަރުކަށި އިބާރާތުން ޕްރިޔާގެ މި އަމަލަށް ރައްދު ދީފަ އެވެ.
ޕްރިޔާ ކޯޓުގައި ބުނެފައިވަނީ މި ލިޔެކިޔުންތައް ބޭނުންވަނީ، ސަންޖޭ މަރުވުމަށްފަހު އޭނާގެ މުދަލާއި ފައިސާ ބެހުމުގެ މައްސަލަ (ސަކްސެޝަން ކޭސް) ދިއްލީ ހައިކޯޓުގައި ހިނގަމުންދާތީ އެކަމަށް ކަމަށެވެ. ނަމަވެސް ކަރިޝްމާ ދެކޭ ގޮތުގައި މިއީ އޭނާގެ އަބުރާއި ޒާތީ މިނިވަންކަމަށް އަރައިގަތުމެވެ.
މި އަރާރުމުގައި ސަންޖޭގެ އާއިލާއިން ވެސް ތިބީ ކަރިޝްމާއާ އެކުގަ އެވެ. ސަންޖޭގެ ދައްތަ، މަންދިރާ ކަޕޫރު ބުނި ގޮތުގައި، ސަންޖޭ ދުނިޔޭގައި ހުރިއިރު އެ ލިޔުންތައް ޕްރިޔާއަށް ދައްކަން ބޭނުންވިނަމަ ދެއްކީހެވެ. އެހެންކަމުން މިއަދު އެ ލިޔުންތައް ހޯދަން އުޅުމަކީ ކުޑަކުދިން (ކަރިޝްމާގެ ދަރިން) ވެސް ޝާމިލުވާ ހައްސާސް މައްސަލައަކަށް ވާތީ، އެކަން ކޮށްގެން ނުވާނެ ކަމަށް އޭނާ ބުންޏެވެ.
ސުޕްރީމް ކޯޓުން މިހާރު ވަނީ މިކަމަށް ތަފްސީލީ ޖަވާބެއް ދިނުމަށް ކަރިޝްމާއަށް ދެ ހަފްތާގެ މުހުލަތެއް ދީފަ އެވެ.