ހައިދަރު މިކަން ހާމަކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ތައްޔާރުކޮށް ގެނެސްދޭ ތަރުޖަމާނު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
ޑރ.ހައިދަރު ވިދާޅުވީ ވަރަށް ގިނަ ފަހަރަށް ދަރިވަރުންގެ ފަރާތުން ލިބޭ އެއް ޝަކުވާއަކީ އެ ކުދިން ކިޔަވަން ދާ ގައުމަށް ކަނޑައަޅާފައިވާ ސްޓައިޕެންޑަކީ އެ ގައުމުގައި ދިރިއުޅުމަށް އެކަށީގެންވާ ސްޓައިޕެންޑަކަށްނުވާ ކަމުގެ ޝަކުވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އެކި ގައުމުތަކަށް ކަނޑައަޅާފައި ހުންނަނީ އެކި މިންވަރުގެ ސްޓައިޕެންޑެވެ. އެ ސްޓައިޕެންޑުތައް މުރާޖާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހައިދަރު ވަނީ ވިދާޅުވެފަ އެވެ.
ހައިދަރު ވިދާޅުވީ، އެ ސްޓައިޕެންޑުތައް މުރާާކުރެވެމުން ގައުމެއްގައި އުޅުމަށް ބޭނުންވާ އަދަދަކަށް ފައިސާ ދެވޭނެ ކަމަށެވެ. މިނިސްޓަރުވަނީ ދަރިވަރުންނަށް ދޫކުރަންޖެހޭ ފައިސާ ޖަމާކުރުމުގައި ދިމާވާ މައްސަލަތަކަށް އަލިއަޅުވައިލައްވައި، މައިގަނޑު ގޮތެއްގަައި ފައިސާ ދޫކުރުން ލަސްވަނީ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މަރުހަލާ ދިގުލައިގެންދިއުމުން ކަމަށް ވިދާޅުވެފަ އެވެ.
ދަރިވަރުންގެ ސްޓޫޑެންޓް ލޯނު ފައިސާ ލިބުން ލަސްވުމާއި ސިޓީތަކާއި އީމެއިލްތަކަށް ޖަވާބު ލިބުން ލަސްވާތީ އެކަމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފަ އެވެ. ހާއްސަކޮށް ދަރިވަރުންނަށް ދޫކުރަންޖެހޭ ސްޓެއިޕެންޑާއި ޓިއުޝަން ފީ ޖަމާކުރުން ލަސްވުމުގެ މައްސަލަ އޮތީ ބޮޑުވެފަ އެވެ.