އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ފޯޅަވަހި ހިމެނޭ ޗާގޯސް ޖަޒީރާތައް މޮރިޝަސްއަށް ދިނުމުގެ ބިލް އިނގިރޭސި ވަތިގޭ ކަމަށްވާ ހައުސް އޮފް ލޯޑްސް ގެ ވޯޓަށް ތައްޔާރުވެފައިވަނިކޮށް ބިލަށް ވޯޓު ދިނުން ފަސްކޮށްފައިވާ ކަމަށެވެ.
އެކަމުގެ ސަބަބުން ފޯޅަވަހީގެ ސިޔާދަތީ ބެލެނެވެރިކަން ރާއްޖެއަށް ލިބުމުގެ ފުރުސަތު އަދި ގެއްލިގެން ނުދާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިހެން ވިދާޅުވިއިރު، ޗާގޯސް ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތުގެ "އެކްސްޕްރެސް" ނޫހަށް މިދިޔަ ބުދަ ދުވަހު ދެއްވި ބަސްދީގަތުމެއްގައި ވަނީ ވިދާޅުވެފަ އެވެ.
ޗާގޯސް މައްސަލައިގައި ނޮވެންބަރު ދިހައެއް، 2024 ގައި ރައީސް ވަނީ ޗާގޯސްއަކީ ރާއްޖެއާ ގުޅިފައި އޮތް ތަނަކަށްވާ ކަމަށް ލިޔެކިޔުންތަކުން ފެންނަން ހުރުމުން އެތަން އެހެން ގައުމަކަށް ލިބުމަށް ވުރެ ރާއްޖެއަށް ލިބުން އައުލާކަން ބޮޑު ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން، މިދިޔަ ސަރުކާރުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ދޫކޮށްލީ ގާނުނާ ހިލާފަށް ކަމަށާއި އެކަމުގައި ރައްޔިތުންގެ ބަހެއް ވެސް ހޯދާފައިނުވާކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެެވެ.
މުއިއްޒު މިގޮތަށް ވިދާޅުވެފައިވީ ނަމަވެސް އިނގިރޭސި ސަރުކާރުގެ ތަރުޖަމާނު ވަނީ މޮރިޝަސްއާއެކު ވެފައިވާ އެއްބަސްވުމަށް އިނގިރޭސި ސަރުކާރުން އަމަލުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރްޓީއައި) ގެ ދަށުން ލޯޔަރު އަހުމަދު މައުރޫފް، އެޓާނީ ޖެނެރަލް އޮފީސް (އޭޖީ) އިން ޗާގޯސްއާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބުދެމުން އެ އޮފީހުން ބުނީ އެތަނުގެ މިލްކުވެރިކަން ހޯދުމަށް ރަސްމީކޮށް ދައުވާކުރަން ސަރުކާރުން ނިންމިކަން މިހާތަނަށް ނޭގޭ ކަމަށެވެ.
ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހީގެ ރަށްތަކާ ގުޅޭ މައްސަލައިގައި ކުރީގެ ރައީސް ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރު ޖުގްނައުތާއަށް ސިޓީއެއް ފޮނުވީ 22 އޮގަސްޓު 2022ގަ އެވެ.
އެ ސިޓީ އާންމުކުރަން އެމްޑީޕީ ސަރުކާރުން ދެކޮޅު ހަދަމުންދަނިކޮށް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި (ސެޕްޓެމްބަރު 2023ގައި) އެ ސިޓީ ވަނީ ލީކުކޮށްލާފަ އެވެ.
ނަމަވެސް އެ ސިޓީ ރަސްމީ ސިފައެއްގައި އާންމުކުރީ މި ސަރުކާރުންނެވެ. އެއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ކަމަށް ބުނާ ބައި ހޯދުމާ ބެހޭ ގޮތުން ކުރަމުން އަންނަ މަސައްކަތްތައް ހާމަކޮށް 19 ޑިސެމްބަރު 2023ގައި ނެރުނު ބަޔާނާ އެކީގަ އެވެ.
އެ ސިޓީގައި، ރާއްޖޭގެ ކަނޑުން ބައެއް މޮރިޝަސްއަށް ދޫކޮށްލުމާ ގުޅޭ ވާހަކައެއް ނެތް އިރު، އދ.ގެ އާންމު މަޖިލީހުގައި ރާއްޖޭން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދިނަސް، އިޓްލޮސްގައި ރާއްޖޭން ވަކާލާތުކުރި ކުރުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އެ ސިޓީގައި ބުނެފައިވަނީ:
ސަރުކާރުން އާންމުކުރީ އޭގެ ކުރިން ލީކުވި ސިޓީއާ އެކައްޗެކެވެ. ނަމަވެސް މި ސަރުކާރުން އަންނަނީ އެ ސިޓީ ބާތިލްކުރަން ދެކޮޅު ހަދަމުން ނެވެ.