ބަސް ހުއްޓި ހަރަކާތެއް ނެތިފައި ޝައްޔާންއަށް އިރުކޮޅަކު ހުރެވުނީ، މިކުޑަކުޑަ ކުއްޖާގެ ހަގީގަތް ދެނެގަތުމަށް އޭނާގެ ހަވަނަ ހިއްސު މަޖުބޫރުކުރާތީ އެވެ.
"ކޮބާ ކިސްވާގެ މަންމަ..؟"
އެންމެ ސިކުންތަކަށްވެސް ޝައްޔާންއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. ނިއްކުރީގައި ހިފަހައްޓާލާފައި ޝައްޔާން ސުވާލުކުރީ ކެއްތެރިކަން ކޮޅުންލާތީ އެވެ.
ކިސްވާގެ ހަތަރެސްފަޔަށް އެރި ހުއްޓުން ޝައްޔާންއަށް ފާހަގައެއް ނުކުރެވުނެވެ. އަމާރާގެ އިންޒާރާއި ނަސޭހަތް ކިސްވާގެ ކަންފަތުގައި ތަކުރާރުވެގެން ދިޔައީ އަޑުގަދަ ރަނގަބީލެއްގެ ގޮތުގަ އެވެ.
"ކިސްވާގެ ފުރިހަމަ ނަމާއި މަންމަގެ ނަން އެއްވެސް މީހެއްގެ ގާތުގައި ނުބުނާތި.. އަހަރުމެން ދެމީހުންގެ ދިރިއުޅުމަށް އެފަދަ ކަމަކުން ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ.. އަބަދުވެސް މިކަމަށް ކިސްވާ ސަމާލުވާތި"
ވިސްނުން ތޫނު ދަރިފުޅުގެ ސިކުނޑިން، އަމާރާގެ އެ އިންޒާރާއި ނުތަނަވަސްކަން ދިރާސާކޮށްލުމަށް ހިނދުކޮޅެއްވެސް ނުނެގި އެވެ. އެސްފިޔައެއްވެސް ތަޅުވާނުލައި ހުރެ، ކިސްވާގެ އަތް އުފުލާލާފައި އިޝާރާތްކުރި ދިމާއަށް ޝައްޔާން ބަލައިލި އެވެ.
"ކިސްވާގެ މަންމަ އޭނީ.." ގަހެއްގެ ހިޔަލުގައި އިށީންދެލައިގެން ފޮތެއް ކިޔަން އިން އަންހެނަކު ކިސްވާ ދައްކައިލި އެވެ.
އާޝޯހްވެފައި ޝައްޔާން ބަލައިލި އެވެ. ދިވެއްސެއްކަމެއް ނުވަތަ އިންޑިއާ އަންހެނެއްކަމެއް ފާހަގަކުރާކަށް އެވަގުތު ނޭގުނެވެ. ލައިގެން އިނީ ކުރުތާއަކާއި ޖީންސްއެކެވެ. ކޮންމެވެސް ވަރެއްގެ ހިލަމެއް ވެގެން އެ އަންހެން މީހާ ކުއްލިޔަކަށް ބަލައިލީ ކިސްވާއަށެވެ. އަތުން އިޝާރާތްކޮށްލާފައި ޓާޓާ ކިޔައިލީ ހިނިތުންވެފަ އެވެ. ކިސްވާގެ އަތުގައި ހިފާލައިގެން ޝައްޔާން ހުރުމުންވެސް އެކަމަށް އޭނާ ހައިރާންވެ ނުވަތަ އިތުރު ސަމާލުކަމެއް ނުދިންކަން ޝައްޔާން ފާހަގަކުރި އެވެ.
"އެއީ.. ކިސްވާގެ.. މަންމަ؟" ޔަގީން ނުވެފައި ޝައްޔާން ސުވާލުކުރި އެވެ.
"ޔެސް. ޕާޕާ.. މަންމައަށް ކިޔަނީ ސަބާ؟''
ކުޅަދާނަ 'އެކްޓްރެސް'، ކިސްވާ ބުނެލީ ހުނަރުވެރިކަމާއެކު އެވެ. އެއް ފަހަރު ކިސްވާއަށް އަނެއް ފަހަރު ސަބާއަށް ޝައްޔާން ބަލައިލީ އޭނާ ބޭނުންވި ވަގުތު އެކަމަށް ނަގަމުންނެވެ.
ޝައްޔާން ވިސްނާލި އެވެ.
ކިސްވާއަކީ ސަބާގެ ދަރިއެއް ނޫންކަން، ހިއްސުތައް ހަމަޔަށް ނެތް މީހަކަށްވެސް އެނގޭނެކަމަށް އޭނާ ގަބޫލުކުރި އެވެ. ކިސްވާގެ ކިބައިގައި ހުރިފަދަ އެއްވެސް ސިފައެއް ސަބާގެ ނެތެވެ. ހަށިގަނޑުގެ ވަނާތަކާއި މޫނުގެ ސާފު ސިފަތަކާއި އިސްކޮޅާއި ހަށިގަނޑާއި ގައިހަމުގެ ކުލައާއި އިސްތަށިގަނޑާއި އަތްފައިގެ އިނގިލިތަކުން ފެށިގެން ނިޔަފައްޗަށް ބެލިޔަސް، އެއީ ކިސްވާގެ މަންމަ ނޫންކަން ޝައްޔާންގެ ލޮލުން ބޮލުން ޔަގީންކުރި އެވެ.
ނޭވާ ހިފަހައްޓާލާފައި ކިސްވާއަށް ޝައްޔާން ބަލައިލީ ތަފާތު ނަޒަރަކުންނެވެ. ކާކުކަން ނުވެސް އެނގުނު ވަގުތެއްގައި 'ފޭންސްގެ ކިބައިން' ޝައްޔާން ސަލާމަތްކުރުމަށް 'ޕާޕާ، ނުވަތަ ފޭކް ޕާޕާ'ގެ ނަން ބޭނުންކުރި 'ހުނަރުވެރި އެކްޓަރުގެ' މި ހަރަކާތް އެންމެ ރަގަޅަށް ނަގައިގަނެވޭނީ ޝައްޔާންއަށްކަން އޭނާގެ ހިތް ބުނެލި އެވެ.
ކުއްލިޔަކަށް ސަބާގެ އަތުން އިޝާރާތްކޮށްލީ ކިސްވާ އޭނާގެ ގާތަށް އައުމަށެވެ.
"އޯ-ކޭ، ކަޕްކޭކް... ނައިސް ޓު މީޓް ޔޫ، ބޭބީ ގަރލް..! މިވަގުތު މިދަނީ މީޓިންއަކަށް ދާންވެގެން.. އިން ޝާ ﷲ، އެހެން ފަހަރަކުން ބައްދަލުކޮށްލާނަން" ކިސްވާގެ ކޮލުގައި ފިރުމާލާފައި ޝައްޔާން ފަސްއެނބުރުނީ ދިއުމުގެ ކުރިން އަދިވެސް އެއްފަހަރު ސަބާއަށް ބަލައިލާފަ އެވެ.
ފަސް އެނބުރެލި ވަގުތު ޝައްޔާން ނިއްކުރީގައި ހިފަހަށްޓާލި އެވެ. މީގެ ކުރިން ކިސްވާގެ ސޫރަ އަޅާނުކިޔޭ ވަރަށް އަމާރާގެ ސިފަތަކާއި ކިސްވާގެ ހުރިހައި ސިފައެއް ޝައްޔާން އަޅާއިކިޔާން ފަށައިފި އެވެ. ބައެއް ސިފަތަކާއި، ބައެއް ފަހަރު ފާހަގަކުރެވިފައިވާ މިޒާޖަކީ ޝައްޔާންގެ ސިފަތަކާއި މިޒާޖުގެ ނަކަލެކެވެ. ދެ ލޯ މަރައި ތަގުޅި ކޮށްލެވުނީ، ނޭވާއަށް އޮކްސިޖަން ބޭނުންވާތީ އެވެ.
ލޮލުގެ ކުރިމަތީން އަމާރާގެ މައުސޫމް ހިނިތުންވުމާއި ބާރުގަދަ ބަލައިލުން ދުރަށް ނުލެވުނެވެ. ބާރަށް ހިނގާފައި ގޮސް ކާރަށް އަރައި ދޮރުލައްވާފައި ސީޓުގައި ފުށްކިބަ ޖެއްސީ ބާރަށެވެ. ސިކުނޑީގައި އެނބުރެން ފެށީ ބިރުވެރި އޮއެވަރެކެވެ. ހިތަށް ވެރިވާންފެށީ އުފުލަން އުނދަގޫ ހިޔާލްތަކެކެވެ.
ހަތް އަހަރުގެ ދަރިއެއް އަމާރާގެ ހުރެދާނެބާ އެވެ؟
އަމާރާއާއި ޝައްޔާންގެ ދަރިއަކު ދުނިޔޭގައި ހުރެދާނެބާ އެވެ؟
ނޫނެކެވެ. އެފަދަ މުހިއްމު ކަމެއް ޝައްޔާންއަށް އަމާރާ ސިއްރެއް ނުކުރާނެ އެވެ.
ނޫނީ...
ނޫނީ، ސިއްރުކޮށްފާނެބާ އެވެ؟
މޭގައި އަތް އަޅައި ފިއްތާލެވުނެވެ. ފާހަގަކުރެވުނީ ލޮލުގެ ކަރުނައިން ކޯތާފަތް ތެމެމުންދާކަމެވެ. ހައިރާން ވެފައި ޝައްޔާންގެ މޫނަށް، ކާރުގެ ރެއަރވިއު މިރޯރއިން ބަލައިލި އެވެ. ދެ ލޯ ރަތްވެ، ލޭ ތިކިޖަހައިފާނެހެން ހީވެ އެވެ. މިވަރުގެ ބާރުގަދަ ޖަޒުބާތަކުން ކުއްލިޔަކަށް ޝައްޔާންއަށް މިހައި އަސަރު މިކުރީ ކީއްވެބާ އެވެ؟ ވިސްނާ ވިސްނާވެސް ޖަވާބެއް ނުލިބުނެވެ.
ހަތް އަހަރުތެރޭގައި ފުރަތަމަ ފަހަރަށް ޝައްޔާންގެ ކަތުރު ކަށިގަނޑުން އަޑު ގޮއްވާލި އެވެ. އޭނާގެ ހިޔާލު ގެންދަން ބޭނުން ނުވާ މަންޒިލެއްގައި ވަކިހިއްޕާލައިފި އެވެ. ފުނަށް ވެލި ކޮނެ، ވަޅުލި މާޒީގެ މަންޒަރުތަށް ލޮލުގެ ކެމެރާގެ ލެންސްގައި ބާރަށް ދަތުރުކުރަން ފަށައިފި އެވެ. އެވަރުގެ ބޮޑުކަމެއް ޝައްޔާންއަށް އަމާރާ ސިއްރުކޮށްފާނެތޯ ތަކުރާރުކޮށް ސުވާލު އުފެއްދި އެވެ.
ޝައްޔާން ދޫކޮށް އަމާރާ 'ފިލީ'، އޭނާގެ ހަޔާތުގައި ލިބެން އޮތް އެންމެ ބޮޑު އުފާވެރިކަމުން މަހުރޫމްކޮށް، ބަދަލުހިފާންކަމަށް ޝައްޔާންގެ ހަވަނަ ހިއްސު އޭނާއަށް ބުނެދީފި އެވެ.
ސިކުނޑީގައި އުފެދުނު ބާރުގަދަ ތޫފާނުގައި ކާރުގެ ސްޕީޑް ބާރުކޮށްލީ ކުރިމަތީން އައި ކޮންމެ މީހެއްގެ ފުރާނައަށް އެމީހަކު ޒިންމާވުމަށް ޝައްޔާން އިންޒާރުދޭ ފަދައިންނެވެ.
...................
ކައިވެންޏާއި ގުޅުންހުރި ކޮންމެ ކަމެއް ހިނގަމުންދިޔައީ އަމާންކަމާއި އޮމާންކަމާއެކު އުފާވެރި މާހައުލެއްގަ އެވެ. ފަލަކް ނިސްބަތް ވަނީ އިންޑިއާގެ އާއިލާއަކަށް ކަމަށްވާތީ، ބައެއް މުނާސަބުތަށް ފަރުމާކުރެވިފައި ވަނީ އިންޑިއާގެ ސަގާފަތާއި އެއްގޮތަށެވެ.
ރާފީއާއި ރާފީގެ އާއިލާއާއިމެދު ޝައްޔާންގެ މަންމަ ޒަހްރާ ހިތްހަމަ ނުޖެހިފައިވިޔަސް، ކައިވެނީގެ އެއްވެސް ރަސްމިއްޔާތެއްގައި ގަދަ ބަސް ބުނެ، ފާޅުގައި ދެކޮޅު ހަދާފައި ނުވެ އެވެ. މީހަކާ އަނގައިން ނުބުނެ، ކަމެއްގައި ބައިވެރި ނުވެ، އޭނާގެ ގޮތުގައި ޒަހްރާގެ ވަގުތުތަށް ގުނަމުންދިޔައީ އޭނާގެ ނަސަބާއި ހަސަބަށްވުރެން އެތަށް ގުނައެއް ދަށުދަރަޖައިގެ އާއިލާގެ ތެރެއިން ސަލާމަތްވެވޭނެ ވަގުތެއްގެ އިންތިޒާރުގަ އެވެ.
އެއްވެސް ރަސްމިއްޔާތެއް، ކުލަ ގަދަކޮށް ނުބޭއްވުމާއި ގިނަ ބަޔަކަށް ދައުވަތު ނުދިނުމަކީ ޒަހްރާގެ ޝަރުތެކެވެ. ފަރީހާ އެކަމަށް އެއްބަސް ނުވިޔަސް، ދަރިންގެ އުފަލަށްޓަކައި އެކަމަށް 'އާން' ބަސް ބުނަންޖެހުނީ އެހެން ގޮތެއް ނެތުމުންނެވެ.
ކައިވެނީގެ ހަދީޔާއެއްގެ ގޮތުގައި ދިއްލީގެ އަގުބޮޑު ސަރަހައްދަކުން ފަލަކްއާއި ރާފީއަށް އެޕާޓްމަންޓެއް ގަނެދިން ސަބަބަކީވެސް އެފަދަ އާދައިގެ އާއިލާއެއްގެ ތެރޭގައި ފަލަކް ދިރިއުޅުން ބިނާކުރުމަށް ޒަހްރާ ނުގަބޫލު ވާތީ އެވެ. މާގިނަ މެހެމާނުންނަށް ދައުވަތު ދީފައި ނުވިޔަސް ދެ އާއިލާގެ އެންމެ ގާތް މީހުންނާއި ފަލަކްއާއި ރާފީގެ ގާތް ރައްޓެހިން ބައިވެރިވެފައިވާތީ ގޭތެރެވަނީ ކޮންމެވެސް ވަރަކަށް ހަލަބޮލި ވެފަ އެވެ.
ކައިވެނީގެ ކަންކަމާއި ގުޅުންހުރި ކޮންމެ ހަފްލާއެއް ބޭއްވޭ ދުވަހެއްގައި ނުވަތަ ރައިޒާދް އާއިލާއާއެކު އެއްވެސް ގާތްކަމެއް ބާއްވަން ތާވަލްކުރެވިފައިވާ ކޮންމެ ދުވަހެއްގައި ކިސްވާ، ސަބާއާއެކު އޭނާގެ ގެއަށް އަމާރާ ފޮނުވާލަ އެވެ. ރައިޒާދް އާއިލާއަށް ކިސްވާގެ ހިލަމެއްވެސް ވިޔަ ނުދިނުމަށެވެ. ގޭގެ ސިޓިން ރޫމުން ފެށިގެން ކޮޓަރިތަކުގައި ހުރި ކިސްވާގެ ހުރިހައި ފޮޓޯއެއް އަމާރާ ނަގައި ފޮރުވިފަހުންވެސް މަހެއްހައި ދުވަސް ފާއިތުވީ އެވެ.
ޝައްޔާންގެ ދުރުވިސްނޭ ސިކުނޑިއާއި، އެތަށް މަންޒަރެއް އެއްފަހަރާ ރައްކާކޮށްލުމުގެ ކުޅަދާނަކަން ލިބިފައިވާ، ބައްޓަށް ރީތި ދެ ލޯ، ކޮންމެ ސިކުންތެއްގައި ފާރަލަމުންދިޔަ އެއްވެސް މަންޒަރެއް އަތުޖެހޭ ގޮތް ވަނީ ނުވެފަ އެވެ. ކުރެވުނު ހުރިހައި ޝައްކެއް ވަޅުލައި ފަސް އަޅަން މަޖުބޫރުވީ ހިތާއި ދެކޮޅަށެވެ.
ކުރިއަށްދަނީ އުފާވެރި ހަފްލާއެކެވެ.
އިންތިޒާމްތަކުގެ ފުރިހަމަކަމާއި، ކެއުމުގެ ރަހަތަކަށް ތައުރީފު ނުކުރާ މެހެމާނަކު ނެތެވެ. ކޮންމެ އައިޓަމެއް ތައްޔާރުކުރެވުނީ ފަރީހާގެ ބެލުމުގެ ދަށުންނެވެ. އުފާވެރި މާހައުލެއްގައި ދެ އާއިލާއާއި އެންމެ ގާތް އެކުވެރިން ކެއުމަށް އިންސާފްކޮށް، ހަފްލާ ނިމުމަކަށް އައީ އެވެ.
ޕްރޮމޯޝަނެއްގެ ކުއްލި އިންޓަވިއުއަކަށް ދާންޖެހިގެން ޝައްޔާން އެ ނިކުތީ މީގެ ދިހަވަރަކަށް މިނެޓްކުރިންނެވެ. އޭނާއާއެކު ފަލަކްގެ މަންމައާއި ބައްޕަ އަދި އާއިލާގެ އެހެން މެންބަރުން ހިނގަށްޖެ އެވެ.
"މަންމާމމމމމ...!"
އެޕާޓްމެންޓް ދޮރު ހުޅުވުމާއެކު އެންމެންގެ ސަމާލުކަން ހުއްޓުނީ އިވުނު އަޑަށެވެ. (ނުނިމޭ)