ads
ސީރިއާގައި ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއިން
އައިއެސްގެ ހަނގުރާމަވެރިންތަކެއް ސީރިއާ ޖަލުން ފިލައިފި
ސީރިއާގެ އިރުމަތީގައި އޮންނަ ޝައްދާދީ ސިޓީގެ ޖަލެއްގައި ތިބި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިންތަކެއް ޖަލުން ފިލައިފިއެވެ.
Advertisement

މިއީ އެ ސަރަހައްދު ކޮންޓްރޯލްކުރަމުން އައި ކުރުދީ ފައުޖުތައް (އެސްޑީއެފް) އެ ތަން ދޫކޮށްލުމަށް އެއްބަސްވިތާ އެއް ދުވަސް ފަހުން ހިނގި ހާދިސާއެކެވެ. މި ހާދިސާއާ ގުޅިގެން ސީރިއާ ސަރުކާރާއި ކުރުދީ ފައުޖުތަކުން އަންނަނީ އެކަކު އަނެކަކަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ.

ސީރިއާގެ ސިފައިން ތުހުމަތުކުރާ ގޮތުގައި އައިއެސްގެ ހަނގުރާމަވެރިންތައް ދޫކޮށްލީ އެސްޑީއެފް އިންނެވެ. ސިފައިން ބުނި ގޮތުގައި ފިލާފައިވަނީ ކިހާ އަދަދެއްގެ ބައެއްކަން އަދި ސާފެއް ނުވެއެވެ. ނަމަވެސް ޖަލަށް ހަމަލާދީފައިނުވާނެ ކަމަށާއި، މިހާރު މަސައްކަތް ކުރަމުންދަނީ ޖަލުގެ ސެކިއުރިޓީ ބެލެހެއްޓުމަށާއި ފިލި މީހުން އަލުން ހައްޔަރުކުރުމަށް ކަމަށް ސަރުކާރުން ބުނެއެވެ.

ނަމަވެސް އެސްޑީއެފް އިން ބުނަނީ ޖަލުގެ ކޮންޓްރޯލް ގެއްލުނީ ސަރުކާރު ފައުޖުތަކުން ދިން ހަމަލާތަކެއްގެ ސަބަބުން ކަމަށެވެ. އެ ޖަމާއަތުން ބުނާ ގޮތުގައި އެ ޖަލުގައި އައިއެސްގެ އެތައް ހާސް ބަޔަކު ތިބިއެވެ. އަދި ސަރުކާރުން ދިން ހަމަލާތަކުގައި އެސްޑީއެފްގެ ގިނަ ބަޔަކު މަރުވެފައިވާ ކަމަށާއި، ކައިރީގައި ތިބި އެމެރިކާ ކޯލިޝަންގެ މަރުކަޒުން އެހީއަށް އެދުމުން ވެސް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދީފައިނުވާ ކަމަށް އެ ފަރާތުން ބުނެއެވެ.

މި ހަމަނުޖެހުންތައް ހިނގާފައިމިވަނީ، ސީރިއާގެ ރައީސް އަހުމަދު އަލް-ޝަރާގެ ސަރުކާރާއި ކުރުދީންނާ ދެމެދު ވެވުނު ތާރީހީ އެއްބަސްވުމެއްގެ ދަށުން، ރައްގާ އާއި ދައިރު އަލް-ޒޯރު ފަދަ ބޮޑެތި ސަރަހައްދުތައް ސަރުކާރާ ހަވާލުކުރަމުންދާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން ރައްގާގައި ހުންނަ އަލް-އަގްތާން ޖަލު ކައިރީގައި ވެސް ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށް އެސްޑީއެފް އިން ބުނި ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ޖަލުތަކާއި ތެޔޮ ވަޅުތައް އަދި ބޯޑަރުތައް ސަރުކާރުގެ ބާރުގެ ދަށަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް