ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށައެޅުމަށް ދިން މުއްދަތު މިމަހުގެ 18 ވަނަދުވަހު ހަމަވިއިރު 779 ޝަކުވާ ލިބިފައިވާކަމަށް އީސީން ވަނީ ބުނެފައެވެ. ވޯޓާސް ލިސްޓަށް އެންމެ ގިނައިން ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި، އެޑްރެސް ބަދަލުވެފައިވުން، ރަށްވެހިކަން ބަދަލުވެފައިވުން، ނިޔާވެފައިވާތީ ރަޖިސްޓަރީއިން ނަން އުނިކުރުމަށް ހިމެނޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
އީސީން ބުނީ ހުށައެޅު ޝަކުވާތަކަށް ފަހު އަލުން އެކުލަވާލި ވޯޓާސް ލިސްޓް ދިވެހިސަރުކާރުގެ ގެޒެޓާއި އެ ކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއް / ސިޓީއެއްގެ ކައުންސިލް އިދާރާގައި އާންމުކޮށް ފެންނަން ހުންނާނެކަމަށެވެ. މީގެ އިތުރުން (VR space IDNO Send to 1414) އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެކަމަށްވެސް އީސީން ބުނެއެވެ.
އާ ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، މައިޕޯޓަލް މެދުވެރިކޮށް، އަންނަ ފެބުރުވަރީ 8 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށް ޝަކުވާ ހުށަހެޅޭނެކަމަށް އީސީން ބުނެއެވެ. މި މުއްދަތުގައި ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ސައްހަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހެޅުމަށް ސަމާލުކަންދޭންވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ ޖުމްލަ 294،937 މީހުންނަށެވެ. އޭގެތެރޭގައި ހިމެނެނީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ.
އަންނަ އޭޕްރީލް 4 ގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ކޮމެޓީތަކަށް އިންތިހާބުކުރާނީ، ކޮންމެ ތަނަކަށް 681 މީހުންނެވެ. އެއީ، ދެ އިންތިހާބުގައި ޖުމްލަ 1،362 މީހުންނެވެ.