އެގޮތުން ތުރުކީވިލާތުން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސެމިހް ލުތުފީ ތުރުގުޓް ދާދިފަހުން ވިދާޅުވި ލަންކާގެ އިންވެސްޓްމަންޓް މާހައުލަކީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ތަނެއް ކަމަށާއި މާކެޓްގެ ހަނިކަމުގެ އިތުރުން، އެ ގައުމުގެ ބިއުރޯކްރަސީ ނުވަތަ އިދާރީ ހިންގުން ލަސްވެފައި، އުނދަގޫވުމަކީ އިންވެސްޓަރުންގެ އިތުބާރު ކުޑަވާ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
ކޮލަމްބޯގައި ބޭއްވި ސިޔާސަތުތަކާ ގުޅޭ މަޝްވަރާއެއްގައި އޭނާ ފާޅުކުރެއްވި މި ކަންބޮޑުވުންތަކަކީ، ހުއްދަ ހޯދުމުގައި ހުރި ދަތިތަކާ މެދު ބައިނަލްއަގުވާމީ މުޖުތަމައުން ފާޅުކުރަމުންދާ ޝަކުވާތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ވާހަކަތަކެކެވެ.
ތުރުކީވިލާތުން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ސެމީހް ލުތުފީ ތުރުގުތަކީ، ކޮލަމްބޯގައި ހުންނަ ތުރުކީ އެމްބަސީގެ ފަރާތުން ދިވެހިރާއްޖެއަށް ވެސް ކަނޑައަޅުއްވާފައި ހުންނަވާ (ނޮން-ރެސިޑެންޓް) ސަފީރެވެ.
މީގެ އިތުރުން، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މަސްއޫދު އިމާދުވެސް ވަނީ މިފަދަ ކަންބޮޑުވުންތަކެއް ދާދިފަހުން ފާހަގަކުރައްވާފަ އެވެ. ދިވެހި ދަރިވަރުންނާއި އާއިލާތަކަށް ވިސާ ހޯދުމުގައި ކުރިމަތިވާ ބޮޑެތި ހުރަސްތަކާ ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ. ވިސާ ދޫކުރުމުގައި ގެންގުޅޭ ތަފާތުކުރުންތަކާއި ލަސްވުންތަކަށް ފާޑުވިދާޅުވަމުން މަސްއޫދު ތުހުމަތު ކުރެއްވި ގޮތުގައި، އަމިއްލައަށް ވިސާއަށް އެދޭ ފަރާތްތަކަށްވުރެ ޓްރެވަލް އެޖެންޓުން މެދުވެރިކޮށް ހުށަހަޅާ ފަރާތްތަކަށް ވިސާ ލިބުން އަވަހެވެ. އަދި މިފަދަ ހައްލުތައް ހޮދުމަށް ސަފީރު އެގައުމުގެ ސަރުކާރައް އެދިފަވާކަން ވެސް ސްރީލަންކާގެ ދިރިއުޅޭ ގިނަދިވެހިން ފާހަގަކުރެ އެވެ.
މިފަދަ ހިތްހަމަނުޖެހުންތަކެއް ހުރި ނަމަވެސް، ރާއްޖެ/ލަންކާގެ ދެމެދުގައި އޮތް އިގްތިސާދީ ގުޅުން އަދިވެސް އޮތީ ވަރުގަދަކޮށެވެ. ލަންކާއަކީ ރާއްޖެއަށް ބޭނުންވާ މުދަލާއި ކާބޯތަކެތި އެންމެ ގިނައިން ފޯރުކޮށްދޭ އެއް ގައުމެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރު ލަންކާއިން ރާއްޖެއަށް 142.94 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، ރާއްޖެއިން ލަންކާއަށް އެކްސްޕޯޓް ކުރެވިފައިވަނީ އެންމެ 1.61 މިލިއަން ޑޮލަރުގެ މުދަލެވެ. މީގެ ތެރޭގައި ގިނައީ ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތަކެވެ.
މަސްވެރިކަމުގެ ބާޒާރުގައި ހުރި ހުރަސްތައް
"ދިވެހި މަސް" (ހިކިމަސް) އިން ނަގާ ލެވީއާއި ދަޅުމަސް އެތެރެކުރުމުގެ ހުރަސްތަކަކީ އަދިވެސް ދިމާވާ ބޮޑެތި ގޮންޖެހުންތަކެކެވެ.
ސްރީލަންކާއަށް ރާއްޖޭން ބޭރުކުރާ މަހުގެ މިންވަރު ނިސްބަތުން މަދުވި ނަމަވެސް، މަހުގެ އުފެއްދުންތަކަކީ އިގްތިސާދީ ގޮތުންނާއި ގައުމީ ސިފައެއް އެކުލެވިގެންވާ މުހިންމު ބާވަތްތަކެކެވެ. ނަމަވެސް، ބާޒާރުގައި ހުރި ތަފާތު ހުރަސްތަކުގެ ސަބަބުން އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރަނީ ވެސް މި އުފެއްދުންތަކަށެވެ.
"ދިވެހި މަސް" (ހިކިމަސް) އިން ނަގާ ހާއްސަ ކޮމޯޑިޓީ ލެވީ (SCL)
ސްރީލަންކާގެ ކަސްޓަމްސް އިން "ހާއްސަ ކޮމޯޑިޓީ ލެވީ" (Special Commodity Levy) ނަގާ ތާވަލުގައިވާ ގޮތުން:
HS 0305.59.10 – "ދިވެހި މަހާއި އޭގެ ބަދަލުގައި ބޭނުންކުރާ ބާވަތްތައް"ނަގާ ލެވީ: ކިލޯއަކަށް 302 ލަންކާ ރުޕީސް / USD 0.98
އަޅާކިޔުމެއްގެ ގޮތުން ބަލާއިރު، ހަމަ އެ ތާވަލުގައިވާ ގޮތުން:
HS 0305.54.90 – "ހިކިމަސް" (އާންމު ހިކިމަސް)ނަގާ ލެވީ: ކިލޯއަކަށް 100 ލަންކާ ރުޕީސް.
މި ލެވީގެ ތަފާތު ބޮޑުވުމަކީ ލަންކާ ބާޒާރަށް އެތެރެކުރާ ދިވެހި ހިކިމަހުގެ އަގު ބޮޑުވެ، އެހެން ބާވަތްތަކާ ވާދަކުރުމުގައި ދިވެހި އުފެއްދުންތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމެކެވެ.
ދަޅުމަސް އެތެރެކުރުމަށް ބޭނުންވާ "ކުރިން ހޯދަންޖެހޭ ހުއްދަ" ވަގުތީ ގޮތުން ހުއްޓާލުން
ސްރީލަންކާގެ ފިޝަރީޒް މިނިސްޓްރީން ވަނީ، އެ ގައުމުގެ އަމިއްލަ ދަޅުމަސް އުފައްދާ ސިނާއަތް ހިމާޔަތްކުރުމަށްޓަކައި، 11 ޖެނުއަރީ 2024 އިން ފެށިގެން ދަޅުމަސް އެތެރެކުރުމަށް ދޫކުރާ "ޕްރަޔާ އެޕްރޫވަލް" (Prior-approval) ނުވަތަ ކުރިން ހޯދަންޖެހޭ ހުއްދަ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާކަން އިއުލާންކޮށްފަ އެވެ.
މިއީ ހަމައެކަނި ރާއްޖެއަށް އަމާޒުކޮށްގެން ނިންމި ނިންމުމެއް ނޫން ނަމަވެސް، ރާއްޖޭން ބޭރުކުރާ ކަނޑުމަހުގެ އުފެއްދުންތަކަކީ އަގު އެއްކުރެވިފައިވާ (Value-added) މުހިންމު ބާވަތްތަކަކަށް ވާތީ، މިއީ ދިވެހި އެކްސްޕޯޓަރުންނަށް ސީދާ ގޮތުން އަސަރުކުރާނެ މުހިންމު ކަމެކެވެ.
ދެ ގައުމުގެ ގުޅުމުގެ މުހިންމު އަނެއް ބަޔަކީ ވަޒީފާގެ ބާޒާރެވެ. ރާއްޖޭގައި 31,000 އަށްވުރެ ގިނަ ލަންކާ ރައްޔިތުން މަސައްކަތް ކުރަމުންދާއިރު، އެމީހުންގެ ފަރާތުން އަހަރަކު ގާތްގަނޑަކަށް 129 މިލިއަން ޑޮލަރު ލަންކާގެ އިގްތިސާދަށް ވަދެއެވެ. ނަމަވެސް، ރާއްޖޭގެ މަހުގެ އުފެއްދުންތައް ލަންކާއަށް އެތެރެކުރުމުގައި، ބޮޑެތި ޓެކްސްތަކާއި ހަރުކަށި ކޮންޓްރޯލްތަކުގެ ސަބަބުން ގިނަ ހުރަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދުގައި ސްރީލަންކާގެ ވިޔަފާރިތަކުގެ ދައުރު ފުޅާވަމުން އައުން
ހަމައެކަނި އާދައިގެ ވިޔަފާރީގެ މުޢާމަލާތްތަކުގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދުގެ މުހިންމު ދާއިރާތައް ކަމަށްވާ ފަތުރުވެރިކަމާއި މާލީ ދާއިރާގައި ސްރީލަންކާގެ ކުންފުނިތަކުގެ ބޮޑު ހިއްސާއެއް އޮވެއެވެ.
ސްރީލަންކާގެ ކުންފުނިތަކުން ހިންގާ 9 ރިސޯޓު
ދިވެހިރާއްޖޭގައި ސްރީލަންކާގެ ހޮޓެލް ގްރޫޕްތަކުން ޖުމްލަ ނުވަ ރިސޯޓެއް ހިންގަމުންދާއިރު، މީގެ ތެރޭގައި އެންމެ އިސްކޮށް ފާހަގަކޮށްލެވެނީ:
• ސިނަމަން ހޮޓެލްސް އެންޑް ރިސޯޓްސް (ޖޯން ކީލްސް ގްރޫޕް) – 4 ރިސޯޓު
• އަދާރަން ރިސޯޓްސް (އައިޓްކެން ސްޕެންސް ހޮޓެލްސް) – 5 ރިސޯޓު
ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ ބާޒާރުން މި ކުންފުނިތަކުން ބޮޑު އާމްދަނީއެއް ހޯދަމުންދާއިރު، މިއީ ރާއްޖޭގެ ވިޔަފާރީގެ މައިދާނުގައި ސްރީލަންކާގެ ބައިވެރިވުން އޮތް މިންވަރު ހާމަކޮށްދޭ ކަމެކެވެ.
ރާއްޖޭގައި ހަރަކާތްތެރިވާ ސްރީލަންކާގެ ދެ ބޭންކު
ދިވެހިރާއްޖޭގައި ސްރީލަންކާގެ މާލީ ދެ އިދާރާއަކުން ހިދުމަތް ދެމުންދާއިރު، މީގެ ސަބަބުން ދެޤައުމުގެ ދެމެދުގައި ހިނގާ މުޢާމަލާތްތަކާއި، ފައިސާ ފޮނުވުމާއި، އަދި ވިޔަފާރީގެ މާލީ ކަންކަމަށް ބޮޑު ފަސޭހައެއް ލިބިގެންދެ އެވެ.
• ބޭންކް އޮފް ސިލޯން (ބީ.އޯ.ސީ) — މާލެ ބްރާންޗް
• ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް — ސްރީލަންކާގެ ކުންފުންޏަކާ ގުޅިގެން ރާއްޖޭގައި ހިންގާ ބޭންކެއް
މާލީ ދާއިރާގައި މިފަދަ ވަރުގަދަ ބައިވެރިވުމެއް އޮތުމަކީ، ދެޤައުމުގެ ދެމެދުގައި އޮތް އިތުބާރާއި ދިގުމުއްދަތުގެ އިގުތިސާދީ ގުޅުމުގެ ހެކެއްވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އެތައް އަހަރެއްގެ ގާތް ގުޅުމެއް އޮވެ، ވިޔަފާރިއާއި، ފަތުރުވެރިކަމާއި، ބޭންކިން އަދި މަސައްކަތްތެރިންގެ ދާއިރާއިން އިގްތިސާދީ ގޮތުން ބޮޑެތި މަންފާތަކެއް ބަދަލުކުރެވެމުން ދިޔަ ނަމަވެސް، އެ ގައުމުން ރާއްޖެއަށް އެކަށީގެންވާ ހަމަހަމަ ފައިދާތަކެއް ނުލިބޭތީ އެކަމާ މެދު އާންމުންގެ މެދުގައި ވަނީ ބޮޑު ބަހުސެއް އުފެދިފަ އެވެ.
މި މަޝްވަރާތައް ފެށިފައިވަނީ ކޮލަމްބޯގައި ތިއްބަވާ ޑިޕްލޮމެޓުން، ސްރީލަންކާގެ އިދާރީ އުނދަގޫތަކާއި، އިންވެސްޓްމަންޓްތަކަށް އޮތް މާހައުލާއި، ދިވެހި ދަތުރުވެރިންނަށް ވީސާ ހޯދުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރެއްވުމާ ގުޅިގެންނެވެ. މީގެ އިތުރުން، ރާއްޖޭގެ މައިގަނޑު މަހުގެ އުފެއްދުންތައް ސްރީލަންކާއަށް އެކްސްޕޯޓް ކުރުމުގައި ހުރި ވިޔަފާރީގެ ހުރަސްތަކުގެ ސަބަބުން، އެ ގައުމުގެ ބާޒާރަށް އެތެރެވުމަށް އޮތް ފުރުސަތުތައް ހަނިވަމުންދާކަން ވެސް ވަނީ ފާހަގަކުރެވިފަ އެވެ.
ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހި ނަމަވެސް، ވިޔަފާރިއާއި ދަތުރުފަތުރުގެ ދާއިރާއިން ކުރިމަތިވާ އިދާރީ ހުރަސްތަކުގެ ސަބަބުން އުފެދޭ ހިތްހަމަނުޖެހުންތައް މިހާރު ދަނީ އިތުރުވަމުންނެވެ.
"ދެފަރާތަށް ހަމަހަމަ އުސޫލުތަކެއް ކޮބައިތޯ؟" - ދިވެހިން މިސުވާލު އުފައްދަނީ ކީއްވެ؟
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮންނަންޖެހޭ ގާތް ގުޅުމާ މެދު އާންމުންގެ މެދުގައި އެއްވެސް ޝައްކެއް ނެތެވެ. ޖިއޮގްރަފީގެ ގޮތުންނާއި، ތާރީޚީ ގޮތުންނާއި، ތައުލީމާއި، ސިއްހީ ހިދުމަތުގެ އިތުރުން ވިޔަފާރީގެ ގޮތުންވެސް މި ދެ ގައުމަކީ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދެ ގައުމެވެ.
ނަމަވެސް، އާންމުންގެ ކަންބޮޑުވުން އުފެދެނީ ތިރީގައިވާ ކަންތައްތަކަށް ރިއާޔަތްކުރުމުންނެވެ:
ސްރީލަންކާގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް ރާއްޖެއަކީ މުހިންމު އަދި ފައިދާބޮޑު މާކެޓަކަށް ވުން.
ރާއްޖޭގައި މަސައްކަތްކުރާ ލަންކާ މީހުންގެ ފަރާތުން އެ ގައުމަށް ބޮޑު އަދަދަކުން ބޭރު ފައިސާ ވަންނަމުންދިއުން.
ލަންކާގެ ކުންފުނިތަކުން ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓުތައް ހިންގުން.
ލަންކާގެ ބޭންކުތަކުން ރާއްޖޭގައި ފުޅާދާއިރާއެއްގައި ހިދުމަތް ދެމުންދިއުން.
މި ހުރިހާ ކަމެއް މިހެން ހުރި ނަމަވެސް، ދިވެހިންނަށް އަދިވެސް ކުރިމަތިލާންޖެހެނީ:
- ވީސާ ހޯދުމުގައި ދިމާވާ ތަކުލީފުތަކާއި އިދާރީ ގޮތުން ކުރިމަތިވާ ތަފާތުކުރުންތައް.
- ދަރިވަރުންނާއި އާއިލާތަކަށް ހިދުމަތް ދިނުމުގައި ލަސްވުމާއި އުސޫލުތައް އެއްގޮތަކަށް ނުހުރުން.
- ރާއްޖޭގެ އުފެއްދުންތައް ލަންކާއަށް އެކްސްޕޯޓް ކުރުމަށް ހުރި ވިޔަފާރީގެ ހުރަސްތައް.
- ދިވެހި ވިޔަފާރިތަކަށް ލަންކާއިން ފުރުސަތު ފަހިކޮށްދިނުން އަދި ދިވެހިގެ ބެންކެއް ލަންކާގަ ގާއިމްކުރުން.
ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މި ނުތަނަވަސްކަމަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ނޭދެވޭ ޝުއޫރެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އިދާރީ ނިޒާމުތަކާއި، މުއައްސަސާތަކުގެ ސަގާފަތާއި، އަދި 2019 ވަނަ އަހަރުގެ އީސްޓަރ ސަންޑޭދެ ހާދިސާތަކަށްފަހު ސަލާމަތީ ކަންކަމަށް ބަލައި އަމަލުކުރާ ހަރުކަށި އުސޫލުތަކުގެ ސަބަބުން ބައެއް ގައުމުތަކަށް ދިމާވާ ކަންކަމެވެ.
ދެފަރާތަށް ހަމަހަމަ އުސޫލުތަކެއް ގާއިމުކުރުމަށް ގޮވާލުން
މި މައްސަލައިގައި ދެބަސްވުންތަކެއް އުފެއްދުމުގެ ބަދަލުގައި، ހާމަކަންބޮޑު އިސްލާހީ ބަދަލުތަކެއް ގެނައުމަށް ސިޔާސީ ދާއިރާގެ މުފައްކިރުން ލަފާދެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
ވީސާގެ ކަންކަން ނިންމާނެ ސާފު ތާވަލަކާއެކު ހިދުމަތުގެ މިންގަނޑެއް ކަނޑައެޅުން.
ދަރިވަރުންނަށާއި، ބަލިމީހުންނަށާއި، އަދި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ އިސްކަމެއް ދޭނެ އިންތިޒާމެއް ހަމަޖެއްސުން.
އަމިއްލައަށް ހުށަހަޅާ މީހުންނާއި އޭޖެންޓުން މެދުވެރިކޮށް ހުށަހަޅާ މީހުންނާ މެދު އަމަލުކުރާނެ ހަމަހަމަ އުސޫލުތަކެއް އޮތުން.
މައްސަލަ ހުށަހެޅޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް ޒިންމާދާރުކުރުވުން.
"ދިވެހި މަސް" (Maldive Fish) އިން ނަގާ ޑިއުޓީއާއި ޓޫނާ ދަޅުގެ ވިޔަފާރީގައި ހުރި ހުރަސްތަކާ ބެހޭގޮތުން މަޝްވަރާކޮށް ހައްލު ހޯދުން.
ކަރާމާތް ރައްކާތެރިކުރުމާއި ގުޅުން ދެމެހެއްޓުން
ވީސާގެ މައްސަލައާއި ވިޔަފާރީގެ ހުރަސްތަކުގެ ވާހަކަ އާންމުންގެ މެދުގައި އިތުރުވަމުންދާ މި ދަނޑިވަޅަކީ، ރާއްޖެއާއި ލަންކާގެ ގުޅުމުގައި ވަރަށް ނާޒުކު ވަގުތެކެވެ. މިކަމުގައި ހާރިޖީ ސިޔާސަތުތައް ބައްޓަންކުރަންޖެހޭނީ ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާ، ގައުމީ ކަރާމާތާއި، އަދި އިގްތިސާދީ ފައިދާއަށް ރިއާޔަތްކޮށްގެންނެވެ.
ގިނަ ދިވެހިންގެ މެސެޖަކީ ސާފު މެސެޖެކެވެ. އެއީ، ރާއްޖެއިން ލަންކާއާއެކު އޮންނަ ގުޅުމަށް އަބަދުވެސް ގަދަރުވެރިކަމާއެކު ކުރިއަށްގެންދިއުން. ނަމަވެސް، ލަންކާގެ އިގްތިސާދަށް ރާއްޖެއިން ލިބޭ ބޮޑު ފައިދާއަށް ބަލާއިރު، ދިވެހިން އެދެނީ ދެފަރާތަށް ވެސް ހަމަހަމަ، ދެމެހެއްޓެނިވި އަދި އިހުތިރާމް އެކުލެވޭ ބައިވެރިވުމަކަށެވެ.