ads
2007 ވަނަ އަހަރު އއ. ހިމަންދޫ ގައި ފުލުހުން ހިނގި އޮޕަރޭޝަނުގެ ތެރެއިން:---
ހަރުކަށި ފިކުރު: ޒަމާންވީ ނުރައްކާތެރި މައްސަލައެއް!
ރ. މަޑުއްވަރީގައި ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން ހިންގަމުން ގެންދާ އޮޕަރޭޝަނުން ހަނދާންވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އދ. ހިމަންދޫގައި ހިނގި އޮޕަރޭޝަންގެ މަތިންނެވެ.
Advertisement
ރ. މަޑުއްވަރީގައި ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން ހިންގަމުން ގެންދާ އޮޕަރޭޝަނުން ހަނދާންވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އއ. ހިމަންދޫގައި ހިނގި އޮޕަރޭޝަންގެ މަތިންނެވެ.

އެއީ 2007 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހެވެ.

ހިމަންދޫގައި ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި 63 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

ހިމަންދޫގެ އޮޕަރޭޝަނަކީ 29 ސެޕޓެމްބަރު 2007 ވަނަ ދުވަހު ސަލްޓަންޕާކުގައި އެއްޗެއް ގޮއްވާލައިގެން ދީފައިވާ ހަމަލާއާއި ގުޅިގެން ހިނގި އޮޕަރޭޝަނެކެވެ.



ހިމަންދޫއަށްވީ ކިހިނެއް؟ މަޑުއްވަރީއަށް ވީ ކިިހިނެއްތް؟

"މަނިކުފާނެވެ. ވޭތިވެދިޔަ ދިގު މާޒީގައި ޙާއްސަކޮށް މައުމޫން އަބްދުލްޤައްޔޫމް ވެރިކަމުގެ ފަހު ތިންއަހަރުގައި ހިމަންދޫގެ ވަކިއާއިލާއަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައްޔިތުންނަށް ވަނީ ވަރަށް ގިނަގުނަ އަނިޔާތަކެއް ދީފަ އެވެ. ސަބަބަކަށް އޭރުގެ ސަރުކާރުން ބުނަމުން ދިޔައީ ވަކިވެގަންނަން އުޅޭތީވެ ކަމަށެވެ. ނަމަވެސް އެކަންތައްތައް ހައްލުކުރުމަށް އޭރުގެ ސަރުކާރުން ވަނީ ނުކުޅެދިފަ އެވެ." ހިމަންދޫ ރަށު އޮފީހުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ސިޓީއެއްގައި 2009 ވަނަ އަހަރުގެ ލިޔެފައިވެ އެވެ.

ހިމަންދޫއަށް ސަލާމަތީ ބާރުތަކުން އަރައި ހިންގި އޮޕަރޭޝަނަކީ މަޑުވަރީގައި ހިނގަމުން ގެންދާ އޮޕަރޭޝަނާއި ދާދި އެއް މަސަލަތަކެއް ފާހަގަކުރެވިގެން ހިންގި އޮޕަރޭޝަނެކެވެ.

މިގޮތުން ދިވެހި ދައުލަތް ގަބޫލު ނުކުރުމާއި، ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރުމާއި، ކޯޓުން ބޭރުގައި ކުޑަކުދިންނާއި ކައިވެނި ކުރުމާއި، ކުޑަކުދިންނާއި އަންހެނުންގެ ހަގުތަކަށް އިހުތިރާމު ނުކުރާ ބަޔަކު ހިމަންދޫން ވެސް ފެނުނެވެ. މިއީ 12 އަހަރު ކުރީގެ ހާދިސާ އެކެވެ.

ސަލާމަތީ ބާރުތަކުން މިހާރު މަޑުއްވަރީގައި ކުރިއަށް ގެންދާ އޮޕަރޭޝަނާއި ގުޅިގެން ފުލުހުން ހާމަކޮށްފައިވަނީ މިފަދަ ހިތާމަވެރި ވާހަކަތަކެކެވެ.

ފުލުހުންގެ ހެޑް އޮފް ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް: ކްރައިމް ވިންގް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބިޝާރް ވިދާޅުވީ، ފުލުހުންނާއި ސިފައިން ގުޅިގެން ރ. މަޑުއްވަރީގައި ކުރިއަށްގެންދާ އޮޕަރޭޝަނަކީ ހަރުކަށި ފިކުރުގެ މީހުން، އެމީހުންގެ ފިކުރުތައް ފުޅާދާއިރާ އެއްގައި ފަތުރަމުންދާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބުމުން ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

"މިހަރުކަށި ފިކުގެ މީހުން ގަބޫލުކުރާ ގޮތުގައި ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް. އަދި މިމީހުން ގަބޫލުކުރާ ގޮތުގައި އެމީހުންގެ އެ ހަރުކަށި ފިކުރު ގަބޫލުނުކުރާ މީހުންގެ މުދަލާއި ނަފްސު އަދި ފުރާނަ އަކީ ގެއްލުން ދެވިދާނެ އެއްޗެއް." ފުލުހުންގެ މީޑިއާއަށް ބިޝާރު ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ.

މާޒީގައި ރިހިބިލިޓޭޝަން ފުރުސަތެއް ނެތް:

ހަރުކަށި ފިކުރުގެ މީހުންގެ ރީހެބް ސެންޓަރު ނުވަތަ، ޑީރެޑިކަލައިޒޭޝަން ސެންޓަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕޮލިސް ވެލްފެއާ ކޯޕަރޭޝަން (ޕޮލްކޯ)އާ އެވެ. އެއީ 49 މިލިއަން ރުފިޔާ އަށެވެ. ހޯމް މިނިސްޓްރީން ވަނީ މި ހިނގާ ޑިސެމްބަރު މަހުގެ ތެރޭގައި އެ ސެންޓަރު ހުޅުވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފަ އެވެ.

ނަމަވެސް ފާއިތުވީ 12 އަހަރު ދުވަހުގެ ތެރޭގައި މިފަދަ ސެންޓަރެއް ހުޅުވާފައެއް ނުވެ އެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، އިސްލާމިކް މިނިސްޓްރީން ހިމަންދޫ މީހުންގެ ދީނީ އެއްބައިވަންތަކަށް އާލާކުރުމަށް މަސައްކަތްތަކެއް ކުރި އެވެ.

މިކަން ހާމަވާ ކަމަކީ ހިމަންދޫ ރައްޔިތުންގެ ނަމުގައި ހިމަންދޫ އޮފީހުން ސަރުކާރަށް ސިޓީއެއް ފޮނުވައިފައިވެ އެވެ. އެ ސިޓީއަކީ ޖަލުގައި ތިބި ހިމަންދޫ ރައްޔިތުންނަށް ލުއި ދިނުމަށް އެދި ފޮނުވާފައިވާ ސިޓީއެކެވެ.

އެ ސިޓީން ރައީސް ނަޝީދުގެ ވެރިކަމުގައި ހިމަންދޫގައި ދީނީކަން ހުރިގޮތް ބައްލަވާ ކަމެވެ. ނަމަވެސް އެ މަސައްކަތް ހަވާލުކުރެއްވި ބައެއް ބޭފުޅުންގެ އިހުލާސްތެރި ކަމާ މެދު މިއަދު ސުވާލު އުފެދެ އެވެ. ސަބަބަކީ ޑރ. އަފްރާޝީމް އަލީގެ މަރުގެ ރިޕޯޓާއި ހަރުކަށި ފިކުރާއި ގުޅުންހުރި ކަމަށް ބުނާއިރު، އެ ރިޕޯޓަށްފަހު ރައީސް ނަޝީދުގެ ވެރިކަމުގައި މިނިސްޓަރު އޮފް ސްޓޭޓް ފޯ އިސްލާމިކް އެފާއަޒްކަން ކުރެއްވި އަދި ފަހުން ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ހިންމަންދޫ މީހުންގެ ދީނީ އެއްބައިވަންތަކަން ބެލެހެއްޓުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާފައިވާތީ އެވެ.

"ޚާއްސަކޮށް އައްޝައިހް މުޙައްމަދު ޝަހިމް އަލީ ޝައީދު އަޅުގަނޑާއި ފޯނުން ގުޅުއްވައިގެން ރަށުގެ ހާލަތު ނުބަލާ ދުވަހެއް ނުދެ އެވެ. އެކުރައްވާ ބުރަ މަސައްކަތްތަކުގެ ފޮނިމީރުކަން މިހާރު ދަނީ ފެންނަމުންނެވެ." 2009 ވަނަ އަހަރު ހިމަންދޫ ރަށު އޮފީހުން ރައީސް ނަޝީދަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އުފައްދަވާފައި، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަން (މަރު ކޮމިޝަން) އިން ވަނީ އެ ކޮމިޝަނުން ބަލަމުން ގެންދިޔަ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުގީގަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދޮގު މައުލޫމާތު ދެއްވާފައިވާތީ އާއި، ތަހުގީގަށް ހުރަސް އަޅުއްވާފައިވާތީވެ އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ދައުވާކޮށްދިނުމަށް އެދި ފޮނުވާފަ އެވެ.

މިހެންކަމުން ރައީސް ނަޝީދު ވެރިކަމުގައި ވެސް އެ މަސައްކަތް ހަވާލުކުރެވުނީ އެންމެ އެކަށީގެންވާ ބޭފުޅުންނާތޯ ސުވާލު އުފެދެ އެވެ.





ހަރުކަށި ހިޔާލުތައް ފެތުރުމުގައި ސްކޫލުތަކާއި ސޯޝަލް މީޑިއާ:

ރާއްޖޭގައި ހަރުކަށި ފިކުރުތައް ފެތުރުމުގައި ޓީޗަރުން ހަރަކާތްތެރިވާ ކަމަށް އދ.ގެ ހާއްސަ ރެޕަޓުއާ ކަރީމާ ބެނޫން މިއަހަރުގެ ޖޫން މަހު ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ފާހަގަ ކުރައްވާފައިވެއެވެ.

ބެނޫން ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމުގެ ރިޕޯޓުތައް ކަންބޮޑުވާ މިންވަރަށް ލިބެމުންދާ ކަމަށެވެ.

"އިންޓަނެޓު މެދުވެރިކޮށް އެފަދަ ފިކުރުތައް ފަތުރަމުންދާއިރު، ޓީޗަރުން ވެސް މިކަމުގައި ހިމެނޭކަން އަޅުގަނޑުމެންނަށް ވަނީ ފާހަގަވެފައި،" މާގިރި ހޮޓަލުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

ބެނޫން ވިދާޅުވީ އެފަދަ ފިކުރުގެ ސަބަބުން ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، ސަގާފަތް ދިރުވުމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށާއި، އެކަންކަން ރަނގަޅުވާން ޖެހޭ ކަމަށެވެ.

"އެފަދަ ފިކުރުތަކާއި ދެކޮޅަށް މަސައްކަތް ކުރާ މީހުންނަށް ރައްކާތެރި މާހައުލެއް ގާއިމް ވާން އެބަ ޖެހޭ،" ބެނޫން ވިދާޅުވެފައިވެ އެވެ.

މީގެއިތުރުން ސަރުކާރުން އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވެސް ރާއްޖޭގެ ސްކޫލުތަކުގައި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރާ ޓީޗަރުން ބޭތިއްބުމަށް ވަނީ ނިންމާފަ އެވެ.

މިގޮތުން ހިމަންދޫގައި ހިނގާފައިވާ މިފަދަ ފާހަގަކޮށްލެވޭ ކަމެއް ހިއްސާކޮށްލާނެމެވެ. އއ. ހިމަންދޫ ސްކޫލުގެ އެސެމްބްލީގައި ލަވަ ނުކިޔާ ގޮތަށް އެ ސްކޫލު ބޯޑުން ވަނީ 2010 ވަނަ އަހަރު ހަމަޖައްސާފަ އެވެ.

ހަވީރު ނޫހުގައި 2010 ވަނަ އަހަރުގެ ފެބުރުއަރީ 16 ވަނަ ދުވަހު ލިޔެފައިވާ އާޓިކަލެއްގައި ބުނެފައިވަނީ، ސްކޫލު ބޯޑުގެ ޗެއާޕާސަން އަބްދުﷲ ޖަމީލު ވިދާޅުވި ގޮތުގައި އެސެމްބްލީގައި ސްކޫލުގެ ލަވަކިޔުން ހުއްޓާލީ އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ސްކޫލުގެ ގިނަ ޓީޗަރުންނާއި ބެލެނިވެރިންނަށް ފެނިގެން ކަމަށެވެ.

ހިމަންދޫގެ އިތުރުން ރާއްޖޭގެ އެތައް ރަށެއްގައި މިއަދު ސްކޫލުގެ ލަވަ ނުކިޔަ އެވެ. ނުވަތަ ސްކޫލު ލަވައާއި ގައުމީ ސަލާން ކިޔަސް މިއުޒިކެއް ނުޖަހަ އެވެ.



ހިމަންދޫ މައްސަލައިގައި ހައްޔަރުކުރި މީހުންނާއި ގުޅުންހުރި މައްސަލަތައް އަދިވެސް ފެންމަތިވޭ:

މިގޮތުން މިހާރު ފުލުހުން މަޑުއްވަރީގައި އޮޕަރޭޝަނެއް ހިނގަމުން ގެންދާއިރު، އެ ރަށަށް ނިސްބަތްވާ ދޯންޏެއްގައި ވަނީ މީހަކަށް ބޮޑެތި އަނިޔާތަކެއް ދިނުމަށްފަހު ކަނޑަށް އެއްލާލާފަ އެވެ. އެ ހާދިސާއާއި ގުޅިގެން ފެންމަތިވި މައްސަލަތަކަށް ބަލާއިރު ކަނޑަށް އެއްލާލި މީހާ އުޅެނީ 18 އަހަރުން ދަށުގެ ކުއްޖެއް އެއީ އޭނާގެ އަނބި މީހާ ކަމަށް ހަދައިގެންނެވެ.

ކައިވެނީގެ ނަމުގައި ގުޅުން ހިންގައި، ބަލިވެ އިން ކުއްޖާގެ ބައްޕައަކީ ހަރުކަށި ފިކުރަށް ތާއީދުކުރާ ބަޔަކު އއ. ހިމަންދޫގައި 2007 ވަނަ އަހަރު ފުލުހުންނާއި ސިފައިންނާ ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހެއް ކަން އެނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވަނީ މި ހުސްވި ނޮވެމްބަރު މަހު ވިދާޅުވެފަ އެވެ.

އަވަސް ހައްލެއް ބޭނުންވޭ:

2018 ވަނަ އަހަރު އެކަނިވެސް ގާނޫނާ ޚިލާފުވެގެން ޖުމްލަ 349 ކުދިންގެ މައްސަލަ ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށަހަޅާފައިވެ އެވެ. މަރު ކޮމިޝަނުން މިހާތަނަށް އާންމުކުރި ރިޕޯޓުތަކުން ހާމަވާ އެންމެ ހިތާމަވެރި އެއްކަމަކީ ވެސް ގޭންގުތަކުގެ ދަށުގައި އެތައް ކުޑަކުދިންނެއް ވާއިރު، އެ ގޭންގުތައް ހަރުކަށި ފިކުރުގެ މީހުން ކޮންޓްރޯލް ކުރާ ކަމެވެ.

މަޑުއްވަރީގައި ދިރިއުޅޭ ބަޔަކު ވެސް ގެންދަނީ ކުޑަކުދިންނައި އަންހެނުންގެ ހައްގުތައް ގެއްލުވާލަމުން ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން ކުޑަކުދިންގެ ކިޔެވުމުގެ ހައްގާއި، ވެކްސިން ދިނުމުގެ ހައްގު ނިގުޅައިގަނެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުންވެސް ކައިވެނީގެ ނަމުގައި ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކޮށް އެކުދިން ޖިންސީ އަނިޔާގެ ޝިކާރައަކަށް ހަދާފައިވާކަން ފުލުހުން ދީފައިވާ މައުލޫމާތުން ހާމަވެ އެވެ.

ކައުންސިލަރުންނާ އެކު ދައުލަތުގެ އިސްވެރިން މިދިޔަ ހަފްތާގައި ކުރިއަށް ގެންދިޔަ 'ވިއަވަތި' މަހާސިންތާގައި ވާހަކަދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މީހުންގެ ފުރާނަ ދުއްވާލުމަށް ފަސްނުޖެހޭ ހިސާބަށް ދީނީ ހަރުކަށި ވިސްނުން ހުރި 1400 އަށް ވުރެ ގިނަ ދިވެހިން އުޅޭ ކަމަށެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ މީހުން ހިމެނޭ ޖަމާއަތްތަކާއި އެމީހުންގެ ހަރަކާތްތަކާއި އަދި އެމީހުންގެ އަދަދުތައް ވެސް ކަމާ ގުޅޭ އިދާރާތަކަށް އެނގޭ ކަމަށްވެސް ހަމީދު ވަނީ ވިދާޅުވެފަ އެވެ. އެއީ ކޮން ބައެއްކަން އެނގޭނަމަ ލަސްނުކޮށް އަވަހަށް ރިހިބިލިޓޭޝަން ޕްރޮގްރާމުތައް ފަށައި މި ދިވެހި ގައުމަކީ އަމާން ތަނެއްގެ ގޮތުގައި ހައްދަވާށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;