ވިވެކްގެ ޓްރެއިނަރު ވިނޯދު ޗަންނާ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި، ވިވެކް ފިލްމީ ދާއިރާއާ ދުރަށް ދާން ޖެހުނު އެންމެ ބޮޑު ސަބަބަކީ އޭނާއަށް ދިމާވި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު ބޮޑެތި އަނިޔާތަކެވެ.
ކެރިއަރު ބަދަލުކޮށްލި ދެ އެކްސިޑެންޓް ވިވެކްގެ ކެރިއަރުގެ ކުރީކޮޅު ވަރަށް ނުރައްކާތެރި ދެ ހާދިސާއެއް ހިނގި އެވެ.
ފުރަތަމަ ހާދިސާ (2002): ފިލްމު "ރޯޑް" ގެ ޝޫޓިންގައި އުޅެނިކޮށް، ވިވެކް އިން ކާރު ގޮސް ގާޑިޔަލެއްގައި ޖެހި ވަރަށް ބޮޑު އެކްސިޑެންޓެއް ވިއެވެ. މި ހާދިސާގައި ލިބުނު އަނިޔާތަކުން އޭނާ ސަލާމަތްވީ ހަމަ ކިރިޔާ އެވެ.
ދެވަނަ ހާދިސާ (2004): މަޝްހޫރު ޑައިރެކްޓަރު މަނީ ރަތުނަމްގެ ފިލްމު "ޔުވާ" ގެ ޝޫޓިންގައި ސައިކަލު ސްޓަންޓެއް ޖައްސަން އުޅުމުގެ ތެރޭގައި ވިވެކްގެ ވާތު ފައި ވަނީ ތިން ތަނުން ބިންދައިގެން ގޮސްފަ އެވެ. މި މަންޒަރު ފެނިފައި ޑައިރެކްޓަރު މނީ ރަތުނަމްއަށް ހާޓް އެޓޭކެއް ޖެހުނު ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
މި އަނިޔާތަކަށްފަހު ފިލްމީ މަސައްކަތްތައް ކުރުމަށް ވިވެކްއަށް އުނދަގޫވުމުން، އޭނާ ވަނީ ވިޔަފާރީގެ ދާއިރާއަށް މިސްރާބު ޖަހާފަ އެވެ. ނަމަވެސް މިހާރު އޭނާ އަންނަނީ ރޯހިތު ޝެޓީގެ "އިންޑިއަން ޕޮލިސް ފޯސް" އަދި ކުރިއަށް އޮތް "މަސްތީ 4" ފަދަ ފިލްމުތަކުން އަލުން ފެންނަމުންނެވެ.