ބީއެމްއެލުން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ހުރިހާ ބޭންކުތަކަށް ލާޒިމުކުރާ ގޮތަށް، އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން 3000 ހައުސިން ޔުނިޓް ތަރައްގީކުރުމަށް، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރާއި އެކު ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން މި ހައުސިން ޔުނިޓްތައް ތަރައްގީ ކުރަނީ ހުޅުމާލެ’ ފޭސް 1 އަދި 2، އަދި ވިލިމާލެގައި ކަމަށް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލުން އަޅާ ފްލެޓްތަކުގެ އަމަލީ މަސައްކަތް މި މަހު ފެށޭނެ ކަމަށް ބޭންކުން ވަނީ ބުނެފައެވެ.
ދައުލަތުގެ މީޑިއާގެ ޕީއެސްއެމް ނިއުސްގައި ވާހަކަ ދައްލަވަމުން ހައުސިން މިނިސްޓަރު މުއްތަލިބު ވިދާޅުވީ ބީއެމްއެލުން އަޅާ 3،000 ފުލެޓުގެ މަސައްކަތް ނިންމާ މި ދައުރު ނިމުމުގެ ކުރިން އެ ތަންތަނަށް މީހުން ބަދަލުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
މީގެއިތުރުން އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ގުޅީފަޅުގައި އިމާރާތްކުރާ 4،000 ފުލެޓުގެ މަސައްކަތްތައް މިއަހަރުގެ މެދުތެރޭ ފެށޭނެކަމަށްވެސް މުއްތަލިބު ވިދާޅުވިއެވެ. އަދި ސައުދި އަރަބިއްޔާގެ އެހީތެރިކަމާއެކު އިމާރާތްކުރާ 400 ފުލެޓާއި އިންޓްރެސްޓް ފްރީ ލޯނެއްގެ ތެރެއިން ޗައިނާއިން އިމާރާތްކުރާ 500 ފުލެޓުގެ މަޝްރޫއެއްވެސް ކުރިޔަށް އޮތްކަން މިނިސްޓަރު މުއްތަލިބު ވަނީ ފާހަގަކުރައްވާފައެވެ.
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުން ދޫކުރުމަށް ހަމަޖެހިފައިވާ ފުލެޓާއި ބިމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް މިއަދު އާދިއްތަ ދުވަހު ވަނީ ހުޅުވާލާފައެވެ.