ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިިޓަލުގައި ޑަޔަލިސިސްގެ ހިދުމަތް ރަސްމީކޮށް ފެށުމަށް އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި ރަސްމީކޮށް ހިދުމަތް އިފްތިތާހުކޮށްދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.
މާލެއާއި އެއް ފެންވަރަށް ޑަޔަލިސިސް ސެންޓަރުގެ ހިދުމަތް ކޮންމެ އަތޮޅެއްގެ މައި ހޮސްޕިޓަލުން ލިބޭނެ ގޮތް ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މީގެ ކުރިން ބުނެފައިވެ އެވެ.
ޑަޔަލިސިސްގެ ހިދުމަތަކަކީ ކިޑްނީ ބަލި ތަހައްމަލު ކުރަމުންދާ މީހުންގެ ތެރެއިން ކިޑްނީ ފަންގްޝަން ވަކިވަރަކަށްވުރެ ދަށްވުމުން ކޮންމެ ހަފްތާއަކުވެސް 2 ނުވަތަ 3 ދުވަހު ހަށިގަނޑުގައި ލޭ ސާފުކުރުމަށް ފޯރުކޮށްދޭ ހިދުމަތެކެވެ. މި ހިދުމަތް ހޯދުމުގައި ކޮންމެ ދުވަހަކުވެސް ބަލިމީހުން 4 ގަޑިއިރު ހޭދަކުރަންޖެހެ އެވެ.
ކުޑަހުވަދޫގައި ގާއިމްކޮށްފައިވާ ޑަޔަލިސިސް ސެންޓަރުން އެއްފަހަރާއި 3 މީހުންނަށް ފަރުވާ ދެވޭނެ އެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ހިދުމަތް ފެށުމެވެ.
ޑަޔަލިސިސްގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ތައާރަފް ކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.