ރައީސް މިހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަ ކުރަމުން އަންނަ 482 ވަނަ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްްގައި އެވެ.
ރައީސް ވިދާޅުވީ ދިވެހި ގައުމުގެ ދިފާއުގައި ހަނގުރާމައިގެ މައިދާނުގައި ޖިހާދު ކުރައްވަނިކޮށް އަލިރަަސްގެފާނު ޝަހީދު ވިތާ މިއަދަށް މި ފުރުނީ 482 އަހަރު ކަމުގައި އެވެ.
ހިޖުރައިން 965 ވަނަ އަހަރު ޝައުބާންމަހުގެ 1 ވަނަ ދުވަހު ދުޝްމިނުންގެ ކުރިމައްޗަށް ނުކުމެ ވަޑައިގެން އެންމެ ފަހު ނޭވަޔާ ހަމަޔަށް މި ހިތްވަރުގަދަ ގައުމީ ބަތަލު ދެއްކެވި ހިތްވަރާއި ފަންވަރުގެ ރޫޙު ތާއަބަދު މި ގައުމުގައި ދިރިދިރި ހުންނާނެ ކަމުގައި އެވެ.
އަލިރަސްގެފާނު ފަދަ އަޒުމު ވަރުގަދަ ދަރީން ކޮންމެ ދިވެހި ޖީލެއްގެ މަޖްދާއި ކަރާމާތް ނަގަހައްޓާނެކަމަށާއި މާތްﷲގެ ތަނަވަސް ރަހްމަތްފުޅާއެކު މިނިވަންކަން މަތީ ދިވެހި ގައުމު ދެމިއޮންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި އެވެ.
ކޮންމެ ހިޖުރީ އަހަރެއްގެ ޝައުބާން މަހުގެ އެއްވަނަ ދުވަސް ފާހަގަކުރަނީ ރާއްޖޭގެ ޝަހީދުންގެ ދުވަހުގެ ގޮތުގަ އެވެ. މި ދުވަހަކީ މީގެ 482 އަަހަރު ކުރިން ދިވެހިންގެ ދީނާއި މިނިވަންކަމުގެ ދިފާއުގައި ޕޯޗުގީޒުންނާ ހަނގުރަމާކުރައްވައި އަލިރަސްގެފާނު ޝަހީދުވި ދުވަހެވެ. ރަސްމީ ގޮތުން މި ދުވަސް ފާހަގަކުރަން ފެށިތާ އަދި ވީ 48 އަހަރެވެ.