ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން ބުނީ މިދިޔަ އަހަރު "ފާޓިލިޓީ ކެއާ ފަންޑް" މެދުވެރިކޮށް "އައި.ވީ.އެފް"ގެ ފަރުވާއަށް އެހީ ހަމަޖައްސާދިނުމަށް ހަމަޖެހިފައިވަނީ 50 ދެމަފިރިންނަށް ކަމަށެވެ. އެގޮތުން 20 ޑިސެމްބަރު 2025 ގެ ނިޔަލަށް 135 ފަރާތަކުން އައިވީއެފް އެހީއަށް އެދި ފޯމު ހުށައަޅާފައިވާކަމަށް އެންސްޕާއިން ބުނެއެވެ.
އެ 135 މީހުންގެ ތެރެއިން އުސޫލުގެ ދަށުން އެހީއަށް ޝަރުތުހަމަވެފައިވަނީ 39 މީހަކު ކަމަށް އެންސްޕާއިން ބުނެއެވެ. އަދި އެހީއަށް ހޮވުނު ފަރާތްތައް އެނގޭގޮތަށް އެހީއަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓު އާއްމުކޮށްފައިވާކަމަށް އެންސްޕާއިން ބުނެއެވެ.
ފުރަތަމަ ބުރުގައި އެހީ ހަމަޖެހިފައިވާ ފަރާތްތަކުން 10 ފެބުރުވަރީ 2026 ގެ ކުރިން ފަރުވާ ކުރިއަށް ގެންދާނެގޮތުގެ ޕްލޭން ހިއްސާކުރުމާގުޅޭގޮތުން އެފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދޭނެކަމަށްވެސް އެންސްޕާއިން ބުނެއެވެ.
ދަރިމައިވުމުގެ މައްސަލަ ހުންނަ މީހުން ހަދާ އައިވީއެފް ފަރުވާއަށް ހިލޭގެ އެހީގެ ގޮތުގައި މިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް 7.13 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ވަނީ ބުނެފައެވެ.
އެންސްޕާއިން ބުނީ 2024 ވަނަ އަހަރު އައިވީއެފް ފަރުވާއަށް ހަރަދުކުރީ 4.78 މިލިއަން ރުފިޔާކަމަށެވެ. އެހެންނަމަވެސް މި މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ ނިޔަލަށް 7.13 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް އެންސްޕާއިން ބުނެއެވެ.
އޮކްޓޯބަރުމަހުގެ ނިޔަލަށް އައިވީއެފް ފަރުވާ ހޯދުމަށް 93 މީހަކަށް އެހީ ދިންކަމަށް އެންސްޕާއިން ބުނެއެވެ. އަދި އޭގެ ތެރެއިން 23 މީހެއްގެ ފަރުވާ ކާމިޔާބުކަމަށްވެސް އެންސްޕާއިން ބުނެއެވެ.