އެމެރިކާގައި އަރުވާލެވިގެން ދިރިއުޅުއްވާ ޕަހްލަވީ ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އީރާނުގެ ސިފައިންނާއި ސަލާމަތީ ބާރުތަކުގެ "ބޮޑު ބައެއްގެ" ސިއްރު ތާއީދު އޭނާއަށް އެބައޮތް ކަމަށެވެ. އަދި އޭނާ "އީރާނަށް އެނބުރި ވަޑައިގަންނަވާނެ" ކަމަށް ވިދާޅުވި ނަމަވެސް، ވަޑައިގަންނަވާނެ ވަކި ތާރީޚެއް ވިދާޅެއްނުވެ އެވެ.
އީރާނުގައި ހިނގަމުންދާ މުޒާހަރާތައް ސަރުކާރުން ބާރުގެ ބޭނުންކޮށްގެން މައިތިރިކޮށްފައިވާއިރު، ޕަހްލަވީ ވިދާޅުވީ ބައިނަލްއަގުވާމީ ފަރާތްތަކުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑް (އައިއާރުޖީސީ) ގެ ވެރިންނަށް އަމާޒުކޮށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި އީރާނުން މުވާސަލާތީ ޚިދުމަތްތައް ބްލޮކްކޮށްފައިވާތީ، 'ސްޓާލިންކް' މެދުވެރިކޮށް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޕަހްލަވީއަށް އީރާނުގެ ރައްޔިތުންގެ ތާއީދު އޮތް މިންވަރާ މެދު ސުވާލު އުފައްދަވާފަ އެވެ. ނަމަވެސް ޕަހްލަވީ ވިދާޅުވީ ޓްރަމްޕް އީރާނުގެ ރައްޔިތުންނާ އެކު ދެމިހުންނަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ޕަހްލަވީ އިތުރަށް ވިދާޅުވީ އޭނާގެ ލީޑަޝިޕްގެ ދަށުން ގާއިމުވާ ޑިމޮކްރެޓިކް އީރާނެއްގައި އަވަށްޓެރި ގައުމުތަކާ ގުޅުން ބަދަހިކުރާނެ ކަމަށާއި، އޭގެ ތެރޭގައި މިހާރުގެ އީރާން ސަރުކާރުގެ އެންމެ ބޮޑު ދުޝްމަން ކަމަށްވާ އިޒްރޭލު ވެސް ހިމެނޭނެ ކަމަށެވެ.