ރާފީގެ ހިތުގައި އޮންނަ އެންމެ ބޮޑު ބިރު، ފަނޑުކޮށްލެވޭތޯ އޭނާ މަސައްކަތް ފެށި އެވެ. އެންމެ ލޯބިވާ ފަލަކް، ހިތާއި ދެކޮޅަށްވެސް ދޫކޮށްލަން މަޖުބޫރުވި ހަމައެކަނި ސަބަބަކީ، އަމާރާއާއި ކިސްވާ އެވެ. އެ ދެމައިންގެ ރައްކާތެރިކަމަށް އަޅާންޖެހުނު ކޮންމެ ފިޔަވަޅަކަށް ރާފީ ހުރީ ތައްޔާރުވެގެންނެވެ.
ނަމަވެސް ތަގްދީރުގެ ގާނޫނުން، ރާފީގެ ދަތުރުގެ މަންޒިލަކަށް ފަލަކް ވެގެން ދިޔައީ އޭނާއަށް އެކަމުގެ އިޝާރާތެއް ނެތި އެވެ. މުޅި ދުނިޔެއަށް ސިއްރުވެފައި އޮތަސް، ދޮންތަގެ ކައިވެނީގެ ހަގީގަތާއި ދޮންތަގެ ދަރިފުޅުގެ ބައްޕައަކީ ކާކުކަން ހަމައެކަނި އިނގޭ އާއިލީ ފަރާތަކީ ރާފީއޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.
ދެމައިންގެ ހިމާޔަތަށް އެޅި ފިޔަވަޅުގައި ފަލަކްގެ ފުރާނައަށް ނުރައްކާވެ، ވަށައިގެންވީ ހިތްތަކުގައި ނިހާއީ ބިރުވެރިކަން އުފެދި، ރާފީ ހައްޔަރުވާން ޖެހުނީ ޖަލުގެ ތޭރިތަކުގެ ތެރޭގަ އެވެ. ނަމަވެސް މިއަދު އެ ހުރިހައި ކަމެއް އެކޮޅުކޮޅުން ޖެހިއްޖެ އެވެ. ފަލަކް އާއި ކައިވެނިކޮށް، ދެމީހުންގެ ޒަވާޖީ ދަތުރުފަށަން މަޖުބޫރެވެ.
ކިސްވާއަކީ، އިންސާނުންގެ ހިތްތަކަށް ފަރުވާއެއް ފަދަ މައުސޫމް ދަރިއެކެވެ. އެއް ފަހަރު ބައްދަލުވުމަށްފަހު، ކިސްވާގެ ޖާދޫގެ ތެރެއިން ނިކުމެވުމަކީ ހިތެއް އޮތް އިންސާނަކަށް ފަސޭހަ ކަމަކަށް ނުވެ އެވެ. ފަލަކް އާއި ކައިވެނި ކުރުމުގެ ކުރީން ރާފީއަށް ސާފުވާންޖެހޭ މައުލޫމާތު ހުރުމުން، މިއަށް ވުރެން ރަގަޅު ވަގުތެއް އެކަމަށް ނެތްކަން އޭނާ ނިންމީ އެވެ.
"ދޮންތާ.. ޖަވާބެއް ބޭނުން.." ހިމޭންކަމުގެ ތެރެއިން ރާފީގެ އަޑު އިވުނެވެ.
"ޖަވާބު ދޭން ފަސޭހަ ނުވާ ކިތަންމެ ސުވާލެއް ހުންނާނެ.." ގޮތްދޫނުކުރުމުގެ ރާގުގައި އަމާރާ ބުނެލި އަޑު އިވުމުން ރާފީގެ ދެ ލޯ މަރައިލެވުނެވެ.
"އެކަމަކު ދޮންތާ..! އިން ޝާ ﷲ، އަހަރެން ވަރަށް އަވަހަށް ފަލަކްއާއި ކައިވެނި ކުރާނަން.. ކައިވެނީގެ ތެރޭގައި ނުވަތަ އޭގެ ފަހުންވެސް އެމީހުންނާއި ކިސްވާ ދިމާވެ، ނުވަތަ އެފަދަ ހާލަތެއް މެދުވެރި ވެއްޖިއްޔާ ކިހިނެއް ވާނީ..؟ އަހަރެންނާއި ގުޅުން ހުރި އެއްވެސް ކަމެއް ފަލަކްއަށް ސިއްރުކުރާކަށްވެސް، އޮޅުވާލާކަށްވެސް ބޭނުމެއް ނޫން..! މިކަމުގައި ދޮންތަ އަހަންނަށް އަލި މަގެއް ހޯދައިދީބަލަ..!" ގޮތްހުސްވެފައި ހުއްޓަސް ރާފި އިހްތިޔާރުކުރީ މަޑުމައިތިރި ކަމެވެ.
އެނދުން ތެދުވެގެން އައިސް އަމާރާ އިށީނީ ކުޑަދޮރުކައިރީގައި މުށިގަނޑު މަތީގަ އެވެ. ފާރުގައި ލެނގިލަމުން، ލޯ މަރައިލި އެވެ. ރާފީއަށް ޖަވާބު ދޭން އަމާރާ ހިތްވަރުކުރަނީކަން ޔަގީންވި އެވެ.
"ޝައްޔާން އެހެން ކައިވެންޏެއް ކުރިކަން ނުވަތަ ނޫންކަން ދޮންތައަކަށް ނޭގެ.. އެކަމަކު ރަން ކީ ވާހަކަ ނޫހެއްގައި ޖަހާފައި އޮއްވައި ދުށިން. ޝައްޔާންއާއި ދޮންތަގެ ކައިވެނި ކުރީ ޝައްޔާން ބޭނުންވެގެން.. މުޅި ދުނިޔެއަށް ސިއްރުކޮށްދިނީވެސް އޭނާ ބޭނުންވެގެން.. އެ ދުވަހުވެސް ބުނިން، ސެޓްފިކެޓްގެ ކޮޕީ އަހަރެން އަތުގައި ބާއްވާށޭ، ކުރިމަތިވާނެ ހާލަތެއް ނޭގެނެޔޭ.. ފަހުން، ފަހުން ދޭން އެކަންވެސް ވީ ބިލާހަކަށް.." މާޒީގެ ހަނަދާންތަކުން އަމާރާގެ ހިތުގައި ރިއްސާލި އެވެ. ނަމަވެސް ރާފީގެ ސުވާލަށް ކޮންމެވެސް ތަސައްލީއެއް ދިނުން އޭނާއަށްވެސް މުހިއްމު ވީތީ، ހިތްވަރުކުރި އެވެ.
"ކިސްވާއަށް ބަނޑުބޮޑުކަން އެނގުނު އިރު، ދެމީހުންގެ ދުނިޔެ ބަދަލުވެއްޖެ.. މަންމައަށް ދޭނެ ޖަވާބެއް ނެތް.. އެހެން މީހަކަށް އެނގުމުގެ ކުރިން ރާއްޖެ ދޫކޮށް، ދިއްލީއަށް ހިޖުރަކުރީ ކެތް ނުކުރެވޭނެ ތުހުމަތުތަކަށް ޖަވާބުދިނުން ފަސޭހަ ނުވާނެތީވެ..! މަންމަގެ ސުވާލުތަށް ކިތަންމެ ހަރުކަށިވިޔަސް، ކައިވެނީން ބޭރުން ދޮންތަ ދުވަހަކުވެސް އެފަދަ ފާފައެއް ނުކުރާނެކަން އެނގޭތީވެ ކިސްވާގެ ބައްޕައާ ބެހޭގޮތުން ސުވާލުކުރުން މަންމަ ހުއްޓާލީ.. އިތުރު ކައިވެންޏެއް ކުރުވަން، ފުރަތަމަ ކޮޅުގައި މަންމަ އުޅުނުވަރު އެންމެ ރަގަޅަށް އެނގޭނީ ރާފީއަށް.. އެކަމަކު ދުވަހަކުވެސް އެހެން އިންސާނަކު ދެކެ، ދޮންތައަށް ލޯތްބެއް ނުވެވޭނެ.. މިއަދު ދޮންތަގެ ދިރިއުޅުމަކީ ކިސްވާ.. ޝައްޔާންގެ ދިރިއުޅުމަކީ އޭނާގެ 'އަމިއްލަ ހޮވުން...' އޭނާއަށް ދަރިޔަކު ލިބިއްޖެތޯ ނުވަތަ ނޫންތޯ ބަލާކަށް ބޭނުމެއް ނޫން.. ޝައްޔާންގެ ކިބައިން އެއްވެސް އެއްޗެއް އަހަރެންނާއި ކިސްވާ ބޭނުމެއް ނޫން.." ލޮލުން އެންމެ ކަރުނައެއް ނުވެއްޓުނަސް، ކޮޅަށް ހުންނާނެ ވަރު ނެތް މިންވަރަށް އަމާރާގެ ހިތުގައި ދިޔައީ ވޭން އަޅަމުންނެވެ.
"އެކަމަކު ދޮންތާ، އެއީ ކިސްވާގެ ބައްޕަ.. އެ ހައްގު ޝައްޔާންގެ ކިބައިން ދޮންތައަށް ނިގުޅައެއް ނުގަނެވޭނެ" ކަތުރުކަށިގަނޑަށް ބާރުލަފައި ރާފީ ބުނެލި އެވެ.
"މިއީ ކިސްވާގެ މަންމަ..! ﷲގެ މިންވަރު ފުޅުގައި ކިސްވާއަށް ބައްޕައެއްގެ ނަސީބު ދުވަހަކުވެސް އޮތިއްޔާ، އެ ނަސީބު ކިސްވާއަށް ލިބޭނެ.. ދޮންތަ ވާގި އެދެނީ އެފަރާތުން.. ދެން އޮތް ސުވާލަކީ، ޝައްޔާންގެ ދަރިއެއްކަން އެނގުނަސް، އޭނާ ކިސްވާ ބޭނުން ނުވެއްޖިއްޔާ..؟ ނުވަތަ އޭނާގެ ދިގު އިސްކޮޅަށްވުރެން ބިޔަ ބޮޑު އީގޯއާއި ނަފްރަތާއި ރުޅީގެ ސަބަބުން ދޮންތަގެ އަތުން ކިސްވާ އަތުލަން ޝައްޔާން ބޭނުން ވެއްޖިއްޔާ..؟ ވެދާނެ ނުވަތަ ފަހަރެއްގައި ވެދާނެ ގޮތެއްގެ މައްޗަށް ވިސްނާފައި، އެވަރުގެ ކަމެއް ކުރާންވީ ވަގުތެއް ނޫން މިއީ.. ވަރަށް އުނދަގޫ ހާލަތެއްގެ ތެރެއިން ރާފީއާއި ފަލަކްގެ ކައިވެންޏަށް ދެ އާއިލާ އެއްބަސް ކުރެވުނީ... އަހަރުމެންގެ މި މައްސަލައަކީ ރާފީއާއި ފަލަކްގެ ދިރިއުޅުމަށް ހުރަސްއެޅެން ޖެހޭނެ ކަމެއް ނޫން.. ކައިވެނީގެ މެދުތެރެއިން މި ކަންތައް ހިލުވާލާކަށް ދޮންތަ ބޭނުމެއް ނޫން" އަމާރާގެ ހިތުގައި އޮތް ބިރުވެރިކަން އޭނާގެ ކޮއްކޮއާއި ހިއްސާކުރި މިއީ ފުރަތަމަ ފަހަރެވެ.
ދެމީހުންކުރެ އެކަކުވެސް އެއްޗެއް ނުބުނެ ހިމޭންކަން ވެރިވެފައި އޮތް ވަގުތެކެވެ.
"އަހަރެންނަށް ކަންތައް ކުރެވުނު ގޮތުން ދޮންތަ ނާއުއްމީދުވެފައިތަ ތިހުރީ..؟" މަންމަގެ މަގާމު ދީފައިވާ ދޮންތައަށް ރާފީގެ މި ސުވާލު އަމާޒުކުރީ ވަރަށް ހިތްވަރުކޮށްފަ އެވެ.
ފާރުގައި ލެނގިލައިގެން އިނދެ، އަމާރާ ބަލައިލީ އިސްކޮޅުން ދިގު ރާފީ އަށެވެ. ހިނިތުންވެލުމަށް މަސައްކަތްކުރަމުން، ކޮޅަށް ތެދުވީ ކަނދުރާއަށް މާބޮޑަށް ތަދުވެދާނެތީ އެވެ.
ރާފީ ގެނެސް ދޮންތަގެ ދެއަތުގެ ތެރޭގައި ބޮނޑިކޮށްލާފައި ބުރަކަށީގައި ފިރުމާލި އެވެ.
"ނާއުއްމީދެއް ނުވޭ.. އެކަމަކު ދޮންތަގެ ކޮއްކޮއަށްޓަކައި ފަހުރުވެރިވަން.. ހިތުގެ ތެދުވެރި ލޯތްބަށްޓަކައި އެންމެ ރަގަޅު ގޮތް ނިންމައި އޭނާއާއިއެކު ދިރިއުޅެން އިހްތިޔާރުކުރީތީ ދޮންތަ އުފާކުރަން.. ތިއީ ރާފީއަށް ކިހައި އުނދަގޫ ނިންމުމެއްކަން ހަމައެކަނި އެނގޭނެ މީހަކީވެސް ދޮންތަ.. އިން ޝާ ﷲ ކިސްވާއާއި ދޮންތަގެ ފަރާތުން، ރާފީއަށް ކުޑަވެސް ހުރަހެއް އެޅުނަ ނުދޭނަން.. ފަލަކްއަށް އަބަދުވެސް އިތުބާރުކުރާތި.. ދެމީހުންގެ ދެމެދަށް ތިންވަނަ މީހަކު ވަނުމަށް ދުވަހަކުވެސް ފުރުސަތު ނުދޭތި..! ނޭގި ހުއްޓައި ހިތް ގެއްލުމުގެ ކުރީން، ހިތު ލޯތްބަށް އިހްތިރާމްކުރާތި.." އަމާރާގެ ދެ ލޮލުން ދިލަ ނަގަމުން ދިއަޔަސް، ކަރުނައެއް ވައްޓާނުލާން އޭނާ ވަރަށް ހިތްވަރުކުރި އެވެ.
.............
ގޭތެރޭގައި ހިފާލާފައި ވަނީ މީރު ސައެއްގެ ވަހެވެ. ފަތިހަށް ފޮޅިފައިވާ ތާޒާ މަލެއް ފަދައިން، ފަރިވެލައިގެން އަމާރާ ނިކުތީ އޭނާގެ ދުވަހުގެ މަސައްކަތަށް ދިއުމަށް ތައްޔާރުވެގެންނެވެ. މޫނުމަތީގައި ވަނީ ހިމޭންކަމާއި މަޑުމައިތިރިކަމެވެ. ބަދިގެއަށް ވަދެ، ކަބަޑުތެރެއިން ޖޯޑު ނަގައިގެން އައިސް އަމާރާ ހުއްޓުނީ މަންމައާއި ދާދި ގާތުގަ އެވެ.
ކައުންޓަރުމަތީގައި ޖޯޑު ބެހެއްޓުމާއެކު އުނދުންމަތީގައި ހުރި ސޯސްޕޭން ނަގައި އަމާރާގެ ޖޯޑަށް ސައި އަޅައިދިނީ މަންމަ އެވެ.
"މަންމާ.." ހިމޭންކަމުގެ ތެރެއިން މަންމައަށް އަމާރާ ގޮވައިލި ރާގާއި އެ އިހްސާސް ފަރީހާގެ ކަނދުރާއިން ހީބިހި ހިލުވާލި އެވެ. ކުއްލިޔަކަށް އަމާރާއަށް ބަލައިލާފައި ނިއްކުރިއަށް ރޫއަރުވާލަން ޖެހުނީ، އަމާރާގެ ނުތަނަވަސް ކަން ފާހަގަކުރެވުނީތީ އެވެ.
"ވާހަކައެއް ދައްކާލަން ބޭނުން.." ސައިފޮދެއް ބޯލާފައި އަމާރާ ބުންޏެވެ.
ފަރީހާގެ އެއް ބުމަ މައްޗަށް ހިއްލާލީ، އަމާރާ ބުނަން އުޅޭ އެއްޗެއް އޭނާއަށް ނޭގުނީތީ އެވެ. އިތުރު ސިއްރެއް 'އާއިލާގައި' އޮވެދާނެކަމަށް ފަރީހާ ގަބޫލުކުރާކަށް މިވަގުތު ބޭނުމެއް ނޫނެވެ.
"ކިސްވާއާއި ބެހޭ އެއްވެސް މައުލޫމާތެއް، ރައިޒާދް އާއިލާއަށް އެނގޭކަށް އަހަރެން ބޭނުމެއް ނޫން.." ހިތްވަރުކޮށްފައި އަމާރާ ބުންޏެވެ. ރޯ ކޮށްފައި ހުރި އުނދުން ނިއްވާލާފައި، ފަރީހާގެ ބުމަ މައްޗަށް ހިއްލާލި އެވެ.
"ކީއްވެ؟" ދެބުމަ ގޮއްޖަހާލާފައި ފަރީހާ ސުވާލުކުރި އެވެ.
"ފަލަކްގެ ބޭބެއަކީ، އަހަރުމެންނަށް އަންދާޒާވެސް ނުކުރެވޭނެ ވަރުގެ ބާރުގަދަ، ނުފޫޒު ހުރި، މަޝްހޫރު 'ސެލެބްރިޓީ'އެއް މަންމާ..! މި ކައިވެންޏާއި، ކައިވެންޏާއި ގުޅުންހުރި ކޮންމެ ކަމެއް މީޑިއާގެ ސަމާލުކަމަށް އަންނާނެ.. ނެތް ކަންކަން ހޯދައިގެން، އެކަންކަން ހަގީގަތަކަށް ހަދައިގެންވެސް އެމީހުން މިކަމުގެ ތެރެއަށް ވަންނާނެ.. އަހަރެން ބޭނުމެއް ނޫން އެއްވެސް ގޮތަކުން ކިސްވާއަށް އެއްވެސް މީހެއްގެ ސަމާލުކަން ހުއްޓޭކަށް... އަހަރެންގެ ދަރިއެއް ހުންނަކަމާއި ކިސްވާއަކީ އޭނާގެ ދަރިއެއްކަން ކިސްވާ ބައްޕައަށް އިނގޭ ހިސާބުން އަހަރެންގެ އަތުން ކިސްވާ އަތުލައިފިއްޔާ ކިހިނެއް ހަދާނީ؟ ކިސްވާގެ ސަލާމަތާއި ރައްކާތެރިކަމަށްވުރެން އެހެން އެއްވެސް ކަމެއް އަހަންނަކަށް މި ވަގުތު މުހިއްމެއް ނޫން.." އަމާރާގެ ވާހަކައިގައި ގެންގުޅުނު ކޮންމެ ޖަޒްބާތެއް، ކޮންމެ އިހްސާސެއް އޭނާގެ މަންމަގެ ތަޖުރިބާގެ ސިކުނޑިން ނަގައިގަންނާނެކަން އޭނާއަށް ނޭގުނުކަމަށްވަންޏާއި އެއީ ދެރަކަމެކެވެ.
ވިސްނާލާފަދަ ގޮތެއް ފަރީހާގެ މޫނުން ފެނުނެވެ.
"ކިސްވާ ރައްކާތެރިކުރާންޖެހޭ، ތި ނޫން އެހެން އެއްވެސް ސަބަބެއް ނެތްކަން އަމާރާއަށް ޔަގީންތަ؟" ޖެހިލުމެއް ނެތި ފަރީހާގެ ނަޒަރު ސީދާކޮށްލީ އަމާރާގެ ލޮލަށެވެ. (ނުނިމޭ)