ރައީސް މިހެން ވިދާޅުވެފައިވަނީ އިނގިރޭސިވިލާތުގެ "އެކްސްޕްރެސް.ކޯ.ޔޫކޭ" ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ. އެ ހަބަރު އެ ނޫހުން މިއަދު ވަނީ ޝާއިއުކޮށްފަ އެވެ.
ރައީސް އިތުރަށް ވިދާޅުވީ ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް މޮރިޝަސްއަށް ވުރެ ބޮޑަށް، ޖިއޮގްރަފީގެ ގޮތުންނާއި ތާރީހީ ގޮތުންނާ އަދި ގާނޫނީ ގޮތުން ވެސް ރާއްޖެއަށް މާ ހައްގު ބޮޑު ކަމުގައި އެވެ.
މިހާރުވެސް ޗާގޯސްގެ މުސްތަގުބަލާއި ބެހޭ ގޮތުން އިނގިރޭސި ސަރުކާރާއި އެކުގައި މަޝްވަރާތަކެއް ކުރިޔަށްދާ ކަމަށާއި އެހެން ކަމުން ގަބޫލު ކުރައްވަނީ ވަރަށް އަވަހަށް އެކަމާއި މެދު ރަނގަޅު ނިންމުމަކަށް އާދެވޭނެ ކަމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
މިކަމަކީ ހަމައެކަނި ބައިނަލްއަގުވާމީ ސިޔާސަތާއި ގުޅޭ މައްސަލައެއް ނޫން ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ މިކަމަކީ ހަގީގަތްތަކާއި އިންސާފާ އަދި ޒަމާންވީ އެކުވެރި ބައިވެރިއެއްގެ އަޑު އެހުމަށް އިނގިރޭސިވިލާތުން ދޭ އަހައްމިއްޔަތާ ގުޅިފައިވާ މުހިންމު ކަމެއް ކަމުގައި އެވެ.
ރައީސް ވަނީ މި މައްސަލައިގައި އިނގިރޭސި ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވިކަން، 2024ގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ހާމަކުރައްވާފަ އެވެ.
އެތައް އަހަރެއް ވަންދެން ކުރި މަޝްވަރާތަކާއިއެކު ވެވުނު ތާރީހީ އެއްބަސްވުންތަކާއިއެކު ބައި ގަރުނަށް ފަހުން ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދޫކޮށްލަން އިންގިރޭސިސަރުކާރުން ނިންމާފައިވަނީ މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައި އެވެ.
ޗާގޯސް ރަށްތަކަކީ 1814 ވަނަ އަހަރުން ފެށިގެން އިނގިރޭސިންގެ ކޮންޓްރޯލްގެ ދަށުގައި އޮތް ރަށްތަކެކެވެ.
1960 އާއި 1970 ގެ އަހަރުތަކުގައި ވިއެޓްނާމް، އިރާގު އަދި އަފްގާނިސްތާނުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކުގައި މުހިންމު ދައުރެއް އަދާކުރި އެމެރިކާގެ އަސްކަރީ މަރުކަޒަށް ޖާގަ ދިނުމަށްޓަކައި އިނގިރޭސިވިލާތުން ވަނީ އެ ރަށްތަކުން މީހުން ބާލުވާފައެވެ.
އޭރު އެތަނުގެ އާބާދީއަކީ ގާތްގަޑަކަށް 2،000 މީހުންނެވެ.
ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި މޮރިޝަސް އިން ވަނީ 2018 ވަނަ އަހަރު އިނގިރޭސި ވިލާތް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންދިޔަ އެވެ. އޭގެ އެއް އަހަރު ފަހުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުންއިސްތިޝާރީ ލަފައެއް ނެރެފައި ވާއިރު އޭގައި ބުނެފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމަށެވެ.
މި ނިންމުމުގެ މައްޗަށް ބުރަވެ މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން އަށް މައްސަލަ ހުށަހެޅި އެވެ. އެއީ ޗާގޯސްއަށް ހިނގާނީ މޮރިޝަސްގެ ބާރު ކަމަށް ވާތީ ދިވެހިރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ހިސާބުގެ އިން ވަކިކޮށްދިނުމަށް އެދި އެވެ. އެ ޓްރައިބިއުނަލް އިން ވެސް ނިންމީ ޗާގޮސްގެ މައްޗަށް އިނގިރޭސި ވިލާތުގެ ބާރު ނުހިނގާނެ ކަމަށެވެ. އެހެންވެ މޮރިޝަސް އިން ހުށަހެޅި ގޮތަށް ކަނޑުގެ ސަރަހައްދު އިން މިހާރު ވަނީ ވަކިކޮށްފަ އެވެ.
ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލަން އިނގިރޭސިވިލާތުން ނިންމައި، އެކުލަވާލި އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމުގެ ދަށުން ޗާގޯސްގެ ހުރިހާ ރަށްތަކެއްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭނެ އެވެ.
ނަމަވެސް އެ ރަށްތަކުގެ ތެރެއިން ޑިއޭގޯ ގާސިއާ 99 އަހަރަށް އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ އެމެރިކާ އާއި އިނގިރޭސިވިލާތަށް އެ އެއްބަސްވުމުގެ ދަށުން ލިބޭނެ އެވެ.