ads
ނޭނގި ހިތް ގެއްލުނީ
ނޭނގި ހިތް ގެއްލުނީ - 61 ވަނަ ބައި
އެޕިސޯޑް 61
Advertisement

"އަހަރެންގެ މަޝްހޫރުކަމާއި އަހަރުމެންގެ 'ހައިބަތު'ގެ ސަބަބުން..!'' ފާޅުގައި ޝައްޔާން ދޮގުހެދީ، ހަތް އަހަރަށް ފަހުވެސް މަންމައާއި ބައްޕަ ނުވަތަ އާއިލާއަށް އޭނާއާއި އަމާރާގެ 'ހަގީގަތް' ހާމަކުރަން ޖެހިލުންވާތީ އެވެ. ނުވަތަ އެ ހަގީގަތް ހާމަކުރާން އޭނާ ބޭނުން ނުވާތީ އެވެ.

"ދޫކޮށްލިޔަސް، ރާފީ ފަލަކްއަށް ދެރައެއް ނުދޭނެ.. އަހަރެންގެ މަޝްހޫރުކަމުގެ ފައިދާ ނުވަތަ މި އާއިލާގެ މުއްސަނދިކަމުގެ ޒައްރެއްގެ މިންވަރު ފައިދާއެއް ނެގުމަށްވެސް ފަލަކްގެ ބޭނުންކުރަން އޭނާ މަސައްކަތްކޮށްފައެއް ނެތް..! ރާފީ އިހްތިޔާރުކުރީ، ފަލަކްއާއި ދުރަށް ޖެހިލަން.. މާނައަކީ، ފަލަކްއަށް ރާފީގެ ހިތުގައި އޮތް އިހްތިރާމް.. މިކަން ދޮގުކުރެވެން އެބައޮތްތަ؟" އަސަރާއެކު ޝައްޔާން ވާހަކަދެއްކީ މަންމައާއި ބައްޕައަށް ވިސްނައިދެވޭތޯ އެވެ.

"މިހުރިހައި ފަރަގެއް އަހަރުމެންގެ ދެ އާއިލާ ދެމެދު އޮތް އިރުވެސް، ދަރިފުޅު މިކައިވެންޏަށް އޯކޭ ތަ؟" މަޑުމަޑުން ފާތިމާ ޒަހްރާ ފާއިގް، ޝައްޔާން މަންމަ ސުވާލުކުރި އެވެ.

"ނޫން.. ކުރިން ގަބޫލެއް ނޫން.. އެކަމަކު މިހާރު ގަބޫލު" ޖީންސްގެ ދެ ޖީބަށް އަތް ޖަހާފައި ޝައްޔާންގެ މޫޑް ބަދަލުކުރަމުން ބުނެލި އެވެ. ..................

އަމާރާގެ ކުރުތާގެ ފަސްބައިގައި ލޯ ވަޅު ނޭޅި އޮތްކަމެއްވެސް ނޭގެ އެވެ. މަންމައާއި ބަހުސް ފެށީންސުރެން ނިއްކުރިން ހިއްލަމުންދިޔަ ދާ ބޮކިތަށް ކޮންޓްރޯލްކުރުމަށް އޭނާ ބޭނުން އެ ކުރަނީ ލައިގެން ހުރި މަޑު ފިޔާތޮށިކުލައިގެ ކޮޓްން ކުރުތާގެ ފަސްބައި އެވެ. 

މަންމަ އެއްބަސް ކުރުވުމަކީ މިހައި އުނދަގޫ ކަމަކަށް ވެގެން ހިގައިދާނެކަމަށް އަމާރާއަށް އަންދާޒާވެސް ކުރެވިފައި ނެތެވެ. 

"އެހެންވީމަ، އެ އަންހެން ކުއްޖާއަކީ ޝައްޔާން ޔޫސުފް ރައިޒާދްގެ އެއްބަނޑު އެއްބަފާ ކޮއްކޮ..؟" ވިސްނުމެއްގެ ތެރެއިން މަޑުމަޑުން ފަރީހާ ބުނެލި އެވެ. އެއްބަސްވުމުގެ ޒައްރެއްގެ މިންވަރުވެސް މަންމަގެ މޫނުމަތީން އަމާރާއަށް އަދިވެސް ނުފެނެ އެވެ. 

އަމާރާގެ ބޮލުގެ އިޝާރާތުން ޖަވާބުދިނީ ހިތް އަވަސްވެފައި ހުރެ އެވެ.

އެއްވެސް އެއްޗެއް ނުބުނެ، ކުޑަދޮރުން ބޭރު ބަލަހައްޓައިގެން ހުރި ރާފީއަށް އެތަނުގައި ހިނގަމުންދިޔަ ހޫނު ބަހުސްގެ ހަބަރެއްވެސް ނުވާ ފަދަ އެވެ. ދުއްވަމުންދިޔަ ވެހިކަލްތަކުގެ ހަލަބޮލިކަމަށް ބަލަހައްޓައިގެން ހުއްޓައި، ސިއްސައިގެން ދިޔައީ ރާފީގެ ކޮނޑުގައި ހިފާފައި ބާރަށް އަނބުރާލި ވަގުތު އެވެ.

ހަރަކާތެއް ނުގެނެވިގެން އުޅެނިކޮށް މުޅި ގޭތެރެ ހިމޭންވެގެން ދިޔައީ ރާފީގެ ކޯތާފަތް މައްޗަށް މަންމަ ދިން ހަމާލާގެ ސަބަބުންނެވެ.

ރުޅިއައިސް ރަތްވެފައި ހުރި މަންމަގެ ލޮލަށް ބަލަން ރާފީއަށް ފަސޭހައެއް ނޫނެވެ. އެކަމަކު ލިބުނު ޝޮކުގައި އެހެން މިސްރާބަކަށް ލޮލުގެ ކަޅި ހަރަކާތެއް ނުކުރި އެވެ. އަތް އުފުލާލެވުނީ މޫނުމަތީން ދިލަ ނަގައިގަތުމުންނެވެ. 

"މުޅި ދުނިޔޭގެ ލޯ ތަކަށް އިސްޖަހައިގެން މިތަނުގައި ދައްތައަކު ވޭން އުފުލަމުންދާކަން ރާފީއަށް ނޭގޭތަ..؟ ހުރިހައި މަންޒަރެއް ސާފުކޮށް ފެންނަން އޮއްވައި އެހެން އަންހެން ކުއްޖެއްގެ ދިރިއުޅުމާއި ހަމައެގޮތަށް ކުޅެން، އެއްޗެއް ހިތަށްވެސް ނޭރިތަ..؟ ރާފީގެ ލަދު ހަޔާތް ކޮބާ؟" ދުވަހަކުވެސް ދަރިއަކާއި ވާހަކަ ނުދައްކާ ބީދައިން ފަރީހާ ވާހަކަދެއްކީ އޭނާގެ ރުޅި ކޮންޓްރޯލް ނުވެގެންކަން ޔަގީނެވެ. 

"މަންމާ!؟" އަމާރާއަށް ލިބުނު ޝޮކްގެ ތެރެއިން ނިކުންނާން ވަގުތުކޮޅެއް ނެގި އެވެ. 

"ފަލަކްގެ އިހްސާސްތަކާއި ކުޅުމުގެ އެއްވެސް ވިސްނުމެއް ނެތް.. ފަލަކް ދެކެ ވަރަށް ލޯބިވޭ.. ވަރަށް ވަރަށް ލޯބިވޭ.." ކޯތާފަތުން އަތް ނުނަގައި ހުރެ ރާފީ ވާހަކަދެއްކި އެވެ. ލޮލުން ކަރުނަ އަޔަސް، މަންމަގެ ކުރިމަތީގައި އޭނާގެ ލޯތްބަށް އިހްތިރާމް ކުރި އެވެ.

"އިހްސާސްތަކާއި ކުޅުމުގެ ވިސްނުމެއް ނެތިއްޔާ، އެފަދަ ހާލަތަކަށް ދިއުމަށް ކުއްލިޔަކަށް އޭނާ ދޫކޮށްލީ ކީއްވެ؟" ނުރުހުމާއެކު ފަރީހާ ސުވާލުކުރި އެވެ. 

ފަރީހާގެ މިފަހަރުގެ ސުވާލާއެކު ރާފީގެ ކަތުރުކަށިގަނޑު ބިންދައިގެން ދާވަރަށް ދަތްކުނޑި ވިކާލި އެވެ. އިނގިލިތަކުގެ މޮއްކޮޅުތަށް މުގުރޭ ވަރަށް ގޮއްމުއްކަވާލި އެވެ. ހިތާއި ސިކުނޑީގައި އުތުރި އަރަމުންދިޔަ އިހްސާސްތަކާއި ނަފްރަތާއި ރުޅިކޮންޓޮރޯލް ކުރުމުގައި ފެއިލްވެދާނެ ކަމަށްޓަކައި ދެ ލޯވެސް މަރައިލި އެވެ. ނަމަވެސް ކުރިއެރުމެއް ނުލިބުމުން، ރާފީ ބަލައިލީ އަމާރާ އަށެވެ.

"ދޮންތާ... މަންމަ ގާތުގައި ބުނަންވީ؟"

ހަރުކަށިކަމާއެކު ރާފީ ސުވާލުކުރީ އަމާރާގެ ލޮލަށް ބަލަމުންނެވެ. ހަތް އަހަރު ދުވަހުގެ ނަފްރަތާއި ޝަކުވާއިން ރާފީގެ ހިތާއި ސިކުނޑި ހަލަބޮލިވެފައި ވަނީ ކިހައި މިންވަރަކަށް ކަމެއް އެހެން މީހަކަށް އަންދާޒާވެސް ނުކުރެވޭނެ އެވެ. ނަމަވެސް މިވަގުތުވެސް ދޮންތަގެ އިޒުނައަށް ރާފީ އެދުމުން، އޭނާގެ ހިތުގައި 'އާއިލީ ގުޅުމަށް' އޮތް އިހްތިރާމާއި މުހިއްމުކަން އެނގިއްޖެ އެވެ.

ސިކުންތެއްވެސް ބޭކާރު ނުކޮށް އަމާރާގެ ބޯ ދެފަރާތަށް ހޫރުވާލި އެވެ. 

"ނޫން" ނޭވާގެ އަޑާއެކު އަމާރަށް ބުނެވުނެވެ. ހަމައެވަގުތު އިވުނީ ގޭގެ ދޮރު ހުޅުވުނު އަޑެވެ.

އުފަލުން ފޮޅިފައި ހުރެ، ގޭތެރެއަށް ދުވެފައި އެވަނީ ކިސްވާ އެވެ. 

"މަންމާ.. މިއަދުގެ ހުރިހައި އެއްޗަކުން އެއް ވަނަ ލިބުނީ ކިސްވާ އަށް" ކިސްވާ ދުވެފައި އައީ އަމާރާއާއި ދިމާއަށެވެ. 

ދެއަތުގެ ތެރޭގައި ދަރިފުޅު ބޮނޑިކޮށްލަމުން ފުން ނޭވާއެއް އަމާރާ ދޫކޮށްލިކަން އެނގުނީ ރާފީ އަށެވެ.

"މަންމަގެ ކިސްވާއަކީ މަންމަގެ ޗެމްޕިއަން.. ވަރަށް ރަގަޅު.. މަންމަގެ ދަރިފުޅު ވަރަށް މޮޅު! މަންމަ ވަރަށް އުފާވެއްޖެ!" އަމާރާގެ ހުރިހައި ސަމާލުކަމެއް ދިނީ ކިސްވާއަށެވެ. ގޮށްމުއްކަވާފައިވާ އަތުގެ އިނގިލިތަކުން ލޭ ކުލަ ފެންނާން ހުއްޓެވެ. ރާފީގެ ރުޅިގަނޑު ކޮންޓްރޯލްކުރާން ކުރި ހުރިހައި މަސައްކަތެއް ފަރީހާ ބަލަމުންދިޔައީ ބުއްދިވެރި ސިކުނޑިއަކުންނެވެ. އަމާރާއާއި ރާފީގެ ދެމެދުގައި 'ކަމެއް' އޮތްކަން ފަރީހާއަށް ޔަގީނެވެ. އެއީ އާދައިގެ ކަމެއް ނޫންކަން، އޭނާގެ ތަޖުރިބާގެ ސިކުނޑި ބުނެލި އެވެ. 

"ދަރިފުޅު ފެންވަރާލަން ދޭ.. މަންމަ މި އަންނަނީ" ކިސްވާގެ ކޮނޑުގައި އޮތް ދަބަސް ނަގަމުން އަމާރާ ބުންޏެވެ. ލަސްތަކެއް ނުވެ ކިސްވާ ދުވެފައި ދިޔައީ މަންމަ ބުނިފަދައިން ފެން ވަރާށެވެ.

"މިތަނުގައި އަހަންނަށް ސިއްރުކޮށްގެން މިހިނގަނީ ކޮންފަދަ ކަންތައްގަނޑެއް..؟ ކަލޭމެން ދެމީހުން ތިޔަ ސިއްރުކުރަނީ ކިހައިވަރެއްގެ ކަމެއް؟" މޭދަށުގައި ދެ އަތް ހުރަސްކޮށްފައި ފަރީހާ ސުވާލުކުރީ އޭނާގެ ދެ ދަރިންނާ އެވެ.

"ނޫނޭ މަންމާ... ރާފީ ބިރުގަތީ، ފަލަކްގެ އާއިލާއަކީ  ނުފޫޒު ގަދަ ބަޔަކަށް ވާތީ... ޝައްޔާންގެ މަޝްހޫރުކަމުގެ ސަބަބުން، އަހަރުމެންގެ ދިރިއުޅުމަށް ހުރަހެއް ކުރިމަތިވެދާނެތީ، އެކަމައިގެން ކުރިއަށް ދާން ރާފީ ޖެހިލުންވީ" ރުޅިއައިސް ރަތްވެފައި ހުރި، ރާފީއަށް ބަލައިލަމުން އަމާރާ ބުނެލި އެވެ.

...............

ކަޅު އަނދިރި މެންދަމުގެ ހިމޭންކަމުގައި ދުނިޔެއަށް އަލިކަމެއް ލިބެނީ، އުޑުމަތީގައި ފިޔަޖަހަމުން ދިޔަ ތަރިރުހަނދުގެ ރިހި ވިދުވަރުންނެވެ. މުޅި ސަރަހައްދުން ކަރަންޓު ކެނޑުނުތާ ބައިގަޑީރު ވެއްޖެ އެވެ. އިންޒާރެއް ނެތި  ކަރަންޓު ދިއުމަކީ، އައު ކަމެއް ނޫނެވެ.

ހިތްގައިމު ކުޑަދޮރުން ބޭރު ބަލަމުން، އެއް ފަރާތެއްގައި ރާފި ލެނގިލައިގެން ހުރީ، އަނދިރީގެ އެ މަންޒަރުން މިރޭ އޭނާއަށް މާ ބޮޑު ހިތްހަމަޖެހުމެއް ލިބޭތީއެއް ނޫނެވެ. ނަމަވެސް، ނުތަނަވަސްކަން މައިތިރިކުރާން މަޖުބޫރުވާތީ އެވެ.

އަމާރާގެ ކޮޓަރީގައި މަޑުމަޑު މީރުވަހެއް ހިފާލާފައި ވަނީ، ކަރަންޓު ނެތުމުން، ދިއްލާފައިވާ އުއްބައްތިތަކުގެ ސަބަބުންނެވެ. ފަންކާއެއް ނުތަވަ އެއާކޯނުގެ އަޑުވެސް ނެތި، ކޮޓަރިތެރެ ހިމޭންވެފައިވާއިރު، ނިދިފައި އޮތް ކުޑަދަރިފުޅު ކިސްވާ، އަދި އަމާރާގެ އިތުރުން ރާފީގެ ނޭވާގެ އަޑުވެސް މިރޭ ނީވެ އެވެ.

ނޭވާލާން ހަނދާން ނެތީއެއް ނޫނެވެ. ހަށިފުރައި ނޭވާލާނެ އާރެއް ބާރެއްވެސް އަމިއްލަ ނަފުސުގައި ނެތުނީ އެވެ.

ނިދަން ވަންނަގޮތަށް ފަތިސް ނަމާދުގެކުރިން މަންމަ ނުނިކުންނާނެކަން، ރާފީއަށް ޔަގީނެވެ. އަމާރާއާއި ވާހަކަ ދެއްކުމަށް އެ ކޮޓަރިއަށް އައީ އެވަރު ޔަގީންކޮށްފަ އެވެ.

"ދޮންތާ.." ހިމޭންކަން ފޫއަޅުވާލީ ރާފީ އެވެ. ނަމަވެސް ބަލަހައްޓައިގެން ހުރި އަނދިރިކަމުގެ ތެރެއިން އޭނާގެ ނަޒަރު ދުރަށް ނުލަ އެވެ. 

އަމާރާގެ އިޝާރާތެއް ނެތުމުން އަނެއްކާވެސް ވާހަކަދެއްކީ ރާފި އެވެ. 

"ދޮންތާ.. ކިސްވާގެ ހަގީގަތް، ދޮންތަ ޝައްޔާން ގާތުގައި ބުނާނެ ދުވަހެއް އަންނާނެތަ؟"

ރާފީގެ ހިތުގައި އޮންނަ އެންމެ ބޮޑު ބިރު، ފަނޑުކޮށްލުމުގެ މަސައްކަތް އޭނާ ފެށި އެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް