ads
އާމިރު ހާން
އާމިރު ހާންގެ ހުވަފެނީ ފިލްމު "މަހާބާރަތު" ގެ މަސައްކަތް ލަސްވާ ސަބަބު ކިޔައިދީފި
ބޮލީވުޑްގެ މިސްޓަ ޕަރްފެކްޝަނިސްޓް، އާމިރު ހާން އޭނާގެ ހުވަފެނީ ފިލްމު "މަހާބާރަތު" ގެ މަސައްކަތް ފެށުން ލަސްވާ ސަބަބު ކިޔައިދީފިއެވެ.
Advertisement

އާމިރު ބުނި ގޮތުގައި މިއީ އާދައިގެ ފިލްމެއް ނޫން ކަމަށާއި، މިއީ ވަރަށް ބޮޑު ޒިންމާއެއް ކަމަށްވާތީ، މި މަސައްކަތް ފަށަން ބޭނުންވަނީ އެކަމަށް އެންމެ ފުރިހަމައަށް ތައްޔާރުވެގެންނެވެ.

"ނިއުސް18" އަށް ދިން އިންޓަވިއުއެއްގައި އާމިރު ބުނީ، އިންޑިއާގެ ރައްޔިތުންނާ "މަހާބާރަތު" އާ ވަރަށް ބޮޑު ގުޅުމެއް އޮންނަ ކަމަށެވެ. އެއީ އެ މީހުންގެ ލެޔާ ގުޅިފައިވާ ކަމެއް ކަމަށާއި، އެހެންކަމުން އެ ވާހަކައިގެ މައްޗަށް ފިލްމެއް ހެދުމަކީ ކުޑަ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ. 

"ގޯސްކޮށް އެކަން ކުރާކަށް ބޭނުމެއް ނޫން. އަހަރެން ބޭނުންވަނީ މި ފިލްމު ހަދާނަމަ، ހުރިހާ އިންޑިއާ މީހުން ފަހުރުވެރިވާ ފަދަ ފެންވަރަކަށް ހަދަން. އެހެންވެ ވަގުތު ނަގައިގެން މިކަން ކުރަން މި އުޅެނީ،" އާމިރު ބުންޏެވެ.

އާމިރު ސިފަކުރި ގޮތުގައި "މަހާބާރަތު" އަކީ ހޮލީވުޑްގެ މަޝްހޫރު ފިލްމުތައް ކަމަށްވާ "ލޯޑް އޮފް ދަ ރިންގްސް" އާއި "އެވެޓާ" ފަދަ ފިލްމުތަކުގެ ވެސް "މަންމަ" އެވެ. ދުނިޔެއަށް އެ ފިލްމުތައް ފެނިފައިވީ ނަމަވެސް، "މަހާބާރަތު" ރަނގަޅަށް ގެނެސްދެވިއްޖެނަމަ އެއީ އިންޑިއާއަށް ލިބޭނެ ވަރަށް ބޮޑު ފަހުރެއް ކަމަށް އޭނާ ގަބޫލުކުރެއެވެ.

މީގެ ކުރިން ދިން އިންޓަވިއުއެއްގައި އާމިރު ވަނީ މިއީ އޭނާގެ ފިލްމީ ހަޔާތުގެ އެންމެ ފަހު މަސައްކަތަށް ވެދާނެ ކަމުގެ އިޝާރާތެއް ވެސް ދީފައެވެ. އޭނާ ބުނި ގޮތުގައި މިހާ ބޮޑު އަދި މުހިންމު މަސައްކަތެއް ކުރުމަށްފަހު، އިތުރަށް ކުރާނެ ކަމެއް ނޯންނާނެ ކަމަށް އިހުސާސް ކުރެވިދާނެއެވެ.

އާމިރު ހާން އެންމެ ފަހުން ފެނިފައިވަނީ "ސިތާރޭ ޒަމީން ޕަރ" އިންނެވެ. އޭނާ މިވަގުތު އަންނަނީ ދަރިފުޅު ޖުނައިދު ހާންގެ ފިލްމު "އޭކް ދިން" އާއި ސަނީ ޑިއޯލްގެ "ލާހޯރ 1947" ޕްރޮޑިއުސްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް