މި މަޝްވަރާ ކުރިޔަށް ގެންގޮސްފައިވަނީ ވޯލްޑް އިކޮނޮމިކްސް ފޯރަމްގެ ތެރެއިންނެވެ.
މި މަޝްވަރާގެ ތެރެއިން ދިވެހިރާއްޖޭގައި ޓިކްޓޮކް އިން މަނިޓައިޒް ކުރެވޭނެ ގޮތްތަކާއި ޓިކްޓޮކް މަންފާ ހޯދޭނެ ގޮތްތަކާއި މެދު ވާހަކަ ދެކެވިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ދިވެހި ޓިކްޓޮކަރުންނައް ޓިކްޓޮކްއިން މަންފާ ލިބޭނެ ގޮތެއްް ހަދާ ދިނުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އިކޮނޮމިކްސް މިނިސްޓްރީން ބުނިގޮތުގައި މި މަޝްވަރާ އަކީ މި ވައުދު ފުއްދުމަށް އެޅިގެންދާނެ ވަރަށް ބޮޑު ފިޔަވަޅެއް ކަމުގައި އެވެ.
ރާއްޖޭގައި ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް އާމްދަނީ ހޯދުމުގެ ފުރުސަތު ހުޅުވާލުމަށް ސަރުކާރުން މަސައްކަތް ފަށައިފިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މި ޕްލެޓްފޯމްތަކުން އާމްދަނީ ލިބޭނެ ގޮތް ހަމަޖެއްސުމަށް ބޭނުންވާ ގާނޫނީ އަދި ރެގިއުލޭޓަރީ އޮނިގަނޑު ތައްޔާރުކުރުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދާ ކަމަށެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ބައިނަލްއަގުވާމީ ފައިސާ ޓްރާންސްފާ ކުރުމުގެ ނިޒާމުތަކާ ގުޅޭގޮތުން ބައިނަލްއަގުވާމީ ފަރާތްތަކާވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
މި މަސައްކަތްތައް ކާމިޔާބު ވެއްޖެނަމަ، ރާއްޖޭގެ ޒުވާނުންނަށް އާމްދަނީ ލިބޭނެ އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު ވަނީ ރާއްޖެ ވަޑައިގެންނެވި ޓިކްޓޮކްގެ އިސްވެރިންނާ ބައްދަލުކުރައްވާފަ އެވެ.
އެ ބައްދަލުވުމުގައި މީސް މީޑިއާ އަދި ޕްރޮމޯޝަނަލް ކަންކަމުގައި އަދި ޑިޖިޓަލް އިކޮނޮމީގައި ޓިކްޓޮކްގެ ދައުރު ފުޅާކުރުމާ ގުޅޭގޮތުން ވާހަކަދެކެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.
ޓޫރިޒަމް ޕްރޮމޯޝަން އަދި ޕޭމެންޓް ސިސްޓަމް އިތުރަށް ބޭނުންކުރެވޭނެ ގޮތްތައް ފަހިކުރުމާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖެ ޑިޖިޓަލައިޒް ކުރުމަކީ ސަރުކާރުގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.